ސަރުކާރާއި ރައްޔިތުން ބައިވެރިވާ، ކޮންސްޓްރަކްޝަން ވިޔަފާރި ކުންފުނި، މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ ]އެމްޓީސީސީ[ އިން 151 މުވައްޒަފަކު މި މަހުގެ ނިޔަލަށް ވަޒީފާ އިން ވަކިކުރަން މެނޭޖްމަންޓުން ނިންމައިފި އެވެ.

ސަން އަށް އެނގިފައިވާ ގޮތުގައި އެ ކުންފުނީގެ ޗީފް އެގްޒެކެޓިވް އޮފިސާ ހުސައިން އަމުރު ސޮއި ކުރައްވައި އިއްޔެ ނެރެފައިވާ އެތެރޭގެ ސާކިއުލާއެއްގައި ބުނެފައި ވަނީ "ކުންފުނީގެ މިހާރުގެ ހާލަތުން އަރައިގަތުމަށް ޓަކައި މިހިނގާ ސެޕްޓެމްބަރު މަހުގެ ނިޔަލަށް 151 ވަޒީފާ އުނިކުރަން" ނިންމާފައިވާ ކަމަށެވެ.

އެކަން ވަނީ ސަރުކާރުގެ 60 ޕަސެންޓް އަދި އާންމުންގެ 40 ޕަސެންޓް އޮންނަ ކުންފުނީގެ ޗީފް އޮޕަރޭޓިން އޮފިސާ މުހައްމަދު ޒަމީލު ވެސް ސަން އަށް ކަށަވަރުކޮށްދެއްވައިފަ އެވެ. އޭނާ ވިދާޅުވީ ބޯޑުގެ މަޝަވަރާގެ މަތީން ކުންފުނީގެ ހަރަދުތައް ކުޑަ ކުރުމުގެ ގޮތުން މުވައްޒަފުން ވަކި ކުރަން ނިންމި ނަމަވެސް ވަކިކުރާނީ ކޮން މުވައްޒަފުންނެއް ކަމެއް އަދި ނިންމާފައި ނުވާ ކަމަށެވެ.

"ވަޒީފާތަކެއް މަދުކުރަން ނިންމީ. އެކަމަކު ވަކިބަޔަކު އަދި ޝޯޓްލިސްޓެއް ނުކުރަން،" ޒަމީލު ވިދާޅުވި އެވެ.
ނަމަވެސް ނަން ނުޖެހުމަށް ޝަރުތުކޮށް ސަން އަށް ވާހަކަ ދެއްކެވި އެ ކުންފުނީގެ މުވައްޒަފަކު މިއަދު ވިދާޅުވީ އިއްޔެ ނެރުނު ޝާކިއުލާ އިން ވަކި ބަޔަކު ކަނޑާލުމުގެ ނިޔަތް ވަރަށް ރަނގަޅަށް ހާމަވާ ކަމަށާއި އެކަން އެނގޭ އެއްކަމަކީ ކަނޑާލުމަށް ނިންމާފައި ވަނީ 151 މީހުން ކަމަށް ޝާކިއުލާގައި ބުނެފައިވާތީ ކަމަށެވެ. އަދި އޭނާ ވިދާޅުވީ މުވައްޒަފުން މަދު ކުރުމަށް ނިންމާ އިރު ކުންފުނީގައި މިހާރު ވެސް 500 ވަރަކަށް މިލިއަން ރުފިޔާގެ މަސައްކަތް ކުރަމުން އަންނަ ކަމަށާއި އެ މަސައްކަތް ކުރާނެ މީހުންގެ ދަތިކަން ކުރިމަތިވާ ކަމަށެވެ. އަދި އޭނާ ވިދާޅުވީ އެއް ފަރާތުން މީހުން މަދު ކުރުމުގެ ވާހަކަ ދައްކާ އިރު މިހާރު ވެސް މީހުން ހޯދުމަށް ކުންފުނީގެ ވެބްސައިޓްގައި އިއުލާން ކުރަމުން އަންނަ ކަމަށެވެ.

ވަކި ބަކަކު ކަނޑާލުމުގެ ނިޔަތް ނެތް ނަމަ، އޭނާ ވިދާޅުވީ ޝާކިއުލާގައި އޮންނާނީ 150 ވަރަކަށް މީހުން ކަމަށެވެ.
ކުންފުނީގެ ބޯޑާ ހަވާލާދީ މުވައްޒަފުން ވަކިކުރާ ކަމަށް ބުނާ އިރު، ބޯޑުން ވަކި އަދަދުތަކެއް ކަނޑައެޅުމަކީ ވެސް ސުވާލު އުފެދޭ ކަމެއް ކަމަށް އޭނާ ވިދާޅުވި އެވެ. އަދި ޕްރޮފެޝަނަލްކޮށް މުވައްޒަފުން ވަކިކުރާ ނަމަ، މުވައްޒަފުން ވަކިކުރަން ޖެހޭނީ މެނޭޖްމަންޓް އޮޑީޓެއް ހެދިގެން ކަމަށާއި ނަމަވެސް އެފަދަ އޮޑިޓެއް ހަދާފައި ނުވާ ކަމަށް އޭނާ ވިދާޅުވި އެވެ.

"މުވައްޒަފުންތައް ތިބީ ބިރުން، ވަކި ކުރާނީ ކޮންބައެއް ކަން ނޭނގޭތީ،" އޭނާ ވިދާޅުވި އެވެ.
އެންމެ ފަހުން ނެރުނު ކުންފުނީގެ ކްއާޓާ އެކައުންޓް ރިޕޯޓްގައި ސުވާލު އުފެދޭ ހަރަދުތަކެއް ވަދެފައި ހުރި ކަމުގެ ތުހުމަތު ވެސް އޭނާ ވަނީ ކުރައްވައިފަ އެވެ.

އެމްޓީސީސީން 151 މުވައްޒަފުން ވަކި ކުރާ އިރު އެ އޭގެ ތެރޭގައި ގިނައިން ވަކި ކުރާނީ ދިވެހިން ކަމަށް ވެސް އޭނާ ތުހުމަތު ކުރެއްވި އެވެ.
އެމްޓީސީސީ ވޭތުވެ ދިޔަ ދެ އަހަރު ހިންގާފައި ވަނީ ގެއްލުމުގަ އެވެ.