16 Sep 2011, 16:04
ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް އުފައްދަވާ ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސް (ޕީޕީއެމް) ރަޖިސްޓްރީ ކުރުމަށް ބޭނުންވާ 3000 މީހުންގެ ސޮއި ހަމަކުރެއްވިއްޖެ ކަމަށް އެ ޕާޓީން ބުނެފި އެވެ.
ޕީޕީއެމް އިން އެހެން ބުނެފައި މިވަނީ ޕާޓީ ރަޖިސްޓްރީ ކުރުމަށް ބޭނުންވާ 3000 މީހުންގެ ސޮއި ހޯދުމަށް އިއްޔެ ހެނދުނު 10:00 ކުން ފެށިގެން ދަންވަރު 12 ޖަހަންދެން ދަރުބާރުގޭގައި ބޭއްވި "އަހަރެން ވެސް ޕީޕީއެމް" ކެމްޕޭނުގައި 3000 މީހުން ސޮއި އެއްކުރެވޭނެ ކަމަށް އިއުލާންކޮށްފައި ވަނިކޮށެވެ.
އެ ޕާޓީގެ ސްޕޯކްސް ޕާސަން ގަލޮޅު ދެކުނު ދާއިރާގެ މެންބަރު އަހުމަދު މަހުލޫފް ރޭ ވިދާޅުވީ އެ ކެމްޕޭން ރޭ ނިންމާލި އިރު 3000 އަށް ވުރެ ގިނަ މީހުން އެ ޕާޓީއަށް ސޮއި ކޮށްފައިވާ ކަމަށެވެ.
"ރާއްޖޭގެ ތާރީހުގައި އެންމެ އަވަހަށް ޕާޓީއެއް ރަޖިސްޓާ ކުރުމަށް ބޭނުންވާ ސޮއި ހަމަކުރި ފުރަތަމަ ޕާޓީއަކީ މި ޕާޓީ،" މަހުލޫފް ވިދާޅުވި އެވެ.
ސޮއި ކުރި މީހުންގެ އަދަދެއް މަހުލޫފް ވިދާޅެއްނުވި އެވެ. މަހުލޫފް ވިދާޅުވީ ޕީޕީއެމްގެ ޖަގަހައިގައި މިއަދު ހަވީރުން ފެށިގެން ވެސް ޕާޓީއަށް ސޮއި ކުރުން ކުރިއަށް ދާނެ ކަމަށެވެ.
"އަހަރެން ވެސް ޕީޕީއެމް" ކެމްޕޭންއަށް ރޭ ވަނީ މައުމޫން ވެސް ޒިޔާރަތްކުރައްވާ ޕާޓީއަށް ސޮއި ކުރަން ވަޑައިގެން ތިއްބެވި ބޭފުޅުންނާ ބައްދަލުކުރައްވައިފަ އެވެ.
މަހުލޫފް ވިދާޅުވީ އަންނަ ހަފްތާ ފެށޭ ތާންގައި ޕާޓީ ރެޖިސްޓާ ކުރަން އިލެކްޝަންސް އަށް ހުށަހަޅުއްވާނެ ކަމަށެވެ.