17 Sep 2011, 08:08
ޓެލްއަވީވް (ސެޕްޓެމްބަރ 16) : މިސްރާއި އިސްރާއީލުން ސޮއިކޮށްފައިވާ ކޭމްޕް ޑޭވިޑް ސުލްޙައިގެ މުޢާހަދާއަށް އެއްވެސް ބަދަލެއް ނުގެނެވޭނެ ކަމަށާއި މިމުޢާހަދާއަށް ބަދަލު ގެނެވިދާނެ ކަމަށްވިދާޅުވެ މިސްރުގެ މަސްއޫލުވެރިން ދައްކަވާ ވާހަކަތައް ޤަބޫލު ނުކުރާނެކަން އިސްރާއީލުން މިސްރަށް އަންގައިފިއެވެ. އިސްރާއީލުން މިކަން މިސްރަށް އެންގީ އިސްރާއީލުގައި ހުންނަވާ މިސްރުގެ ސަފީރު ޔާސިރު ރިޒާ އިއްޔެ އިސްރާއީލުގެ ޚާރިޖިއްޔާއަށް ޙާޒިރު ކޮށްގެންނެވެ.
އިސްރާއީލުގެ ޚާރިޖިއްޔާގެ އިސްމަސްއޫލުވެރިއަކާ ޙަވާލާދީ ޔަހޫދީ ނޫހެއްކަމަށްވާ ޔަދިޢޯތު އަހްރަނޯތު ބުނިގޮތުގައި ކޭމްޕް ޑޭވިޑް ސުލްޙައިގެ މުޢާހަދާއަށް އެއްވެސް ބަދަލެއްގެންނަން އިސްރާއީލު އެއްބަސް ނުވާނެ ކަމަށާއި އިސްރާއީލުގެ ރުހުން ނުލިބި މިސްރަށް އެމުޢަހަދާއަށް ބަދަލު ނުގެނެވޭނެ ކަމުގައެވެ.
އިސްރާއީލުން މިސްރުގެ ސަފީރަށް މިކަން އަންގާފައިވަނީ ކޭންޕް ޑޭވިޑް ސުލްޙައިގެ މުޢާހަދާއަކީ މަތިން ބާއްވާލެއްވި އެއްޗެއް ނޫން ކަމަށާއި އަދި އެއީ ބަދަލު ނުގެނެވޭނެ މުޤައްދަސް އެއްޗެއްވެސް ނޫންކަމަށް ވިދާޅުވެ މިސްރުގެ ބޮޑުވަޒީރު ޑޮކްޓަރ ޢިސާމް ޝަރަފް އިއްޔެ ބަޔާނެއް ދެއްވާފައި ވަނިކޮށެވެ. ކޭމްޕް ޑޭވިޑް ސުލްޙައިގެ މުޢާހަދާއަށް ބަދަލުގެންނަން ޖެހިއްޖެ ޙާލަތެއްގައި ބަދަލު ގެންނަވާނެ ކަމަށާ މިސްރަށާއި މެދުއިރުމައްޗަށް މިހާރު އައިސްފައިވާ ބަދަލުތަކާއެއްގޮތަށް އެމުޢާހަދާ އިސްލާހް ކުރަންޖެހުމަކީ އެކަށީގެންވާ ކަމެއް ކަމަށްވެސް މިސްރުގެ ބޮޑުވަޒީރު އިޝާރާތް ކުރައްވާފައިވެއެވެ.
އިސްރާއީލާއެކު މިސްރުން ސޮއިކޮށްފައިވާ ކޭމްޕް ޑޭވިޑް ސުލްޙައިގެ މުޢާހަދާއަށް މިސްރުން ގެންނަން އެދޭ ބަދަލުތަކެއް އެބަހުރި ކަމަށް ވިދާޅުވެ މިސްރުގެ ޚާރިޖިއްޔާގެ އިސްމަސްއޫލުވެރިއަކުވެސް މިދިޔަ ހަފްތާގައި ވާހަކަ ދައްކަވާފައިވެއެވެ.
މިސްރުގެ ޢާންމު ރައްޔިތުންނާއި މިސްރުގެ ރިޔާސީ އިންތިޚާބަށް ވާދަކުރާނެ ކަމަށް ބެލޭ ސިޔާސީ ބައެއް ފަރާތްތަކުން ގެންދަނީ ކޭމްޕް ޑޭވިޑް ސުލްހައިގެ ސުލްޙައިގެ މުޢަހަދާ އަލުން އިސްލާޙް ކުރުމުގެ ބަދަލުގައި އެމުޢާހަދާ އުވާލައި އެމުޙާހަދާއިން މިސްރު ވަކިވުމަށް ގޮވާލަމުންނެވެ.
މިސްރުގެ ސިޔާސީ ބައެއް ފަރާތްތަކާއި އަދި ދާދިފަހުން މިސްރަށް އައި ރައްޔިތުންގެ އިންޤިލާބަށްފަހު ބާރުވެރިވެފައިވާ މިސްރުގެ ރައްޔިތުން، ކޭމްޕް ޑޭވިޑް ސުލްޙައިގެ މުޢާހަދާ އުވާލުމަށް ގޮވާލަމުން ގެންދާއިރު މިމުޢަހަދާއަށް ބަދަލު ގެނައުމާބެހޭ ގޮތުން މިސްރުގެ އިސްމަސްއޫލުވެރިން ވާހަކަދައްކަވަމުން ގެންދަވާތީ އިސްރާއީލުވަނީ މީގެ ކުރިންވެސް ކަންބޮޑުވާކަން ހާމަކޮށްފައެވެ.
ކޭމްޕް ޑޭވިޑް މުޢާހަދާއަށް ބަދަލުގެނައުމަށް އިސްރާއީލު ދެކޮޅު ހަދާނަމަ މިސްރުން އެމުޢާހަދާ އުވާލުމުގެ ފުރްސަތު ބޮޑުވާނެ ކަމަށް މަސްރަޙް ދިރާސާކުރާ ފަރާތްތަކުން ބުނެއެވެ. އެމުޢާހަދާއަށް ބަދަލުގެނައިނަމަވެސް އަދި އުވާލި ނަމަވެސް އިސްރާއީލަށް ނުރައްކާވެ މިހާރަށްވުރެވެސް ބޮޑަށް އިސްރާއީލު އެކަހެރިވެގެންދާނެ ކަމަށް މުޙައްލިލުން ދެކެއެވެ. --އަލްޖަޒީރާ، ރޮއިޓާސް