ސައުތު ވެސްޓް އޭޝިއަން ފުޓްބޯލް ފެޑެރޭޝަން (ސްވަފް)ގެ ސަބަބުން ރާއްޖޭގެ ފުޓުބޯޅައިގެ ޒުވާން ޖީލެއް އުފެއްދުމަށާއި، އިންފްރާސްޓްރަކްޗާ ގާއިމް ކުރުމަށް ފައިދާތަކެއް ކުރާނެ ކަމަށް އެފްއޭއެމްގެ ރައީސް ބައްސާމް އަދީލް ޖަލީލް ވިދާޅުވެއްޖެއެވެ.

ސަވްފްއަކީ ސައުދީ އަރަބިއާ އިސްކޮށް އޮވެ، އުފައްދަން މަސައްކުރާ ސަރަހައްދީ ފުޓުބޯޅަ ޖަމިއްޔާއެކެވެ. އެ ޖަމިއްޔާގައި 14 މެމްބަރު ގައުމެއް ހިމެނޭނެ ކަމަށް މައުލޫމާތު ލިބިފައިވެއެވެ.

ސައުދީ އަރަބިއާގެ ޖިއްދާގައި މިދިޔަ މަހު ކުރިއަށް ގެންދިޔަ މަޝްވަރާ ބައްދަލުވުމެއްގައި ސްވަފް އުފެއްދުމުގެ ފުރަތަމަ މަޝްވަރާތައް ކޮށްފައިވާ އިރު، އެ ބައްދަލުވުމުގައިވެސް ރާއްޖޭގެ ފުޓުބޯޅަ ފެޑަރޭޝަންގެ އިސްވެރިން ވަނީ ބައިވެރިވެފައެވެ. ރާއްޖޭގެ އިތުރުންވެސް ޕާކިސްތާން، ސްރީލަންކާ، އިންޑިއާ، ނޭޕާލް، ބަންގްލަދޭޝް، ސައުދީ އަދި ބަހްރެއިންގެ ފުޓުބޯޅަ ފެޑަރޭޝަނުންވެސް އެ ބައްދަލުވުންތަކުގައި ވަނީ ބައިވެރިވެފައެވެ. އިންޑިއަން އެކްސްޕްރެސްގައި ބުނެފައި ވަނީ އެ ޖަމިއްޔާއާ ގުޅުމަށް ކޮންމެ ގައުމަކަށްވެސް ފަސް ލައްކަ ޑޮލަރު ދޭނެ ކަމަށެވެ.

ސްވަފްގައި ބައިވެރިވިކަން ރަސްމީކޮށް އެފްއޭއެމްއިން އިއުލާން ކޮށްފައި ނުވި ނަމަވެސް، އެ ޖަމިއްޔާގެ ފައުންޑާ މެމްބަރުންގެ ލިސްޓްގައި ރާއްޖެ ހިމަނާފައިވެއެވެ. އެ ޖަމިއްޔާގައި ބައިވެރިވުމާ ގުޅޭ ގޮތުން އެފްއޭއެމްގެ ރައީސް ބައްސާމް ވިދާޅުވެފައި ވަނީ، ސްވަފްއަކީ ރާއްޖެއަށް ފަހި ފުރުސަތެއް ކަމަށާއި، ޒުވާން ޖީލެއް ބިނާ ކުރުމަށް ރަނގަޅު ފުރުސަތުތަކެއްވެސް ލިބޭނެ ކަމަށެވެ.

"ސްވަފްއަކީ ރާއްޖެއަށް ރަނގަޅު ކަންތައްތަކެއް ފަހިވެގެންދާނެ ޖަމިއްޔާއެއް. ހާއްސަކޮށް ރާއްޖޭގެ ފުޓުބޯޅައިގެ ލެވެލް ކުރިއަރުވާ. ރާއްޖޭގެ ފުޓުބޯޅައިގެ ޒުވާން ޖީލެއް އުފެއްދުމަށްވެސް ސްވަފްގެ އެހީ ހޯދޭނެ. ހާއްސަކޮށް ރާއްޖޭގެ ފުޓުބޯޅައިގެ އިންފްރާސްޓްރަކްޗާ ގާއިމް ކުރުމަށް ސްވަފް ވެގެންދާނީ މުހިއްމު ޖަމިއްޔާއަކަށް،" ބައްސާމް ވިދާޅުވިއެވެ.

