28 Jul 2018, 10:20
މެންޗެސްޓާ ޔުނައިޓެޑްގެ ކޯޗު ހޯޒޭ މޮރީނިއޯ އަބަދުވެސް ފާހަގަކުރެވޭ ނޫސް ކޮންފަރެންސްތަކުގައި އިދިކޮޅު ކޯޗުންނަށް ބަހުގެ ހަމަލާތައް ދޭ ކޯޗެއްގެ ގޮތުގައެވެ.
ހާއްސަކޮށް ސީޒަނެއް، ނޫނިއްޔާ މެޗެއް ފެށުމުގެ ކުރިން މޮރީނިއާ އަބަދުވެސް އިދިކޮޅަށް ނުކުންނަ ޓީމުތަކަށް ކޮންމެވެސް އެއްޗެކޭ ބުނެލާނެއެވެ. ކޮންމެވެސް "މައިންޑް ގޭމެއް" ކުޅެލާއެވެ.
މިފަހަރުގެ ސީޒަނަށް ލިވަޕޫލުން ވަރުގަދަ ޓްރާންސްފާތަކެއް ކޮށްފައިވާ އިރު، މޮރީނިއޯ ފުރަތަމަވެސް ބަހެއް އެއްލީ އެޓީމަށެވެ. އޭނާ މީޑިއާގެ ކިބައި އެދިފައި ވަނީ ޕްރިމިއާ ލީގު ލިވަޕޫލުން ހޯދަން ޖެހޭނެ ކަމަށް ބުނުމަށެވެ.
މޮރީނިއޯ ބުނެފައި ވަނީ މީޑިއާއިން އިންސާފުވެރިވާން ޖެހޭ ކަމަށާއި، ލިވަޕޫލްއިން މިދިޔަ ސީޒަނުން ފެށިގެން ކުރަން ފެށި ހަރަދުތަކަށް މިހާރު ތަށްޓެއް ހޯދެން ވެއްޖެކަން، މީޑިއާއިން އެޓީމުގެ ކޯޗު ޔާގަން ކްލޮޕަށް އަންގަދޭން ވެއްޖެ ކަމަށެވެ.
މޮރީނިއޯގެ ބަހުގެ ހަމަލާއާ ގުޅިގެން ކްލޮޕް ބުނީ މޮރީނިއޯ ކޮންމެ ވާހަކައެއް ދެއްކިޔަސް އޭނާއަށް ފަރުވާލެއް ނެތް ކަމަށެވެ.
"މިއީ ތަހުޒީބީ ދުނިޔެ. މިހާރު އެކަކު އެނަކަކު ބުނާ އެއްޗަކަށް ރުޅި އަންނާކަށް ނުޖެހޭނެ. އަހަރެން މޮރީނިއޯ ދެކެ އެއްވެސް ވަރަކަށް ރުޅި ނާދޭ. އަހަރެން މި ކްލަބުގައި ކުރާ މަސައްކަތަކީ، ކްލަބުގެ ކުޅުންތެރިންނާއި ސަޕޯޓަރުން ބޭނުންވާ މަސައްކަތް. މޮރީނިއޯއާއި ޔުނައިޓެޑްގެ ކަންކަމަށް ނުވިސްނަން،" މޮރީނިއޯގެ ވާހަކަތަކާ ގުޅިގެން ސަމާސާ ރާގަކަށް ކްލޮޕް ބުންޏެވެ.
ކްލޮޕް ބުނެފައި ވަނީ އޭނާ ބޮޑެތި ހަރަދުތަކެއް ކުރި ނަމަވެސް، ލީގު ހޯދުމަށް ކޮންމެހެން މަޖުބޫރު ނުވާނެ ކަމަށެވެ.
"ޕްރިމިއާ ލީގު ހޯދުމަށް ލިވަޕޫލަށް ކޮންމެހެން މަޖުބޫރެއް ނޫން. ލިވަޕޫލުން މި ކުޅެނީ ސަޕޯޓަރުންނާއި ކުޅުންތެރިންނާ ބޭނުންވާ ސްޓައިލްގެ ފުޓުބޯޅަ. އެހެންވީމަ އަހަރެން ކްލަބުން ފޮނުވާލާނެ ކަމަށް ނުބެލެވޭ ތަށްޓެއް ނުލިބުނަސް. ކުޅުމުގެ ސްޓައިލުންވެސް އެނގޭނެ މިސްރާބު ހުރީ ރަނގަޅު ދިމާއަށްކަން،" ކްލޮޕް ބުންޏެވެ.
ބުރޫޝިއާ ޑޯޓުމަންޑް ދޫކޮށްލުމަށްފަހު ކްލޮޕް ލިވަޕޫލާ ހަވާލުވީ 2015 ވަނަ އަހަރުގައެވެ. ފުރަތަމަ ސީޒަންގައި ލީގު ކަޕް އަދި ޔޫރޮޕާ ލީގުގެވެސް ފައިނަލް ލިވަޕޫލް ދަތުރުކުރި އިރު، މިދިޔަ ސީޒަންގައި ކްލަޮޕާއެކު ލިވަޕޫލް ވަނީ ޗެމްޕިއަންސް ލީގުގެ ފައިނަލް ކުޅެފައެވެ. އެހެން ނަމަވެސް އަދި އޭނާއަށް ލިވަޕޫލާއެކު ތަށްޓެއް ހޯދިފައެއް ނުވެއެވެ.