މިމަހުގެ 13 ވަނަ ދުވަހު އދ. އަތޮޅުގައި އޮންނަ ވިލަމަންދޫ އައިލެންޑް ރިސޯޓް އެންޑް ސްޕާ ކައިރިން ފާނައިގެ މަސްވެރިކަން ކުރަން އުޅެނިކޮށް ދޯންޏަކުން ކަނޑަށް ވެއްޓި ގެއްލުނު މީހާ އަދިވެސް ނުފެންނަ ކަމަށާއި، އަދިވެސް އޭނާ ހޯދުމުގެ މަސައްކަތް ކުރިއަށްދާ ކަަމަށް އެމްއެންޑީއެފުން ބުނެފިއެވެ.

އެމްއެންޑީއެފްގެ މީޑިއާ އޮފިސަރު "ސަން" ވިދާޅުވީ ކަނޑަށް ވެއްޓުނު މީހާ ހޯދުމަށް އެމްއެންޑީއެފްއިން ކަނޑާއި ފަޅުތަކާއި ފަރުތައް ހިމެނޭ ސަރަހައްދުގެ ބޮޑުބައެއް ބަލާފައިވާ ކަމަށެވެ. އެހެންނަމަވެސް އޭނާގެ އެއްވެސް ހިލަމެއް ނުވާކަމަށްވެސް އެމްއެންޑީއެފުން ބުންޏެވެ.

ގެއްލުނު މީހާ ހޯދުމުގެ ގޮތުން ޑައިވިން ރޮބޮޓް ބޭނުންކޮށްގެން ޑައިވް ކުރުމުގެ އިތުރުން ވައިގެ މަގުންވެސް ބޮޑު ސަރަހައްދެއް ވަނީ ބަލާފައެވެ.

އެ ހާދިސާގައި ކަނޑަށް ވެއްޓުނީ ފ. ބިލެއްދޫ އުތުރުގޭ އުމުރުން 56 އަހަރުގެ އަހުމަދު ނަސީރެވެ. އެ ހާދިސާ ހިނގިއިރު އޭނާ ލައިގެން ހުރީ ކަޅު ކުލައިގެ ޓީޝާޓަކާއި މުށިކުލައިގެ ފަޓުލޫނެއް ކަމަށް އެމްއެންޑީއެފުން ބުންޏެވެ.

އޭނާ ކަނޑަށް ވެއްޓިފައިވަނީ ބިލެއްދޫގެ "ޓާގެޓް" ނަމަކަށް ކިޔަ ދޯންޏަކުންނެވެ.