26 Jul 2018, 18:52
އޮންލައިންކޮށް އެޕޮއިންޓްމަންޓް ހައްދައި ލެބޯޓަރީ ރިޕޯޓް ނެގޭނެ ގޮތް އައިޖީއެމްއެޗުން ހަދައިފިއެވެ.
އައިޖީއެމްއެޗުގެ މީޑިއާ އޮފިސަރު "ސަން" އަށް ވިދާޅުވީ އެ ހޮސްޕިޓަލުން މިނިވަންދުވަހާ ދިމާކޮށް އިފްތިތާހް ކުރި އާ ވެބްސައިޓުގެ ތެރެއިން ގިނަ ހިދުމަތްތަކެއް ލިބިގެން ދާނެ ކަމަށެވެ.
"މިގެން ކިއުވެސް ބަލާލެވޭނެ. އޭގެ ތެރޭގައި ގްރީން ޒޯން ލެބޯޓްރީގެ ކިއުއާއި. އެކްސްރޭގެ ކިއުވެސް ހިމެނޭ،" މީޑިއާ އޮފިސަރު ވިދާޅުވިއެވެ.
މީޑިއާ އޮފިސަރު ވިދާޅުވީ، އައިޖީއެމްއެޗުގެ ވެބްސައިޓް މެދުވެރިކޮށް ލޮގިން ވެގެން ޕޭޝަންޓާ ބެހޭ ޕާސަނަލް މައުލޫމާތުތައްވެސް ލިބިގެން ދާނެ ކަމަށެވެ.
އެގޮތުން ލޮގިންވުމަށް އައިޑީ ކާޑާ ޕާސްވޯޑް ޖެއްސުވުމުން ޑޮކްޓަރަށް ދެއްކުމަށް ޓޯކަން ނަންބަރު ނެގުމުގެ އިތުރުން ލެބް ރިޕޯޓްތައް ޕީޑީއެފް ފޯމެޓަށް ޕްރިންޓް ވެސް ކުރެވިގެން ދާނެ ކަމަށް މީޑިއާ އޮފިސަރު ވިދާޅުވިއެވެ.
އެޕޮއިންޓްމަންޓް ހެއްދުމަށް ވެއިޓްލިސްޓްކޮށް އަދި ބޭނުންނަމަ ވެއިޓްލިސްޓުން ކެންސަލް ކުރުމުގެ ފުރުސަތުވެސް ވެބްސައިޓް މެދުވެރިކޮށް ލިބިގެންދާނެ ކަމަށް މީޑީއާ އޮފިސަރު ވިދާޅުވިއެވެ.
އައިޖީމްއެޗުން ދޭ ހިދުމަތްތަކުގެ ފެންވަރު ރަނގަޅުކުރުމުގެ ގޮތުން އައިޖީއެމްއެޗާ ޖެހިހެން ސަރުކާރުން ވަނީ 25 ބުރީގެ ދަރުމަވަންތަ ހޮސްޕިޓަލްވެސް ގާއިމްކޮށްފައެވެ. ސަރުކާރުން ބުނީ އެ ހޮސްޕިޓަލްއިން އެންމެ ޒަމާނީ ހިދުމަތްތައް ލިބޭނެ ކަަމަދާއި އަދި ވަރަށް އަވަހަށް އެ ހޮސްޕިޓަލު ހުޅުވާނެ ކަމަށެވެ.