އައިޖީއެމްއެޗްގައި މަސައްކަތްކުރާ ނަރުހުންގެ އެލަވަންސްތައް ކަނޑާލި ކަމަށް ބުނެ ބައެއް މީޑައާތަކުން ހަބަރު ފެތުރި ނަމަވެސް އެއީ ހަގީގަތެއް ނޫން ކަމަށާއި އަދި ނަރުހުންގެ މުސާރަތައް މުރާޖާ ކުރަމުންގެންދާ ކަމަށް އެ ހޮސްޕިޓަލުން ބުނެފިއެވެ.

އައިޖީއެމްއެޗުން މިރޭ ނެރުނު ބަޔާނުގައި ބުނީ ނަރުހުންގެ މަސައްކަތްތަކުގައި ފަންނީ ގޮތުން ކުރިއަށް ދެވޭނެ ފަދަ އޮނިގަނޑެއް އެކުލަވާލުމުގެ މަސައްކަތް ސިވިލް ސާވިސް ކޮމިޝަނާ ގުޅިގެން ކުރިއަށްގެންދާ ކަމަށެވެ.

"މި އޮނިގަނޑު ރާވާފައިވާ ގޮތުގެ އަސާސަކީ ނާސިން ދާއިރާތަކުން ފަންނީ ގޮތުން ކުރިއަށް ދިޔުމުގެ ފުުރުސަތު ތަނަވަސްކޮށްދިނުމާއި އަދި ނަރުހުން ކޮށްދެއްވާ ބުރަ މަސައްކަތްތަކާއި އެކަށޭނެ މުސާރައެއް ހަމަޖެއްސުމާއި، މާލީ އިނާޔަތުގެ ގޮތުގައި ލިބެމުންދާ އަދަދުވެސް އިތުުރުކޮށްދިނުމެވެ،" އައިޖީއެމްއެޗްގެ ބަޔާނުގައި ވެެއެވެ.

އައިޖީއެމްއެޗުން ބުނީ ޕްރޮފެޝަނަލް އޮނިގަނޑުތައް ރޭވުމާއި އެކުލަވާލުމުގައި ސިވިލް ސާވިސް ކޮމިޝާނާއި އަދި ކަމާ ގުޅޭ ދާއިރާތަކުން ވަކި އުސޫލުތަކެއް ގެންގުޅޭ ކަމަށެވެ. އަދި އެ އުސޫލުތަކުގެ ސަބަބުން ދާއިރާގެ އެކި ފަންނީ ގިންތަކުގައި ހުރި ފަރަގުތައް އިސްލާހްކުރެވި އެއް ހަމައަކުން ހުރިހާ މުވައްޒިފުންނަށް އަމަލުކުރެވޭނެ މަގު ފަހިވެގެންދާނެ ކަމަށްވެސް އައިޖީއެމްއެޗުން ބުންޏެވެ.

ނަރުހުންގެ މުސާރައިގެ އާ އޮނިގަނޑުތައް އެކުލަވާލުމުގައި ސިވިސް ސާވިސާސްއާއެކު އެންމެ ފަހުގެ މަޝްވަރާތައް މިހާރު ކުރިއަށް ދިޔަނަމަވެސް އެ ކޮމިޝަނުން މުސާރާމެދު ގެނައި ބަދަލުތައް އައިޖީއެމްއެޗަަށް އަންގައިފައިނުވާ ކަމަށް އެ ހޮސްޕިޓަލުން ބުންޏެވެ.

އައިޖީއެމްއެޗްގެ ނަރުހުންގެ އިނާޔަތްތައް ކަނޑާލިކަމަށް ބުނެ ފަތުރަމުންދާ ހަގީގަތާ ހިލާފު ވާހަކަތައް ނުފެތުރުމަށްވެސް އެ ހޮސްޕިޓަލުން ވަނީ އިލްތިމާސްކޮށްފައެވެ.