28 Jul 2018, 12:14
ބޭސްފަރުވާ ހޯދުމަށް ބޭރު ގައުމުތަކަށް ދަތުރުކުރާ ދިވެހީންގެ އަދަދު މަދުވެއްޖެކަމަށް މަރުކަޒީ ބޭންކުން ކުރި ސާވޭއިން ދައްކައިފިއެވެ.
މޯލްޑިވްސް މަނިޓަރީ އޮތޯރިޓީން 2015 ވަނަ އަހަރުން ފެށިގެން ކޮންމެ އަހަރެއްގައި ވެސް ދިވެހީން ރާއްޖެއިން ބޭރަސް ދަތުރުކުރާ ޕީކް ސީޒަނާ ދިމާކޮށް، ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގެ އެރައިވަލް ހޯލުގައި، ރާއްޖެއިން ބޭރުން އަންނަ ދިވެހީންގެ ދަތުރާ ގުޅޭ ސާވޭއެއް ކުރަމުންނެވެ.
ދިވެހީން ރާއްޖެއިން ބޭރަށް ދަތުރުކުރާ ޕީކް ސީޒަނަކީ ދިރާސީ އަހަރު ނިމުމުން ލިބޭ ޗުއްޓީ ދުވަސްވަރެވެ. އެމްއެމްއޭއިން ބުނީ މި ސާވޭގެ ނަތީޖާތައް، އަހަރުގެ އެހެން ދުވަސްވަރުތަކާ ތަފާތުވުމަކީ އެކަށީގެންވާ ކަމެއް ކަމަށެވެ.
"މޯލްޑިވިއަންސް ޓްރެވެލިންގް އެބްރޯޑް ސާވޭ" މިދިޔަ އަހަރު ކުރިއަށް ގެންދިޔަ މުއްދަތުގައި 6،943 ދިވެއްސަކު ރާއްޖެ އައި ކަމަށް ދައްކާ އިރު، އެމްއެމްއޭގެ ސާވޭގެ ތެރެއިންް 4،220 މީހަކު ވަނީ ސާވޭގައި ބައިވެރިކޮށްފައެވެ.
ސާވޭގެ ނަތީޖާތައް ދައްކާ ގޮތުގައި، ސާވޭގެ މުއްދަތުގައި ރާއްޖެއިން ބޭރަށް ބޭސްފަރުވާއަށް ދިޔަ ދިވެހީންގެ އަދަދަކީ 1،889 މީހުންނެވެ. އެއީ ސާވޭގެ ބައިވެރީންގެ ތެރެއިން 45 ޕަސަންޓެވެ.
2016 ވަނަ އަހަރު ބޭސްފަރުވާއަށް ރާއްޖެއިން ބޭރަށް ދިޔަ މީހުންގެ އަދަދަކީ 2،281 އެވެ. އެއީ 51 ޕަސަންޓެވެ. އަދި ސާވޭ ކުރިއަށް ގެންދިޔަ ފުރަތަމަ އަހަރުގެ ނަތީޖާ ދައްކާ ގޮތުން އެ އަހަރުގެ އެ މުއްދަތުގައި ބޭސްފަރުވާއަށް ދިޔައީ 2،247 މީހުން، ނުވަތަ 58 ޕަސަންޓު މީހުންނެވެ.
ބޭސްފަރުވާއަށް އެންމެ ގިނައިން މީހުން ދިޔައީ އިންޑިއާއަށެވެ. އެއީ 1،233 މީހުންނެވެ. ދެން އެންމެ ގިނައިން މީހުން ދިޔައީ ސްރީލަންކާ އަދި ތައިލެންޑަށެވެ.
އިންޑިއާއަށް ބޭސްފަރުވާއަށް ދިޔަ މީހުން އެވަރޭޖްކޮށް ބޮލަކަށް 641 ޑޮލަރު ޚަރަދުކޮށްފައިވާ ކަމަށް ދައްކައެވެ. ދެވަނައަށް އެންމެ ގިނަ މީހުން ދިޔަ ސްރީލަންކާގައި އެވަރޭޖްކޮށް ޚަރަދުކޮށްފައިވަނީ 499 ޑޮލަރެވެ. އެއީ 2016 ވަނަ އަހަރާ އަޅާ ބަލާއިރު 21 ޕަސަންޓު ދަށް އަދަދެކެވެ.
ބޭސްފަރުވާއަށް ދިޔަ މީހުންގެ ތެރެއިން އެންމެ ގިނައިން ހަރަދުކުރީ ސިންގަޕޫރަށް ދިޔަ މީހުންނެވެ. ސާވޭގެ މުއްދަތުގައި ބޭސްފަރުވާއަށް ސިންގަޕޫރަށް ދިޔަ މީހުން ބޮލަކަށް 2،500 ޑޮލަރު ހަރަދުކުރިކަމަށް ދައްކައެވެ.