ކުރިއަށް އޮތް ރިޔާސީ އިންތިހާބްގައި އިދިކޮޅު ކެންޑިޑޭޓެއްގެ ގޮތުގައި ވާދަކުރައްވާ ހިންނަވަރު ދާއިރާގެ މެންބަރު އިބްރާހިމް މުހައްމަދު ސޯލިހު (އިބޫ) ކެމްޕެއިން ދަތުރެއްގައި ބ. އަތޮޅަށް ފުރާވަޑައިގެންފިއެވެ.

އިބޫ އާއި ރަނިންމޭޓް ކާށިދޫ ދާއިރާގެ ޖުމްހޫރީ ޕާޓީގެ މެންބަރު ފައިސަލް ނަސީމްގެ ކެޑިޑެންސީ އިލެކްޝަން ކޮމިޝަނުން މިއަދު ބަލައިގަނެފައިވާއިރު މި ދަތުރުވެގެން ދާނީ ކެޑިޑެންސީ ބަލައިގެންފަހުން އިބޫ ހިންގަވާ ފުރަތަމަ ކެމްޕެއިން ހަރަކާތަށެވެ.

އިބޫގެ މި ދަތުރުގައި ބ. އަތޮޅުގެ ގިނަ ރަށްތަކަކަށް ދިއުމަށް ހަމަޖެހިފައިވާއިރު މިރޭ ތުޅާދޫގައި ޖަލްސާއެއް ބޭއްވުމަށް ވަނީ ނިންމާފައެވެ. އަދި މާދަމާ ރޭ ދަރަވަންދޫ ރައްޔިތުންނާއެކު ހަފްލާއެއް ބޭއްވާނެ ކަމަށް އެމްޑީޕީން ބުނެއެވެ. އިބޫ އެނބުރި މާލެ ވަޑައިގަންނަވާނީ އަންނަ ހޯމަ ދުވަހުއެވެ.

އިބޫގެ އަރިހުގައި އިދިކޮޅު އެމްޑީޕީގެ އިތުރުން ޖުމްހޫރީ ޕާޓީ، އަދާލަތު ޕާޓީ އަދި ރައީސް މައުމޫންގެ ރިފޯމް މޫމުންޓްގެ އިސް ފަރާތްތަކުން ބ. އަތޮޅަށް ދަތުރުކުރައްވައެވެ. އޭގެ ތެރޭގައި ޖުމްހޫރީ ޕާޓީގެ ކައުންސިލް މެމްބަރު އާއިޝަތު ނަހުލާ ވަނީ ކެމްޕެއިން ޓީމާއި އެކު ބ. އަތޮޅަށް ފުރާވަޑައިގެންފައެވެ.

ކެމްޕެއިނަށް ފުރާވަޑައިގަތުމުގެ ކުރިން އެއާޕޯޓްގައި ހުންނަވައި މީޑިއާއަށް މައުލޫމާތު ދެއްވަމުން އިބޫ ވިދާޅުވީ ގުޅުފައިވާ ޕާޓީތަކުން ހުށަހަޅާފައިވާ ކަންތައްތައް ހިމަނައިގެން "ޖަޒީރާ" މެނިފެސްޓޯ ކުރިއަށް އޮތް ދެ ދުވަހެއްގެ ތެރޭގައި އިއުލާނުކުރައްވާނެ ކަމަށާއި އެ ދަތުރުގައި ވެސް މެންފެސްޓޯގައި ހިމެނޭ ބައެއް ކަންތައްތައް ހާމަކުރައްވާނެ ކަމަށެވެ.