ކޭތަ ހިފަނީ ހަމައެކަނި ގުދުރަތީ ސަބަބުތަކާ ހެދި ނޫން ކަމަށާއި މީސްތަކުންގެ ކުށްފާފަތަކާއި އުރެދުންތައް ގިނަވަމުގެ ސަބަބުން ވެސް ކޭތަ ހިފާ ކަމަށް ކީރިތި ރަސޫލާގެ ބަސްފަޅުތަކުން އެނގޭ ކަމަށް މިރޭ ކުރި ކޭތަ ނަމާދުގެ ޚުތުބާގައި ބުނެފިއެވެ.

މިރޭ 22:14 ގައި ހިފި ހަނދު ކޭތަ ވިއްލާނީ ފަތިހު 04:28 ގައެވެ. ކޭތަ ހިފުމާ ގުޅިގެން މީހުން ދިރިއުޅޭ ކޮންމެ ރަށެއްގައި ވެސް ވަނީ ކޭތަ ނަމާދުކޮށްފައެވެ. މާލޭގައި ކޭތަ ނަމާދު ކޮށްފައިވަނީ އިސްލާމީ މަރުކަޒުގައެވެ.

ކޭތަ ނަމާދަށްފަހު ދެއްވި ޚުތުބާގައި އިމާމު ވަނީ ކޭތަ ހިފާ ސަބަބުތަކާއި އެކަމުން ލިބޭ އިބުރަތްތަކުގެ މައްޗަށް އަލި އަޅުވާލާފައެވެ. އެގޮތުން ކޭތަ ހިފަނީ ވަކި މީހަކު މަރުވެގެން އަދި ވަކި މީހަކު އުފަން ވެގެން ނޫން ކަމަށާއި ކޭތަ ހިފުމަކީ މާތްﷲ އިރަށާއި ހަނދަށް މިންވަރު ކުރައްވާފައިވާ ދައުރުވުންތަކުގެ ސަބަބުން ހިނގާ ކަމެއް ކަމަށް ޚުތުބާގައި ބުނެފައިވެއެވެ.

"...ކީރިތި ރަސޫލާގެ ބަސްފުޅުން އެނގޭ ގޮތުގައި ކޭތަ ހިފަނީ ހަމައެކަނި ގުދްރަތީ ސަބަބުތަކަކާ ހެދިއެއް ނޫނެވެ. މީގެ އިތުރުން ކޭތަ ހިފަނީ މީސްތަކުންގެ ކުށްފާފަތަކާއި އުރެދުންތައް ގިނަވަމގެ ސަބަބުންނެވެ،" ޚުތުބާގައި ބުންޏެވެ.

ކޭތަ ހިފުން ފަދަ ކަންތައްތަކަކީ ﷲގެ މަތިން ހަނދުމަކޮށް ދެއްވުމަށް ﷲ މިންވަރު ކުރައްވާފައިވާ ކަންތައްތަކެއް ކަމަށް ވެސް ޚުތުބާގައި ބުނެއެވެ. އަދި ކޭތަ ހިފުމުގެ ސަބަބުން ދުނިޔެއަށް ވެރިވާ އަނދިރިކަން އިންސާނާއަށް ހަނދާންކޮށްދެނީ ކައްވަޅުގެ އަދިރިކަން ކަމަށް ޚުތުބާގައި ވަނީ ފާހަގަކޮށްފައެވެ.

"ކޭތަހިފުމަކީ ހަމައެކަނި ގުދުރަތީ ކަމެއް ނޫން އެއީ ހަމަ އެކަނި ބަލަން ނުކުންނަން ޖެހޭ ރީތި މަންޒަރެއްވެސް ނޫނެވެ. މުސްލިމުން އަކަމާމެދު ޝަރްއީ ނަޒަރުންވެސް ބަލަން ޖެހޭނެވެ. މުސްލިމުން ނުކުންނަ ޖެހޭނީ ﷲގެ ހަޒްރަތަށް ރުޖޫއަވުމަށްޓަކައި. ކުށް ފާފަތައް ފުއްސަވާ ދެއްވުމަށް އެދިއެވެ،" ހުތުބާގައި އިމާމު ވިދާޅުވިއެވެ.