މޫސުމާބެހޭ ގޮތުން ލިބޭ މައުލޫމާތާއި އަދި މޫސުމަށް ދުރާލާ ތައްޔާރުވެގެންކަމުން، ވީހާވެސް ޔަގީންކަމާ އެކު މޫސުމާބެހޭ ދިރާސާތަކުގެ މައުލޫމަތުން ލިބޭނެ ގޮތް ހެދުމުގެ ގޮތުން ރާއްޖޭގެ ހުރިހާ އަތޮޅެއްގައި އޮޓޮމެޓިކް ވެދާ ސްޓޭޝަންތައް ހަރުކޮށް ނިންމައިފިއެވެ.

ރާއްޖޭގެ ހުރިހާ އަތޮޅެއްގައި އޮޓޮމެޓިކް ވެދާ ސްޓޭޝަން ހަރުކުރުމަށް ހިންގި މަޝްރޫއުއާ ބެހޭގޮތުން "ސަން" އަށް މައުލޫމާތު ދެއްވަމުން މީޓިއޮރޮލޮޖިކަލް ސެންޓަރުގެ އެސިސްޓެންޓް އިންސްޓްރޫމަންޓް ޓެކްނިކަލް މޫސާ ސައީދު ވިދާޅުވީ އެ މަޝްރޫގެ ދަށުން މިހާތަނަށް 24 ރަށެއްގައި ވެދާ ސްޓޭޝަންތައް ހަރުކޮށް މިމަހު ނިންމައިފައިވާ ކަމަށެވެ.

"މިހާރު ވެދާ ސްޓޭޝަންް ހަރުކޮށް ނުނިމި އޮތީ ހަމައެކަނި ދ. ކުޑަހުވަދޫގައި އެކަނި. އެރަށުގައި އެއާޕޯޓްގެ މަސައްކަތް ކުރަމުންދާތީ. އެއާޕޯޓުން ހުއްދަ ލިބުނުހާ އަވަހަކަށް އިންސްޓޯލް ކުރާނަން. ދެން ދ. އަތޮޅުު ހުޅުދެލީގައި ކުރިން ހަރުކޮށްފަ އެބައިން ވެދާ ސްޓޭޝަނެއް،" ސައީދު ވިދާޅުވިއެވެ.

އޮޓޮމެޓިކް ވެދާ ސްޓޭޝަންތައް ހަރުކުރި ހުރިހާ ތަނުގެ މަސައްކަތް ފަށައި އެ ހުރިހާ ތަނަކުން މިހާރު ޑޭޓާ ފޮނުވަން ފަށާފައިވާ ކަމަށްވެސް ސައީދު ވިދާޅުވިއެވެ.

މިއީ އިޓަލީ ސަރުކާރުގެ ހިލޭ އެހީގެ ދަށުން މިދިޔަ ނޮވެމްބަރު މަހު ފެށި މަޝްރޫއެކެވެ.

ސައީދު ވިދާޅުވީ އެ ވެދާ ސްޓޭޝަންތަކުގެ ސަބަބުން ރާއްޖޭގެ ހުރިހާ ސަރަހައްދުތަކެއް ކަވަރު ކޮށް މޫސުމީ ވިއުގައެއް ގާއިމްކުރެވި އެ ހުރިހާ ސަރަހައްދުތަކެއް ޑޭޓާތައް ފޯކާސްޓަރުން ލިބިގެން ދާނެ ކަމަށެވެ. އެގޮތުން އެ ޑޭޓާތައް ބޭނުންކޮށް މޫސުން ލަފާކޮށް މޫސުމާ ބެހޭ މައުލޫމާތުތައް ދެވިގެންދާނެ ކަމަށް އޭނާ ވިދާޅުވިއެވެ.