ބުރިޖާ ގުޅޭ މަގުތަކުގެ ތާރުއެޅުމުގެ މަސައްކަތް އަންނަ ހަފްތާގައި ފަށާނެކަމަށް ހައުސިން މިނިސްޓްރީއިން މިއަދު ބުނެފިއެވެ.

ހައުސިން މިނިސްޓްރީގެ މީޑިއާ ކޮންސަލްޓަންޓް އަހުމަދު ފަޒާލް މިއަދު "ސަން" އަށް ވިދާޅުވީ ތާރުއެޅުމުގެ މަސައްކަތް އަންނަ ހަފްތާގައި ފަށާނެކަމަށާއި މަސައްކަތް ފަށާނީ ހުޅުމާލޭ ފެރީ ޓާމިނަލް ކައިރިން ކަމަށެވެ.

"ބުރިޖާ ގުޅޭ މަގުތަކުގެ ތާރު އެޅުމުގެ މަސައްކަތް އަންނަ ހަފްތާގައި ފެށިގެންދާނެ. މި މަސައްކަތް ފުރަތަމަ ފަށާނީ ހުޅުމާލޭ ފެރީ ޓާމިނަލް ސަރަހައްދުން،" ފަޒާލް ވިދާލުވިއެވެ.

ބްރިޖާއެކު މަގުގެ މަސައްކަތްތައްވެސް ނިމޭނެ ކަމަށް ހައުސިން މިނިސްޓްރީން ވަނީ ބުނެފައެވެ.

ބްރިޖާ ގުޅިފައިވާ މާލޭގެ ބޮޑުތަކުރުފާނު މަގު: އެ އެ މަގުގައި އަންނަ ހަފްތާގައި ތާރުއަޅަން އަޅަން ފަށާނެ ކަމަށް ހައުސިން މިނިސްޓްރީން ބުނޭ --- ސަން ފޮޓޯ/ މުހައްމަދު އަފްރާހު

ބްރިޖާ ގުޅިގެން ހަދަން ނިންމާފައިވަނީ ބޮޑު ތަކުރުފާނު މަގުން ސަލްމާން ރަސްގެފާނު މިސްކިތާ ހިސާބުން ފެށިގެން ދެކުނު ފަރާތުން މާލޭގެ އިންޑަސްޓްރިއަލް ވިލެޖާ ހަމައަށެވެ. އަދި ބުރިޖާ ގުޅިގެންދާ އެ މަގުތަކުގައި ތާރު އަޅަން ވެސް ވަނީ ނިންމާފަ އެވެ. އެގޮތުން މިހާރު ވަނީ މަގުތައް ކޮނެ ނަރުދަމާގެ މަސައްކަތްތައް ވެސް ދަނީ ކުރަމުންނެވެ. އަދި އިރުމަތީ ފަރާތުން އާޓިފިޝަލް ބީޗުގެ ބޮޑު ބައެއް ތަޅާލައި ޕޭވްމަންޓު ވެސް ވަނީ ބަދަލުކޮށްފައެވެ.