26 Jul 2018, 23:04
ރާއްޖޭގެ ރައީސް ކަމާ 2013 ވަނަ އަހަރު ހަވާލުވެވަޑައިގެންނެވިއިރު، ގައުމު އޮތީ ފުނޑުފުނޑުކޮށްލާފައި ކަމަށާއި ނަމަވެސް ވޭތުވެދިޔަ ހަތަރު އަހަރުގެ މަސައްކަތުން ގިނަ ކާމިޔާބީތަކެއް ހޯއްދަވާފައިވާ ކަމަށް ރައީސް އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމް ވިދާޅުވެއްޖެއެވެ.
މިނިވަން ދުވަހުގެ މުނާސްވަތުގައި ޖުމްހޫރީ މައިދާނުގައި މިރޭ ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް ޔާމީން ވިދާޅުވީ އެމަނިކުފާނު ރާއްޖޭގެ ވަރިކަމާ ހަވާލުވީ ގިނަ ދުވަސަތަކެއް ވަންދެން ގައުމުގައި ނުކުރެވިހުރި މަސައްކަތްތަކެއް ކުރުމަށް ކަމަށާއި އެ މަސައްކަތް ފެއްޓެވިއިރު ގައުމު އޮތީ ބައިބައިކޮށް ފުނޑާލާފައި ކަމަށެވެ.
"އަޅުގަނޑު މިގައުމުގެ ވެރިކަމާ ހަވާލުވީ ގިނަ ދުވަސްތަކެއް ވަންދެން ގައުމުގައި ނުކުރެވިފައި ހުރި ބޮޑެތި މަސައްކަތްތަކެއް ކުރަން. ރައްޔިތުންނަށް ދިމާވެފައިހުރި ބޮޑެތި މައްސަލަތަކެއް ހައްލުކުރަން. ރައްޔިތުންނަށް ބޭނުންވެފައިވާ ކާޑާއި ބޭހާއި ދިރިއުޅުމުގެ ވަސީލަތްތައް ހޯދޭނެ ގޮތްތައް ފަހިކޮށްދޭން. އެއް ވިސްނުމަށްވުރެން ގިނަ ވިސްނުމާއެކު ހާރިޖީ ގުޅުން ގާއިމްކޮށް އެންމެ ސިނާއަތަކަށް ބަރޯސާވެފައިވާ އިގްތިސޯދު ހުޅުވާލުމުގެ މަސައްކަތްތަކަށް ކިތަންމެ ހުރަސްތަކެއް ކުރިމަތިކުރުވި ނަމަވެސް ﷲ ތަނަވަސް ރަހުމަތްފުޅާ އެކު މިއަދު މިވަނީ ވަރަށް ގިނަ ކާމިޔާބީތަކެއް ހާސިލް ކުރެވިފައި،" ރައީސް ވިދާޅުވިއެވެ.
ވެރިކަމާ ހަވާލުވެވަޑައިގެންނެވިއިރު، ގައުމު އޮތް ހާލަތަށް ރައީސްގެ ވާހަކަފުޅުގައި އަލިއަޅުވައިލެއްވިއެވެ. އެގޮތުން ދައުލަތުގެ މަސްލަހަތުތައް ރައްކާތެރިކުރަން ހުރި މުއައްސަސާތައް ރެނދު ލައްވާލައި ގައުމު އޮތީ ދާޚިލީ ހަނގުރާމައެއްގެ ތުންފަތް މަތީގައި ކަމަށް ރައީސް ފާހަގަކުރެއްވިއެވެ. އަދި އިގްތިސޯދީ ވަޅުގަނޑެއްގެ ތެރޭގައި ދައުލަތް އޮތީ މަހުން މަހަށް ލިބޭ އެއްޗަކުން ދެކޮޅު ނުޖެއްސޭ ހާލަތެއްގައި ކަމަށް ވެސް ރައީސް ވިދާޅުވިއެވެ.
"...މިދެންނެވި ހާލަތުގައި އޮތް މި ކުޑަ ކުޑަ ރާއްޖޭގައި ވެރިކަމާ ހަވާލުވުމަށްފަހު އަޅުގަނޑުގެ ޒިންމާއަކަށް ވީ ގައުމު ހަމަމަގަށް އެޅުވުން. ދާހިލީ ހަނގުރާމައެއްގެ ތުންފަތް މަތީގައި އޮތް ގައުމު ނަގާ ކޮޅަށް ޖަހައި ރައްޔިތުން ގޮވައިގެން އަމާން ބަނދަރަކަށް ދެވޭތޯ ދަތުރު ފެށުން. ބަލިކަށިކުރުވާފައިވާ އިސްލާމީ އަގީދާ ވަރުގަދަކޮށް ބައިބާ ކުރުވާފައިވާ ރައްޔިތުން އެއްބައި ކުރުވުން. ރާއްޖޭގެ މިނިވަންކަން ދަމަހައްޓައި ގައުމުގެ އަމިއްލަވަންތަކަން ގާއިމު ކުރުން. އިގްތިސޯދުގެ ލަގަން ގައުމުގެ އަތްމައްޗަށް ގެނައުން،" ރައީސް ވިދާޅުވިއެވެ.
ނަމަވެސް މިއަދު އެ ހުރިހާ ކަމަކުން އަރައިގެނެވިފައިވާ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
ވޭތުވެދިޔަ ހަތަރު އަހަރު ތެރޭގައި ދައުލަތުގެ ރިޒާވް 368 މިލިއަން ޑޮލަރުން 773 މިލިއަން ޑޮލަރަށް މައްޗަށް ޖެއްސިފައިވާކަމަށް ރައީސް ވިދާޅުވިއެވެ. އަދި ސޮވަރަން ފަންޑެއް އުފައްދައި އެ ފަންޑުގައި 47 މިލިއަން ޑޮލަރަށްވުރެ ގިނަ ފައިސާ ރައްކާކުރެވިފައިވާނެ ކަން ރައީސް ފާހަގަކުރެއްވިއެވެ.