ސެޕްޓޭމްބަރު 23 ވަނަ ދުވަހު އޮންނަ ރިޔާސީ އިންތިހާބުގައި ވޯޓުލާން ރީރެޖިސްޓްރީވުމަށް މިހާތަނަށް 8000 މީހުން ފޯމު ހުށަހަޅާފައިވާ ކަމަށް އިލެކްޝަންސް ކޮމިޝަނުން ބުނެފި އެވެ.

އިދިކޮޅު އިއްތިހާދުގެ ކެންޑިޑޭޓު އިބްރާހިމް މުހައްމަދު ސޯލިހު (އިބޫ) ރިޔާސީ އިންތިހާބަށް ކުރިމަތިލެއްވުމަށް ހުށަހެޅުއްވި ކެންޑިޑެސީ ފޯމު ބަލައިގަތުމަށް ފަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އިލެކްޝަންސް ކޮމިޝަންގެ ރައީސް އަހްމަދު ޝަރީފު ވިދާޅުވީ މި އަހަރުގެ ރިޔާސީ އިންތިހާބަށް ރީ ރެޖިސްޓްރީ ވުމަށް މިހާތަނަށް ފޯމު ހުށަހަޅާފައިވާ މީހުންގެ އަދަދު 2013 ވަނަ އަހަރުގެ މި މުއްދަތާ އަޅާ ބަލާއިރު ގިނަ ކަމަށެވެ.

"2013 ގައި މި މިއަދާ ހަމައަށް، މި މުއްދަތާ ހަމައަށް ރެޖިސްޓްރީ ކުރެވިފައި އޮތީ ގާތްގަނޑަކަށް 4000 މީހުން. އެކަމަކު ރޭގެ ނިޔަލަށް އިލެކްޝަންސް ކޮމިޝަނަށް ގާތްގަނޑަކަށް 8000 ފޯމު ރީ ރެޖިސްޓްރީ ކުރުމަށްޓަކައި އައިސްފައި އެބަ ހުރި،" ޝަރީފު ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ ރީ ރެޖިސްޓްރީ ކުރުމާ ބެހޭގޮތުން އެމްޑީޕީއިން ހުށަހެޅި ޝަކުވާ ބަލައިގެނެފައިވާ ކަމަށެވެ. އެހެންކަމުން ތިން ވަނަ ފަރާތެއްގެ އެހީތެރިކަމާއެކު ރީ ރެޖިސްޓާ ކުރުމުގައި ޝައްކު އުފެދޭ ނަމަ އިލެކްޝަންސް ކޮމިޝަނުގެ ރީ ރެޖިސްޓްރީ ޕޮއިންޓެއް މެދުވެރިކޮށް ފޯމު ހުށަހެޅުމަށް ޝަރީފު އެދިވަޑައިގެންނެވި އެވެ.

ރާއްޖޭގެ އާބާދީގެ ބޮޑު ޕަސެންޓެއް އުޅެނީ ރަށްވެހިވެފައިވާ ރަށް ނޫން އެހެން ރަށްތަކުގައެވެ. އެހެން ކަމުން 2013 ވަނަ އަހަރުގެ އިންތިހާބަށް 60000 މީހުން ރީ ރެޖިސްޓްރީ ވި އިރު މި އަހަރުގެ އިންތިހާބަށް އެއަށް ވުރެ ގިނަ އަދަދެއްގެ މީހުން ރީރެޖިސްޓްރީ ވާނެ ކަމަށް ބެލެވެ އެވެ.