28 Jul 2018, 00:27
ފަލަސްތީނުގެ ޣައްޒާގައި މިއަދު ކުރަމުން ދިޔަ މުޒާހަރާއެއްގައި ބައިވެރިވި 14 އަހަރުގެ ކުއްޖެއްގެ ގަޔަށް ބަޑި ޖަހައި އިސްރާއީލު ސިފައިން ޝަހީދުކޮށްލައިފި އެވެ.
ޣައްޒާގައި ހުންނަ ހެލްތް މިނިސްޓްރީގެ ތަރުޖަމާނު އަޝްރަފު އަލް ގުދްރާ ވިދާޅުވީ އެ ކުއްޖާ މަރާލާފައި ވަނީ ޚާން ޔޫނުސްގެ އިރުމަތީ ސަރަހައްދެއްގައި އިސްރާއީލު ސިފައިން ދިން ބަޑީގެ ހަމަލާއެއްގެ ސަބަބުން ކަމަށެވެ.
މިއަދު އިސްރާއީލު ސިފައިން ދިން ހަމަލާއެއްގައި ޣާޒީ މުހައްމަދު އަބޫ މުސްތަފާ ނަމަކަށް ކިޔުނު މީހަކު ވެސް ވަނީ މަރުވެފައެވެ. އުމުރުން 43 އަހަރުގެ އަބޫ މުސްތަފާ މަރުވީ އޭނާގެ ބޮލަށް ބަޑި ޖެހުމުންނެވެ.
މިއަދުގެ އިސްރާއީލުން ދިން ހަމަލާތަކުގެ ސަބަބުން ޒަަޚަމްވި މީހުންގެ އަދަދު 184 އަށް އަރާ ކަމަށް ރިޕޯޓުތައް ބުނެއެވެ. އޭގެ ތެރެއިން 70 މީހުންނަށް ޒަޚަމްވެފައި ވަނީ އިސްރާއީލު ސިފައިން މުޒާހަރާގެ ތެރެއަށް ބަޑި ޖެހުމުންނެވެ. ޒަޚަމްވި މީހުންގެ ތެރޭގައި 14 ކުޑަކުދިން، 10 އަންހެނުން، ހަތަރު ޕެރަމެޑިކުން އަދި ނޫސްވެރިޔަކު ހިމެނެ އެވެ.
ޣައްޒާގެ ރައްޔިތުން އިސްރާއީލު ބޯޑަރު ކައިރީގައި މުޒާހަރާ ކުރާތާ މިހާރު ވަނީ ހަތަރު މަސް ވެފަ އެވެ. އެމީހުން މުޒާހަރާ ކުރަމުން ދަނީ މީގެ 70 އަހަރު ކުރިން އެމީހުންގެ އަތުން އިސްރާއީލުން އަތުލައިގަތް ބިންތައް ހޯދުމަށެވެ.
މި އަހަރުގެ މެއި މަހުގެ 30 ވަނަ ދުވަހު ޣައްޒާގެ ރައްޔިތުން މުޒާހަރާ ކުރަން ފެށި ފަހުން އިސްރާއީލު ސިފައިން ވަނީ ފަލަސްތީނުގެ 151 މީހުން މަރާލާފަ އެވެ. އަދި މުޒާހަރާތަކުގައި 16000 އަށް ވުރެ ގިނަ މީހުންނަށް އެކި ވަރުވަރުގެ ޒަޚަމްތައް ލިބިފައިވެ އެވެ.
ކޮންމެ ހުކުރު ދުވަހަކުވެސް އެތައް ހާސް ބަޔަކު އިސްރާއީލު ބޯޑަރު ކައިރިއަށް އެއްވެ މުޒާހަރާ ކުރާ އިރު މުޒާހަރާތައް ރޫޅާލުމަށް އިސްރާއީލުން ދަނީ ޑްރޯން ބޭނުންކޮށްގެން ޓިއާ ގޭސް ޖަހަމުންނެވެ.