27 Jul 2018, 02:35
ޚަބަރާއި މައުލޫމާތު ފެތުރުމުގެ ދާއިރާއިން ރައީސުލް ޖުމްހޫރިއްޔާ ދެއްވާ ހިތްވަރު ދިނުމުގެ ގައުމީ އިނާމް މުހައްމަދު ޖަވާދު ޔޫސުފަށް ލިބިއްޖެއެވެ.
ގައުމީ ހިދުމަތުގެ އިނާމު ދިނުމަށް މިރޭ ޖުމްހޫރީ މައިދާނުގައި ބޭއްވި ރަސްމިއްޔާތުގައި ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް ވަނީ ޖަވާދަށް ހިތްވަރު ދިނުމުގެ ގައުމީ އަރުވައިފައެއެވެ.
ޖަވާދަކީ ބައިނަލްއަގުވާމީ މުހިންމު މައްސަލަތައް ދިރާސާ ކުރައްވައި، އެކަމުގެ މައުލޫމާތު ރާއްޖޭގެ ޚަބަރު ފަތުރާ ވަސީލަތްތައް މެދުވެރިކޮށް ފަތުރަމުންދާ ބޭފުޅެކެވެެ.
ހޯމް މިނިސްޓްރީގެ ޑިރެކްޓަރެއްގެ މަގާމު އަދާކުރައްވަމުން ގެންދަވާ ޖަވާދު ވިދާޅުވީ އެންމެ ކުޑައިރުއްސުރެވެސް ބޭރު ދުނިޔޭގެ ޚަބަރުތަކަށް ޝައުގުވެރިކަން ހުންނަ ކަމަށާއި އެންމެ ކުރިން ރާއްޖޭގައި ނެރުނު "މޫން ލައިޓް" މަަޖައްލާތައް ބައްލަވާ ހެއްދެވި ކަމަށެވެ.
ޚަބަރާއި މައުލޫމާތު ފެތުރުމުގެ ދާއިރާއިން ހިތްވަރު ދިނުމުގެ އިނާމް ޖަވާދަށް އަރުވަނީ-- ސަން ފޮޓޯ: މުހައްމަދު އަފްރާހް
ޖަވާދު ވިދާޅުވީ އޭނާ ލީބިޔާގައި ބެންގާޒީ ޔުނިވާސިޓީގައި ކިޔަވަމުން ދިޔަ ދުވަސްވަރު "އައްތާލިބު" ގެ ނަމުގައި ނެރުނު ނޫހަށް އެކި މައުލޫތަކާށް އަރަބި ބަހުން އޭރުވެސް ލިޔުއްވަމުން ގެންދެވި ކަމަށެވެ.
ޕޮލިޓިކަލް ސައިންސްގެ ދާއިރާއިން މަތީ ތައުލީމް ހާސިލްކުރެއްވުމަށް ފަހު ރާއްޖެ ވަޑައިގެން ޖަވާދު ލިޔުއްވަމުން ގެންދެވީ އޭރު ރާއްޖޭގައި ނެރެމުންދިޔަ ނޫހެއް ކަމަށްވާ އާފަތިސް ނޫހަށެވެ. އެ ނޫހަށް ބޭރުގެ ތަފާތު ހަބަަރުތައް ތަރުޖަމާކުރުމުގެ އިތުރުން ޖަވާދު ވަނީ ބޭރު ދުނިޔެއާ ގުޅޭ ދިރާސީ ރިޕޯޓްތައްވެސް ތައްޔާރުކޮށްދެއްވައިފައެވެ.
ސަން އޮންލައިނަށް ޖަވާދު ބޭރުދުނިޔޭގެ ލިޔުންތައް ލިޔުއްވަން ފެއްޓެވީ 2010 ވަނަ އަހަރުއެވެ. އޭގެ އިތުރުން 2005 ވަނަ އަހަރުން ފެށިގެން ޓެލެވިޒަމް މޯލްޑިވްސްއާއި ދިވެހިރާއްޖޭގެ އަޑަށްވެސް ޖަވާދު ދަނީ ބޭރު ދުނިޔޭގެ ޚަބަރުތަކާއި ރިޕޯޓުތައް ލިޔުއްވަމުންނެވެ.