އިސްލާމްދީނުގެ އަދުއްވުންނާ ގުޅިގެން އިސްލާމީ ދައުލަތެއްގެ ވެރިޔަކާ ދެކޮޅަށް މަސައްކަތް ކުރުމަކީ ޚިޔާނާތެއް ކަމަށް ރައީސުލް ޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމްގެ ރަނިންމޭޓް ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވެއްޖެ އެވެ.

ޑރ. ޝަހީމް މިހެން ވިދާޅުވީ އެމަނިކުފާނު ގއ. އަތޮޅަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން އެމަނިކުފާނުގެ އުފަން ރަށް ކަމަށްވާ މާމެންދުއަށް ވަޑައިގެން މިރޭ އެރަށުގައި ބޭއްވި ޖަލްސާގަ އެވެ.

ޑރ. ޝަހީމް މިހެން ވިދާޅުވިއިރު އިދިކޮޅު ފަރާތްތަކުން ދަނީ ބައިނަލްއަގްވާމީ ބާރުތަކާ ގުޅިގެން ރާއްޖެއަށް ފިއްތުންތައް ކުރިމަތި ކުރުވުމަށް ގިނަ ގުނަ މަސައްކަތްތަކެއް ކުރަމުންނެވެ.

"ރާއްދެއާ ތަރައްގީ ވެގެން އެޔަނެ ހެދީ، ރާއްދޭ ފާގަތިކަން ވެރިވެގެން އެޔަނެ ހެދީ، ބަޔަކު މީހެއްނެ ހަސަދަވެރިވެއި،" ޑރ. ޝަހީމް ވިދާޅުވިއެވެ.

ރާއްޖެ ތަރައްގީ ވެގެންދާތީ، ރާއްޖޭގައި ފާގަތިކަން ވެރިވެގެންދާތީ، ބަޔަކު މީހުން ހަސަދަވެރިވޭ،" ޝަހީމް ވިދާޅުވިއެވެ.

ޑރ. ޝަހީމް މިރޭ ވިދާޅުވީ ގއ. އަތޮޅަށް ކުރެއްވި ދަތުފުޅުން އެނގިވަޑައިގަތް ކަމަކީ ސެޕްޓެމްބަރު 23 ވަނަ ދުވަހު އޮންނަ ރިޔާސީ އިންތިހާބުގައި ރައީސް ޔާމީނަށް ކާމިޔާބު ލިބިވަޑައިގަންނަވާނެކަން ކަމަށެވެ.

އެމަނިކުފާނު ވަނީ ރާއްޖޭގެ މުސްތަގުބަލާއި، އަމަން އަމާން ކަމާއި، ވަހުދަތަށްޓަކައި ރައީސް ޔާމީނަށް ވޯޓު ދެއްވުމަށް ދިވެހި ހުރިހާ ރައްޔިތުންގެ ކިބައިން އެދިވަޑައިގެންފައެވެ.

ދީނުގެ ރޮނގުން ރައީސް ޔާމީން ކުރައްވާފައިވާ ޚިދުމަތްތައް ފާހަގަ ކުރައްވަމުން ޑރ. ޝަހީމް ވިދާޅުވީ ރާއްޖޭގައި ޕީއެޗްޑީ ފެންވަރަށް ކިޔެވޭ އެންމެ ފުރަތަމަ އިސްލާމީ ޔުނިވާސިޓީ ގާއިމް ކުރީ ރައީސް ޔާމީންގެ ވެރިކަމުގައި ކަމަށެވެ. އަދި އެމަނިކުފާނުގެ ވެރިކަމުގައި ގުރުއާން ހިތުދަސް ކުރާ މީހުންނަށް ގައުމީ ފެންވަރުގައި އިނާމު ދޭން ފެށިކަން ފާހަގަ ކުރެއްވި އެވެ.

މީގެ އިތުރުން ރައީސް ޔާމީނަކީ އިސްލާމް ދީނަށް ގެއްލުންވާ ކަމެއް ދުވަހަކުވެސް ކުރައްވާނެ ބޭފުޅެއް ނޫން ކަމަށް ޑރ. ޝަހީމް ވިދާޅުވިއެވެ. އަދި އެމަނިކުފާނުގެ އާއިލާއަކީ ވެސް ދީނަށް ހިދުމަތް ކުރައްވާފައި ތިބި ފަރާތްތަކެއް ކަން ޝަހީމް ފާހަގަ ކުރެއްވި އެވެ. އެގޮތުން އެމަނިކުފާނުގެ އަނބިކަނބަލުންނާއި ދަރިންނަކީވެސް ދީނަށް ވަރަށް ބޮޑަށް އިހުތިރާމް ކުރައްވާ ބައެއް ކަމަށް ވިދާޅުވި އެވެ.

"ރާއްދޭގެ ދީނީ އިލްމުވެރިންނެގެ ފަރާތުންވެސް މަ އެދެންނޫ، ވަރަށް ހިތްވަރާއި އަޒުމާއެކު ރައީސުލް ޖުމްހޫރިއްޔާ އެކު ސާބިތުވެ ތިބެއްނަ." ޝަހީމް ވިދާޅުވިއެވެ.

ޝަހީމް ވިދާޅުވީ ރައީސް ޔާމިނަކީ ވަކި ބައެއްގެ ރައީސެއް ނޫން ކަމަށެވެ. އަދި އެމަނިކުފާނަކީ ހުރިހާ ރައްޔިތުންގެ ރައީސް ކަމަށް ވިދާޅުވިއެވެ.

"ރާއްދޭގެ މުއްސަނދި މީހާގެސް ރައީސުލްޖުމްހޫރިއްޔާ. ފަގީރެ މީހާގެއަސް ރައީސުލްޖުމްހޫރިއްޔާ. ރައީސުލްޖުމްހޫރިއްޔާ ޚިދުމަތެ ކެރައްނޫ ރާއްދޭ ތެއިހެއި ރައްޔިތުންނަޓެ،"

"ރާއްޖޭގެ މުއްސަނދި މީހާގެވެސް ރައީސުލް ޖުމްހޫރިއްޔާ. ފަގީރު މީހާގެވެސް ރައީސުލް ޖުމްހޫރިއްޔާ. ރައީސުލް ޖުމްހޫރިއްޔާ ހިދުމަތް ކުރަނީ ރާއްޖޭގެ ހުރިހާ ރައްޔިތުންނަށް."

ކެމްޕެއިން ދަތުރުފުޅުތަކުގައި ރާއްޖޭގެ އެހެން އަތޮޅުތަކަށް ވެސް ޒިޔާރަތް ކުރައްވާނެ ކަމަށާއި އެ އަތޮޅުތަކުން ވެސް ގއ. އަތޮޅުން ލިބުނު ވަރުުގެ ތަރުހީބެއް ލިބިވަޑައިގަންނަވާނެކަމަށް ޑރ. ޝަހީމް ވިދާޅުވިއެވެ.