ސަން އެފްއެމްގެ އަހަރީ ދުވަސް ފާހަގަ ކުރުމަށް މާދަމާ ޚާއްސަ ޕްރޮގްރާމް ތަކެއް ކުރިޔަށް ގެންދަން ނިންމައިފި އެވެ.

ސަން އެފްއެމްގެ އަހަރީ ދުވަހަކީ ސެޕްޓެމްބަރު މަހުގެ 17 ވަނަ ދުވަހެވެ. ރާއްޖޭގެ ދެވަނަ ޕްރައިވެޓް ރޭޑިއޯ ސްޓޭޝަންގެ ގޮތުގައި ސަން އެފްއެމްގެ ޚިދުމަތް ފެށުނީ 2008 ވަނަ އަހަރު އެވެ.

ސަން އެފްއެމްގެ ތިން ވަނަ އަހަރީ ދުވަހުގެ ޕްރޮގްރާމްތައް ކުރިޔަށް ގެންދާ އިރު، އެ ދުވަހުގެ ގިނަ ޕްރޮގްރާމްތައް ހުށަހެޅުމުގައި އެންމެ އިސް ބައެއް އަދާ ކުރާނީ އެ ސްޓޭޝަންގެ ފޭނުން ކަމަށް ސަން އެފްއެމް އިން މައުލޫމާތުދެ އެވެ. އަދި ދުވަހާ ގުޅުވައިގެން މާދަމާ ހެނދުނުން ފެށިގެން 18 ގަޑި އިރުގެ ލައިވް ކަވަރޭޖެއް ކުރިޔަށް ގެންދަން ވަނީ ނިންމައިފަ އެވެ.

ސަން މީޑިއާ ގްރޫޕުގެ ސީއީއޯ ސިނާން އަލީ ވިދާޅުވީ، ސަން އެފްއެމްގެ އަހަރީ ދުވަހުގެ ޕްރޮގްރާމްތައް ހުރިހާ ގޮތަކުން ވެސް ޚާއްސަ ވާނެ ކަމަށެވެ. އެ ގޮތުން ސްޓޭޝަނުގައި ހުރިހާ ކަމެއްގައި ވެސް ބައިވެރިވެ އިސް ދައުރެއް އަދާ ކުރުމުގެ ފުރުސަތު ސްޓޭޝަންގެ ފޭނުންނަށް ލިބޭނެ ކަމަށް އޭނާ ވިދާޅުވި އެވެ. އެ ގޮތުން ފޭނުންނަށް ޚާއްސަ އަހަރީ ދުވަހުގެ ފާސް ތަކެއް ހަދާފައި ހުންނާނެ ކަމަށާއި އެ މީހުންގެ ކެއިން ބުއިން ވެސް އަހަރީ ދުވަހުގެ ހުރިހާ ވަގުތެއްގައި ކުރިޔަށް ދާނީ ސަން އެފްއެމްގެ ތެރޭގައި ކަމަށް ސިނާން ވިދާޅުވި އެވެ.

"އަހަރީ ދުވަހު އަޅުގަނޑުމެންގެ ހުރިހާ މުވައްޒަފުން މި ނިންމީ މި ދުވަސް ހޭދަ ކުރާނީ ފޭނުންނާ އެކުގައި ކަމަށް. އެހެން ކަމުން މި ދުވަސް އަޅުގަނޑުމެން ހޭދަ ކުރާނީ އެ މީހުންނާ އެކު. ސްޓޭޝަންގެ ކާމިޔާބަކީ އެއީ. އަހަރީ ދުވަހުގެ ޕްރޮގްރާމްތައް ހުށަހެޅުމާއި އެފަދަ ހުރިހާ ކަމެއްގައި ފޭނުންގެ ވަރަށް ބޮޑު ދައުރެއް މާދަމާ އޮންނާނެ. އަހަރީ ދުވަހުގެ ހުރިހާ ކަމެއް ރޭވިގެން މި އައީ ވެސް ފޭނުންނާ އެކު. އެމީހުންނާ މުވައްޒަފުންނާ ގުޅިގެން. މި ކާމިޔާބު އަދި އުފާވެރި މުނާސަބާގައި ހުރިހާ ފޭނުންނަށާއި ސަން މީޑިއާގެ ކުޑައިގެ ދަށުގައި ހިމެނޭ ހުރިހާ މުވައްޒަފުންނަށް އަޅުގަނޑު ވަރަށް ހޫނު މަރުހަބާ އަކާއި ޝުކުރެއް އަދާ ކުރަން،. މީ ސަންގެ ޒުވާން ޓީމުގެ މިންނެތް މަސައްކަތް. އަޅުގަނޑުމެންގެ ޓީމުގެ މި މުޅި މަސައްކަތް ގުޅި ވަށާ ޖެހެނީ ސަން އެފް އެމާއި ސަން އޮންލައިން އަދި ސަން މަޖައްލާ ވެސް ހިމެނިގެން،" ސިނާން ވިދާޅުވި އެވެ.