ބައްސާމް އިތުރަށް ވިދާޅުވެފައި ވަނީ ސްވަފްއަކީ ރާއްޖެއިން ވަރަށް ބޮޑަށް ޝައުގުވެރިވާ ކަމެއް ކަމަށާއި، އެކަމަށް ވަރަށް ބޮޑަށް ޝައުގުވެރިވާ ކަމަށެވެ.

On 31 May, 2018, 14 Southwest Asian nations came together to mark the establishment of SWAFF. The founding members, Bahrain, Bangladesh, Bhutan, India, Iraq, Kuwait, the Maldives, Nepal, Oman, Pakistan, Saudi Arabia, Sri Lanka, the United Arab Emirates, and Yemen, will work together to promote and develop football in Southwest Asia. Find out more on the link in our bio.

A post shared byOfficial SWAFF(@officialswaff) on

ސްވަފް ރަސްމީކޮށް ހަރަކާތްތެރިވާން ފެށުމަށްފަހު ހަރަކާތްތެރިވާނީ އޭއެފްސީގެ ދަށުން ހިނގާ ޖަމިއްޔާއެއްގެ ގޮތުގައެވެ. އޭއެފްސީގައި ސަރަހައްދުގެ 47 ގައުމެއް ރަޖިސްޓްރީ ކުރެވިފައިވެއެވެ. ހަބަރުތައް ބުނެފައި ވަނީ ސައުދީން އުފައްދާ ސްވަފް ޖަމިއްޔާއަށް އޭއެފްސީގެ ރައީސް ޝެއިޚް ސަލްމާން ބިން އިބްރާހީމް އަލް ޚަލީފާވެސް ރުހުން ދޭނެއެވެ. އަދި އޭގެ އިތުރުންވެސް ސްވަފް އުފެއްދުމަށް ފީފާގެ ރައީސް ޖޯޖިއޯ އިންފެންޓީނޯވެސް ރުހުން ދޭނެ ކަމަށާއި، ފީފާއިން މި ރީޖަންގައި މުޅިން އަލަށް ބޮޑު މުބާރާތެއް ބޭއްވުމަށްވެސް ސްވަފުން ހުށަހަޅާނެ ކަމަށްވެސް ރިޕޯޓްތައް ބުނެފައިވެއެވެ.

ސްވަފް އުފެއްދުމާ ގުޅޭ ގޮތުން ތަފާތު ގޮތްގޮތަށް މީޑިއާގައި ވާހަކަތައް ފެތުރިފައިވެއެވެ. އެގޮތުން އެ ޖަމިއްޔާގެ ބޭނުމަކީ ސިޔާސީ ބޭނުމެއް ކަމަށް ބައެއް ފަރާތްތަކުން ސިފަކުރާ އިރު، އޭގެ ތެރޭގައި ސައުދީއާއި އަރަބި ގިނަ ގައުމުތައް ނިސްބަތްވާ ވަފް ފުޓުބޯޅަ ޖަމިއްޔާގެ ހެޑް އޮފީސް ޖޯޑައިން އިން ސައުދީ އަށް ބަދަލުކުރުމަށް ޖޯޑަންގެ ފުޓުބޯޅަ އިދާރާގެ ރައީސް ޕްރިންސް އަލީ ބިން ހުސައިން ދެކޮޅު ހެދުންވެސް އޭގެ ތެރޭގައި ހިމެނޭ ކަމަށް މީޑިއާ ރިޕޯޓުތައް ބުނެއެވެ.