ބާރު ސްޕީޑްގައި ދުއްވާފައި ދިޔަ ސައިކަލަކުން ޖެހި އިއްޔެ މެންދުރު ބޮޑެތި އަނިޔާތަކެއް ލިބުނު ގއ. ވިލިނގިލީ ކައުންސިލް މެމްބަރު ހަބީބު ހަސަންއަށް އިތުރު ފަރުވާ ދިނުމަށް މާލެ ގެނެސްފިއެވެ.

ހަބީބް "ސަން" އަށް މައުލޫމާތު ދެމުން ވިދާޅުވީ އިތުރު ފަރުވާއަށް މިއަދު ހެނދުނު މާލެ އައިސްފައިވާ ކަމަށެެވެ.

" މިހާރު އައިޖީއެމްއެޗްގައި އަވަސް ފަރުވާ ދެމުންގެންދަނީ. އަދިވެސް ބޮލުގަ ރިހުމަކަށް ބަދަލެއް ނާދޭ. މިހާރު އީއީޖީއާ ސީޓީ ސްކޭންއެއްވެސް ހަދައިފިން. ދެން އޭގެ ނަތީޖާއަށް މިހާރު އިންތިޒާރު މިކުރަނީ. " ހަބީބް ވިދާޅުވިއެވެ.

ހަބީބު ވިދާޅުވީ އެ ހާދިސާގައި އޭނާގެ ބޮލުގެ ފުއްކިބަ ފަޅައިގެން ގޮސް ވަރަށް ބޮޑަށް ދުޅަވެފަިއވާ ކަަމަށެވެ. އަދި ބޮލަށް އެނބުރުން އަރަނީ އެކަމުގެސަބުބުން ސިކުނޑިއަށް ލިބުނު ގެއްލުން ލިބިފައިވާތީ ކަމަށް ޑޮކްޓަރުން ގަބޫލުކުރާ ކަމަށްވެސް ހަބީބު ވިދާޅުވިއެވެ.

"ދެން މިހާރުވެސް ކޮޅަކަށް ނުތެދުވެވޭ. މީހެއްގެ އެހީގައި ފާޚާނާއަށް މި ދެވެނީ. އިށީނދެ ނީނދެވޭ ބޮލަށް އެނބުރުން އަރާވަރުން. އޮންނަ ފުށުން އަނެއް ފުށަށް ވެސް ނުޖެހޭ ގާތްގަނޑަކަށް،" ހަބީބު ވިދާޅުވިއެވެ.

އެ ހާދިސާގައި ހަބީބުގެ ވާތު ފައިގެ ފަލަމަސްގަނޑަށް އިންޗިއެއްހާ ފުޅާމިނުގެ ދަގަނޑެއް ހެރި ވާތު ފައިގެ ބޮޑުވާ އިނގިލީގެ ނިޔަފަތިގަނޑު ހަލާކުވެފައިވާ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

ހަބީބު ވިދާޅުވީ އެ ހާދިސާ ހިނގީ އެ ރަށު ސްކޫލްގައި އުޅެފައި މަގަށް ނުކުންނަން މަޑުކޮށްގެން ސައިކަލްގައި އިންދައި އެހެން ސައިކަލަކުން ޖެހިގެން ކަމަށެވެ.

"ސްކޫލުގައި ހުރެފައި މަގަށް ނުކުންނަން އައިއިރު ސައިކަލް އެ އަންނަ ސްޕީޑް ފެނިފައި އޭގެ އަޑު ކަންފަތުގައި ޖެހުނީމާ ނުރައްކަލެއް ވެދާނެ ކަަމަށް ހީކޮށް އަޅުގަނޑު މަޑުކޮށްގެން ހުއްޓާ މެދަށް އައިސް އެރުވީ،" ހަބީބު ވިދާޅުވިއެވެ.