ސިނާން ވިދާޅުވީ އަހަރީ ދުވަހުގެ ޚާއްސަ ކަންކަމުގެ ތެރޭގައި، އަހަރީ ދުވަހުގެ ނަސީބުވެރިޔާ ހޮވުމާއި އަހަރީ ދުވަހުގެ އެންމެ މަގުބޫލު އެހުންތެރިޔާ ހޮވުން ވެސް އޮންނާނެ ކަމަށެވެ. ސަން އެފްއެމް އާ ގުޅޭ ގޮތުން ޝުއޫރު ފާޅު ކުރުމާއި ސްޓޭޝަން ތަރައްގީ ކުރުމަށް ބޭނުންވާ ޚިޔާލު ހުށަހެޅުމުގެ ފުރުސަތު އަހަރީ ދުވަހުގެ ޕްރޮގްރާމް ތަކުގެ ތެރޭގައި ވަރަށް ބޮޑަށް ހުޅުވާލާފައި އޮންނާނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ. އަދި ހަމަ އެއާއި އެކު، ފޭނުންގެ ތެރެއިން ބޭނުން މީހަކަށް ބޭނުން ގަޑިއަކު ސަން އެފްއެމް އަށް މި ދުވަހު ވަދެވޭނެ ކަމަށާއި ޕްރޮގްރާމް ތަކުގައި ބައިވެރި ވެސް ވެވޭނެ ކަމަށެވެ. މީގެ އިތުރުން ދައުރުވާ އިނާމްތަކުގެ ގޮތުގައި އެހުންތެރިންނަށް ކޮންމެ 30 މިނެޓަކުން އިނާމްތައް ވެސް ލިބެމުންދާނެ ކަމަށް ސިނާން ވިދާޅުވި އެވެ.

"އަހަރީ ދުވަހުގެ ޕްރޮގްރާމްތައް ފެށިގެން ދާނީ ސަން މީޑިއާ ގްރޫޕުގެ ޗެއާމަން އަހުމަދު ސިޔާމް މުހައްމަދު ދެއްވާ ޚާއްސަ ޚިތާބަކުން. ސިޔާމްގެ ޚިތާބުގައި ސަން މީޑިއާގެ ތަރައްގީ އާއި ކުރިމަގަށް އަލިއަޅުވައިލައްވާނެ،" ސިނާން ވިދާޅުވި އެވެ.

އޭނާ އިތުރަށް ވިދާޅުވީ، އަހަރީ ދުވަހުގެ އެންމެ ފުރަތަމަ ޕްރޮގްރާމްގެ ގޮތުގައި އޮންނާނީ ހެނދުނު ހަތަކުން ނުވަޔަކަށް ކުރިޔަށް ގެންދާ "އާފެށުން ޚާއްސަ" ކަމަށެވެ. ރާއްޖޭގެ އެންމެ މަގުބޫލު ރޭޑިއޯ ޕެރެސެންޓަރުގެ ގޮތުގައި ގިނަ ބަޔަކު ގަބޫލު ކުރާ، އަދި ދިވެހިރާއްޖޭގެ އަޑުން ފޮނުވާ "ބާއްޖަވެރި ހެނދުނެއް"ގެ މަގުބޫލު އަޑުގެ ވެރިޔާ ބަދުރުއްނަސީރު (ބަދުރު) އަހަރީ ދުވަހުގެ މި ޝޯގައި ޚާއްސަ މެހެމާނެއްގެ ގޮތުން ބައިވެރިވެވަޑައިގަންނަވާނެ ކަމަށް ސިނާން ވިދާޅުވި އެވެ. ބަދުރަކީ މިހާރު މޯލްޑިވްސް ބްރޯޑްކާސްޓިން ކޮމިޝަންގެ ރައީސް އެވެ.

ސަން އެފްއެމް އަކީ މިހާރު ރާއްޖޭގެ އެންމެ މަގުބޫލު ޕްރައިވެޓް ރޭޑިއޯ ސްޓޭޝަން އެވެ. އަދި އާބަދީގެ އެންމެ ބޮޑު ބަޔަކަށް ޚިދުމަތް ފޯރުކޮށްދޭ ޕްރައިވެޓް ރޭޑިއޯ ސްޓޭޝަނަކީ ވެސް ސަން އެފްއެމް އެވެ.

މީގެ އިތުރުން ސަން އެފްއެމް އަކީ ދުނިޔޭގެ އެންމެ މަގުބޫލު އެއް އެއާލައިން ކަމަށްވާ، އެމިރޭޓްސް ޑެސްޓިނޭޝަން ރޭޑިއޯގެ ރާއްޖޭގެ އެކްސްކްލޫސިވް ރޭޑިއޯ ޗެނަލް އެވެ. ސަން އޮންލައިން މެދުވެރިކޮށާއި ފޯނު ޑިވައިސްތައް ބޭނުންކޮށްގެން ދުނިޔޭގެ ކޮންމެ ގައުމެއްގައި ހުރެގެން ވެސް ސަން އެފްއެމްގެ އަޑު މިހާރު އެހެ އެވެ. ސަން އެފްއެމް އަކީ 24 ގަޑި އިރު ޚިދުމަތްދޭ ރޭޑިއޯ ސްޓޭޝަނެކެވެ.