އިސްރާއީލުގެ ބާރުގެ ދަށުގައި އޮންނަ ފަލަސްތީނުގެ ހުޅަނގު އައްސޭރީގައި އިތުރު 400 ގެ އެޅުމަށް އެގައުމުގެ ސަރުކާރުން ނިންމައިފި އެވެ.

އިސްރާއީލުން ހުޅަނގު އައްސޭރީގައި އިތުރު ގެތައް އެޅުމަށް ނިންމާފައި މިވަނީ އިއްޔެ ފަލަސްތީނުގެ ޒުވާނަކު ހުޅަނގު އައްސޭރީގައި ހުންނަ އިސްރާއީލުގެ ރައްޔިތުން ދިރިއުޅޭ ސަރަހައްދަކަށް ވަދެ، އިސްރާއީލުގެ ރައްޔިތަކަށް ވަޅިން ހަމަލާދީ މަރާލާފައި ވަނިކޮށެވެ. އެ ހަމަލާގައި މަރާލާފައި ވަނީ އުމުރުން 31 އަހަރުގެ ޔޯޓަމް އޮވާޑިއާ އެވެ.

އިސްރާއީލުގެ ޑިފެންސް މިނިސްޓަރު އަވިގްޑޯ ލެއިބާމަން މިއަަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ހުޅަނގު އައްސޭރީގައި އިތުރު ގެތައް އެޅުމަށް އިސްރާއީލު ސަރުކާރުން ނިންމި ނިންމުމަކީ އޮވާޑިއާގެ މަރުގެ ބަދަލުގައި ދެވޭނެ އެންމެ "ރަނގަޅު ޖަވާބު" ކަމަށެވެ.

ހުޅަނގު އައްސޭރީގައި އިސްރާއީލުން މީހުން އާބާދު ކުރުމަކީ ޣައްޒާ އަދި ހުޅަނގު އައްސޭރި ގުޅޭ ގޮތަށް ފަލަސްތީނުގެ ދައުލަތެއް އުފެދުމަށް ހުރަސް އެޅޭނެ ކަމެކެވެ. އެފަދަ ދައުލަތެއް އުފެދުމަކީ ފަލަސްތީނުގެ ރައްޔިތުން ދެކޭ ހުވަފެނެކެވެ.

އިސްރާއީލުން ހުއްޓުމެއް ނެތި ހުޅަނގު އައްސޭރީގައި ގެ އަޅަމުން އަންނަ އިރު ބައިނަލްއަގްވާމީ ޖަމާއަތްތަކާއި ޖަމިއްޔާތަކުން ދަނީ އެކަމާ ދެކޮޅަށް އަޑުއުފުލަމުންނެވެ. އިސްރާއީލުން ހުޅަނގު އައްސޭރީގައި ގެ އަޅަމުން ދަނީ ބައިނަލްއަގްވާމީ ގާނޫނުތަކާ ހިލާފަށެވެ.

އިސްރާއީލުން ވަނީ އެގައުމަކީ ޔަހޫދީ ދީނުގެ މީހުންގެ ދައުލަތެއް ކަމަށް ކަނޑައަޅައި ގާނޫނެއް ވެސް ދާދި ފަހުން ފާސް ކޮށްފައެވެ.