އަންނަ އާދީއްތަ ދުވަހަކީ ރަސްމީ ބަންދު ދުވަހަކަށް ހެދުމަށް ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމް ނިންމަވައިފިއެވެ.

ރައީސް އޮފީހުގެ ތަރުޖަމާނު އިބްރާހިމް މުއާޒް އަލީ މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ އާދީއްތަ ދުވަސް ބަންދު ދުވަހަކަށް ހެދުމަށް ނިންމަވާފައި ވަނީ މިނިވަން ދުވަހުގެ މުނާސަބަތުގައި ބާއްވާ ކުޅިވަރާއި ހެވިކަމުގެ ރަސްމިއްޔާތު މާދަމާ ރެޔަށް ބަދަލުކޮށްފައިވާތީ އެ ހަރަކާތްތަކުގައި ބައިވެރިވާ ގިނަ އަދަދެއްގެ ކިޔަވާ ކުދިންނާއި ސަރުކާރުގެ މުވައްޒަފުންނަށް ފަސޭހަ ކުރުމުގެ ގޮތުން ކަމަށެވެ.

މުއާޒް ވިދާޅުވީ ދެން ސަރުކާރު އޮފީސްތައް ރަސްމީކޮށް ހުޅުވާނީ މި މަހުގެ 30 ވާ ހޯމަ ދުވަހުގައި ކަމަށެވެ.

މިރޭ ބާއްވަން ހަމަޖެހުނު މިނިވަން ދުވަހުގެ ކުޅިވަރު ހަރަކާތްތައް ފަސް ކުރަން ނިންމާފައިވާ އިރު މާދަމާ ބާއްވަން ހަމަޖެހުނު ސިފައިންގެ ޝަރަފުގެ ހިނގާލުން ވެސް ފަސް ކުރަން ވަނީ ނިންމާފަ އެވެ.

ޝަރަފުގެ ހިނގާލުން ދެން ބާއްވާނެ ދުވަހެއް ފަހުން އިއުލާނު ކުރާނެ ކަމަށް އެމްއެންޑީއެފް އިން ވަނީ ބުނެފަ އެވެ.