މާދަމާ ރޭ ހިފާ ހަނދުކޭތައަށްފަހު ރާއްޖޭގައި މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި ކޭތަ ނަމާދު ކުރާ ގޮތަށް އިސްލާމިކް މިނިސްޓްރީން ހަމަޖައްސައިފިއެވެ.

އިސްލާމިކް މިނިސްޓްރީން ބުނީ ފަލަކީ ހިސާބުތަކުން ދައްކާގޮތުން ކޭތަ ހިފާނީ ހުކުރު ދުވަހުގެ ރޭ 22:14 ގައި ކަމަށާއި އަދި ކޭތަ ވީއްލާނެ ކަމަށް ލަފާ ކުރެވެނީ އަންނަ ހޮނިހިރު ދުވަހުގެ ފަތިހު 04:28 ގައި ކަމަށެވެ.

ކޭތައާ ގުޅިގެން ރާއްޖޭގެ މީހުން ދިރިއުޅޭ ކޮންމެ ރަށެއްގައިވެސް އެރަށެއްގައި ހުރި އެންމެ ބޮޑު މިސްކިތެއްގައި ހުކުރު ދުވަހުގެ ރޭ 23:30 ގައި ކޭތަ ނަމާދުކުރުމަށް ހަމަޖައްސައިފައިވާ ކަމަށް އިސްލާމިކްް މިނިސްޓްރީން ބުންޏެވެ. އެގޮތުން މާލެ ސިޓީ ސަރަހައްދުގައި އިސްލާމީ މަރުކަޒުގައާއި، ވިލިނގިލީގައި މަސްޖިދުލް އިޚްލާޞް އަދި ހުޅުމާލޭގައި މަސްޖިދުއް ޝައިޚް ޤާސިމް ބިން މުޙައްމަދު އާލް ޘާނީ ގައި ކޭތަ ނަމާދު ކުރުމަށްވަނީ ހަމަޖެހިފައިވާ ކަމަށް އިސްލާމިކް މިނިސްޓްރީން ބުންޏެވެ.

އިސްލާމިކް މިނިސްޓްރީން ބުނީ އަންނަ ހުކުރު ދުވަހުގެ ރޭ ހަނދުކޭތަ އަށް ފަހު ޚާއްޞަ ހުތުބާއެއްވެސް ކިޔުމަށް ހަމަޖެހިފައިވާ ކަަމަށެވެ.