ސެޕްޓެމްބަރ 23 ގައި ބޭއްވުމަށް ހަމަޖެހިފައިވާ ރިޔާސީ އިންތިހާބުގައި ވާދަކުރުމަށް ދޫކުރާ ފޯމް ނުވަ ފަރާތަކުން ނަގާފައިވާ ކަމަށް އިލެކްޝަން ކޮމިޝަނުން ބުނެފިއެވެ.

ރިޔާސީ އިންތިހާބުގައި ވާދަކުރުމުގެ ފުރުސަތު އިލެކްޝަން ކޮމިޝަނުން މިދިޔަ ހޯމަ ދުވަހު ހުޅުވާލުމާއެކު ބުރާސްފަތި ދުވަހު ވަނީ އިދިކޮޅު މައި ޕާޓީ އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓު އިބްރާހިމް މުހައްމަދު ސޯލިހު (އިބޫ)އާއި ރަނިންގް މޭޓް ފައިސަލް ނަސީމް ފޯމު ހުށަހަޅުއްވާފައެވެ. އަދި މިއަދު އިލެކްޝަނުން ވަނީ އެ ފަރާތްތަކުގެ ކެންޑިޑެސީ ބަލައިގަނެފައެވެ.

ސެޕްޓެމްބަރު 23 ގައި ބާއްވާ ރިޔާސީ އިންތިހާބްގައި ވާދަކުރުމަށް އެންމެ ފުރަތަމަ ފޯމް ހުށަހެޅުއްވި އިބޫ އަދި ފައިސަލްގެ ފޯމް ޝަރީފްއާ ހަވާލުކުރައްވަނީ --- ފޮޓޯ: އެމްޑީޕީ

އިލެކްޝަން ކޮމިޝަނުގެ ރައީސް އަހްމަދު ޝަރީފް "ސަން"އަށް ވިދާޅުވީ މިހާތަނަށް ނުވަ ފަރާތަކުން ރިޔާސީ އިންތިހާބުގައި ވާދަކުރާ ފޯމު ނަގާފައިވާ ކަމަށެވެ. ނަމަވެސް އިބޫ ފިޔަވައި އެހެން ފަރާތަކުން އަދި ފޯމު ހުށަހަޅާފައި ނުވާކަމަށްވެސް ޝަރީފް ވިދާޅުވިއެވެ.

އިބޫގެ އިތުރުން ދެން ރިޔާސީ އިންތިހާބްގައި ވާދަކުރައްވާނެކަން އިއުލާން ކޮށްފައިވަނީ ޕީޕީއެމްގެ ރިޔާސީ ކެންޑިޑޭޓު ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމާއި ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީރުގެ އިތުރުން ލޯކަލް ގަވަމެންޓް އޮތޯރިޓީ (އެލްޖީއޭ)ގެ ކުރީގެ ނައިބު ރައީސް ޝުޖާއު ހުސެއިންނެވެ.

އިލެކްޝަން ކޮމިޝަނުން އިއްޔެ ވަނީ ރިޔާސީ އިންތިހާބަށް ކުރިމަތިލުމުގެ ފުރުސަތު އަންނަ މަހުގެ 10 ވަނަ ދުވަހާއި ހަމައަށް އިތުރު ކޮށްފައެވެ.

މެއި 11، 2018: ޕީޕީއެމް އިނ ބޭއްވި ޖަލްސާއެއްގައި ރައީސް ޔާމީން، ޕީޕީއެމްގެ ސެކްރެޓަރީ ޖެނެރަލް ޑރ. ޚަލީލްއާ ސަލާން ކުރައްވަނީ -- ސަން ފޮޓޯ/ ފަޔާޒު މޫސާ

ޕީޕީއެމްގެ ސެކެޓްރީ ޖެނަރަލް ޑރ. އަބްދުﷲ ޚަލީލް ވިދާޅުވީ ކުރިއަށް އޮތް ރިޔާސީ އިންތިހާބްގައި ވާދަކުރައްވާ އެ ޕާޓީގެ ރިޔާސީ ކެންޑިޑޭޓު ރައީސް އަބްދުﷲ ޔާމީންގެ ފޯމު ވަރަށް އަވަހަށް އިލެކްޝަނަށް ހުށަހަޅުއްވާނެ ކަމަށާއި އެކަމަށްޓަކައި ވާންޖެހޭ އެންމެ ފަހުގެ ތައްޔާރީތައް މިހާރު ވަމުން އަންނަ ކަމަށެވެ.

"ޑިއު ޑޭޓް ހަމަވުމުގެ ކުރިން ރައީސް ޔާމީންގެ ފޯމު އިލެކްޝަނަށް ހުށަހަޅާނެ. އެކަމަށް ޝައްކެއް ކުރައްވާނެ ކަމެއް ނެތް،" ޚަލީލް "ސަން"އަށް ވިދާޅުވިއެވެ.

ރިޔާސީ އިންތިހާބްގައި ވާދަކުރެވޭނީ އުމުރުން 30 އަހަރާއި 65 އަހަރާ ދެމެދުގެ، ޝަރުތު ހަމަވާ ދިވެހި ރައްޔިތުނަށެވެ. އަދި އިދާރީ ފީ އެއްގެ ގޮތުގައި 100،000ރ. ހުށަހަޅަން ޖެހެއެވެ.