ތެޔޮ ބަރުކޮށްގެން މާލޭގައި ދުއްވާ ފިޔުލް ބައުޒަރުތަކާމެދު ސަމާލުވުމަށް އެމްއެންޑީއެފުން ބުނެފި އެވެ.
އެމްޑީއެފުން ބުނީ މާލޭގައި ތެޔޮވިއްކާ ފަރާތްތަކުން ގެންގުޅޭ ފިއުލް ބައުޒަރުތައް ދުއްވުމުގައި އާންމުކޮށް މީހުންއުޅޭ ސަރަޙައްދުތަކުން ދުއްވުމާއި، ހުއްދަކުރެވިފައިވާ ސަރަޙައްދު ނޫން އެހެން ސަރަޙައްދުތަކުގައި ޕާކްކޮށް ހެދުމުގެ އިތުރުން ހުއްދަނެތް ސަރަޙައްދުތަކުން އުޅަނދުތަކަށް ތެޔޮ އަޅާދެމުންދާކަން ފާހަގަކުރެވިފައިވާ ކަމަށެވެ.

ސިފައިން ބުނީ ފިއުލް ބައުޒަރުތަކުގެ އަލިފާން ނިއްވާ އާލާތްތައް ހަލާކުވެ ނުވަތަ މުއްދަތު ހަމަވެ، ބޭނުން ނުކުރެވޭ ހާލަތުގައި ހުރިކަމާއި، އިންޖީނު ހަލާކުވެ ނުވަތަ ނުދުވާ ހާލަތުގައި ހުންނަ ވެހިކަލްތައް "ޑިސްޕެންސާ" ގެ ގޮތުގައި ބޭނުންކުރަމުންދާ ކަމަށެވެ. ބައުޒަރުތަކުގެ ތެރެއަށް ތެޔޮ އެޅިފައި ހުރުމުގެ އިތުރުން ދުއްވާއިރުގަޔާއި ހުއްޓާފައި އޮންނައިރުވެސް ބައުޒަރުތަކުން މަގުމައްޗަށް ގިނަ އަދަދަކަށް ތެޔޮ ލީކު ވަމުންދާ ކަމަށް ވެސް ބުންޏެވެ.

"... މިފަދަ ކަންކަމަކީ، އެކްސިޑެންޓެއްގެ ސަބަބުން ނަމަވެސް ފިއުލް ބައުޒަރެއްގައި އަލިފާނުގެ ހާދިސާއެއް ހިނގައިފިނަމަ، އާންމު ރައްޔިތުންގެ ފުރާނައާއި މުދަލަށް ބޮޑެތި ގެއްލުންތަކެއް ލިބިދާނެ ކަމެކެވެ. އެހެންކަމުން އާންމުކޮށް މީހުން އުޅޭ ސަރަޙައްދުތަކުގައި ފިއުލް ބައުޒަރުތައް ނުދުއްވުމުގެ އިތުރުން، ހުއްދަ ކުރެވިފައިވާ ސަރަޙައްދުތަކުން ތެޔޮ އަޅައިދެމުން ގެންދިޔުމަށާއި، ހުއްދަ ކުރެވިފައިވާ ތަންތަނުގައި ޕާކް ކުރުމަށާއި، ފިއުލް ބައުޒަރުތަކުން ތެޔޮ ލީކު ނުވާނެގޮތެއްގެ މަތިން ބައުޒަރުތައް ސާފުތާހިރުކޮށް، މަރާމާތުކޮށް ބެލެހެއްޓުމަށް ބައުޒަރުތައް ގެންގުޅޭ ފަރާތްތަކަށް އިލްތިމާސް ކުރަމެވެ،" ފިއުލް ބައުޒަރުތަކާ ބެހޭ ގޮތުން ސިފައިން ނެރުނު ބަޔާނެއްގައި ވެއެވެ.