އަލީ އައްބާސް ޒަފަރު ޑައިރެކްޓުކޮށް، ސަލްމާން ޚާން ލީޑު ރޯލުން ފެނިގެންދާ ފިލްމު "ބާރަތު"ގެ ޝޫޓިން މީގެ ދެ ދުވަސްކުރިން ފެށުނުއިރު އެ ފިލްމުގެ ލީޑުން ފެނިގެންދާ ބަތަލާ ޕްރިޔަންކާ ޗޯޕްރާ އެ ފިލްމު ދޫކޮށްލައިފިއެވެ.

ޕްރިޔަންކާ ފިލްމު ދޫކޮށްލާފައިވާ ކަމަށް ޑައިރެކްޓަރު ކުރި ޓްވީޓްގައި ވަނީ ކަށަވަރުކޮށްދީފައެވެ.

"ޕްރިޔަންކާ ވަނީ ފިލްމު ދޫކޮށްލާފައި. ސަބަބަކީ ވަރަށް ހާއްސަ ސަބަބެއް. ޕްރިޔަންކާގެ ނިންމުމުގެ ސަބަބުތައް ކިޔަިއދިން. އަހަރެމެން އެންމެންވެސް އޭނާއަށްޓަކައި ވަރަށް އުފާވޭ،" ޒަފަރުގެ ޓްވީޓްގައި ބުނެފައިވެއެވެ.

ޕްރިޔަންކާ ފިލްމު ދޫކޮށްލިއިރު ވަނީ ލަވަކިޔުންތެރިޔާ ނިކް ޖޯނަސްއާ އެންގޭޖްވެފައިވާކަން ކަށަވަރުވެފައެވެ.

ފިލްމުގެ ކާސްޓުގެ ތެރޭގައި ސަލްމާން އަދި ދިޝާގެ އިތުރުން ދެން ހިމެނެނީ ތާބޫ، ސުނިލް ގްރޯވަރު، ޓީވީ އެކްޓަރު އާސިފް ޝައިޚް ފަދަ އެކްޓަރުންނެވެ.

ގިނަ ބަޔަކު އިންތިޒާރު ކުރަމުން އަންނަ އެ ފިލްމުގެ ޝޫޓިން ކުރިއަށް ދާނީ އިންޑިއާގެ މުމްބާއީ، މާލްޓާ އަދި ދުބާއީގައެވެ. "ބާރަތު" ރިލީޒް ކުރުމަށް ހަމަޖެހިފައި ވަނީ އަންނަ އަހަރުގެ ފިތުރު އީދާ ދިމާކޮށެވެ.

ދިހަ އަހަރަށް ފަހު ޕްރިޔަންކާ އަދި ސަލްމާން އެކުގައި ފިލްމަކުން ފެނިގެންދާ މި ފިލްމަށް ގިނަ ބަޔަކު ދިޔައީ އިންތިޒާރުކުރަމުންނެވެ.

ޕްރިޔަންކާ ފިލްމުގެ ލީޑު ރޯލު ދޫކޮށްލާފައިވާއިރު ފިލްމަށް އާ ލީޑް ރޯލެއް ހޯދަން ޒަފަރު އަށް ޖެހޭނެއެވެ. ނަމަވެސް ލީޑް ރޯލުން ފެނިގެންދާނެ ބަތަލާ އެއް ކަށަވަރުވެފައެއް ނުވެއެވެ.

"ބާރަތު" އަކީ 2014 ވަނަ އަހަރު ރިލީޒް ކުރި ދެކުނު ކޮރެއާ ފިލްމު "އޯޑް ޓު މައި ފާދާ"ގެ އެޑެޕްޓޭޝަނެކެވެ.