އެމެރިކާއިން އީރާނާ ދެކޮޅަށް ހަނގުރާމައެއް ފަށައިފި ނަމަ އެމެރިކާގެ މިލްކުގައިވާ ހުރިހާ އެއްޗެއް ނެތިގެންދާނެ ކަމަށް ބުނެ އިރާނުގެ ޖެނެރެލް އަކު އިންޒާރު ދެއްވައިފި އެވެ.

އިރާނުގެ އިސްލާމިކް ރެވޮލީޝަނަރީ ގާޑުގެ ގުދްސް ފޯސްގެ ކޮމާންޑަރު މޭޖާ ޖެނެރަލް ގާސިމް ސުލެއިމާނީ އިއްޔެ ވިދާޅުވީ އެމެރިކާއިން އިރާނާ ދެކޮޅަށް ހަނގުރާމައެއް ފަށައިފި ނަމަ އީރާނުން އެ ހަނގުރާމަ ނިންމާނެ ކަމަށެވެ. އޭނާ ވިދާޅުވީ އީރާނު އޮތީ ހަނގުރާމައެއް ތައްޔާރަށް ކަމަށެވެ.

އީރާނާ ދެކޮޅަށް ކުރާ ހަނގުރާމައެއް ވެގެންދާނީ "ހަނގުރާމަތަކުގެ މަންމަ" އަށް ކަމަށް ވިދާޅުވެ އީރާނުގެ ރައީސް ހަސަން ރޫހާނީ މިދިޔަ ހަފްތާގެ ތެރޭގައި ވަނީ އެމެރިކާއަށް އިންޒާރު ދެއްވައިފަ އެވެ. އެ އިންޒާރަށް ފަހު އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ކުރެއްވި ޓްވީޓެއްގައި ވަނީ އެމެރިކާއަށް އިންޒާރު ދީފި ނަމަ، "ދުނިޔޭގެ ތާރީހުގައި މަދު ބަޔަކު ތަޖުރިބާ ކުރި ފަދަ ތަޖުރިބާއެއް އީރާނުން ކުރަން ޖެހިދާނެ" ކަމަށް ވިދާޅުވެފައެވެ.

އިއްޔެ މޭޖާ ޖެނެރަލް ސުލެއިމާނީ ވިދާޅުވީ ޓްރަމްޕުގެ ޓްވީޓުގައި ބޭނުންކުރައްވާފައި ވަނީ "ނައިޓް ކްލަބްތަކާއި ޖުވާ ކުޅޭ" ތަންތަނުގެ ބަހުރުވަ ކަމަށެވެ. މީގެ އިތުރުން، ޓްރަމްޕް ދައްކަވާ ވާހަކަފުޅުތަކަށް ރޫހާނީ ޖަވާބު ނުދެއްވާނެ ކަމަށް ސުލެއިމާނީ ވިދާޅުވިއެވެ.

ދެހާސް ފަނަރަ ވަނަ އަހަރު އީރާނުން ދުނިޔޭގެ ބާރުތަކާއެކު ހެދި އެއްބަސްވުމެއްގެ ދަށުން އެގައުމުން ވަނީ ނިއުކްލިއާ ހަތިޔާރު އުފެއްދުން ހުއްޓާލުމަށް އެއްބަސްވެފައެވެ. އަދި އޭގެ ބަދަލެއްގެ ގޮތުން އެހެން ގައުމުތަކުން ވަނީ އީރާނާ ދެކޮޅަށް އަޅާފައިވާ ދަތިކުރުމުގެ ފިޔަވަޅުތައް އުވާލައިފައެވެ. ނަމަވެސް މިދިޔަ މަހު އެމެރިކާއިން ވަނީ އެއެއްބަސްވުމުން ވަކިވެ، އީރާނުގެ ތެޔޮ ވިއްކުން ހުއްޓުވުން ފަދަ ދަތިކުރުމުގެ ފިޔަވަޅުތައް އަނެއްކާވެސް އަޅާނެ ކަމަށް ބުނެފައެވެ.

އީރާނުގެ ތެޔޮ ބޭރު ނުކުރެވޭނަމަ ގަލްފް ހުރަސްކޮށް އެއްވެސް ގައުމަކަށް ތެޔޮ ބޭރު ނުކުރެވޭނެ ކަމުގެ އިންޒާރު އެގައުމުގެ ސުޕްރީމް ލީޑަރު އަޔާތުﷲ އަލީ ހަމަނާއީ ވަނީ ދެއްވާފައެވެ. (ބީބީސީ)