26 Jul 2018, 13:39
މި އަހަރުގެ ރިޔާސީ އިންތިހާބުގައި ބައިވެރިވުމަށް މިއަދާ ހަމައައް ހަތް ފަރާތަކުން ފޯމް ނަގާފައިވާކަމަށް އިލެކްޝަން ކޮމިޝަނުން މިއަދު ބުނެފިއެވެ.
އިދިކޮޅު ސިޔާސީ ޕާޓީތަކުގެ ރިޔާސީ ކެންޑިޑޭޓު އިބްރާހިމް މުހައްމަދު ސޯލިހު (އިބޫ)އާއި ރަނިންގް މޭޓު ފައިސަލް ނަސީމް، އިންތިޚާބަށް ކުރިމަތިލެއްވުމަށް ހުށަހެޅުއްވި ފޯމާ ހަވާލުވެވަޑައިގަތުމަށްފަހު ނޫސްވެރިންނާ ވާހަކަދައްކަވަމުން އިލެކްޝަންސް ކޮމިޝަނުގެ ރައީސް އަހްމަދު ޝަރީފް ވިދާޅުވީ އިންތިޚާބަށް ކުރިމަތިލާ ފޯމު ހަތް ފަރާތަކުން ނަގާފައިވާ ކަމަށެވެ.
"މިއަދާ ހަމައަށް ހަތް ފަރާތަކުން ފޯމް ނަގާފައިވޭ. ނަމަވެސް މިހާތަނަށް ފޯމް ހުށަހަޅާފައިނީ އިބްރާހިމް މުހައްމަދު ސޯލިހާއި ފައިސަލް އެކަނި،" ޝަރީފް ވިދާޅުވިއެވެ.
ކޯލިޝަންގެ ބައިވެރިން އިލެކްސަން ކޮމިޝަނަށް ދަނީ--- ސަން ފޮޓޯ/ މުހަންމަދު އަފްރާހް
އިބޫއާއި ފައިސަލް ފޯމް ހުށަހަޅަން އިލެކްޝަންސް ކޮމިޝަނަށް ވަޑައިގެންނެވީ އެމްޑީޕީ އޮފީހާއި ހަމައިން ހިންގަވާފައެވެ. އެބޭފުޅުންނާއި އެކު އެމްޑީޕީއާއި އެހެން ޕާޓީތަކުގެ އިސް ބޭފުޅުންނާއި ރައްޔިތުން މަޖިލީހުގެ މެންބަރުންނާއި ބައެއް އާންމުން ބައިވެރިވިއެވެ.
ފުލުހުން އެއްބާރުލުމާއި އެކު އިލެކްޝަންސް ކޮމިޝަންގެ އިދާރާ އާއި ހަމައަށް އެބޭފުޅުން ވަޑައިގެންނެވި ނަމަވެސް ފުލުހުން ވަނީ އެސަރަހައްދުގައި ތިބި އާންމުން އިލެކްޝަންސް ކޮމިޝަންގެ އިދާރާ ކައިރިން ދުރަށް ޖައްސާފައެވެ.
"އިބޫގެ ކެންޑިޑޭސީއާއި މެދު 48 ގަޑި އިރު ތެރޭ އިލެކްޝަންސް އިން ގޮތެއް ނިންމާނެ. ޝަރުތު ހަމަވާ ކަަމުގައިވަންޏާ އިލެކްޝަންސްއިން ފޯމް ބަލައިގަންނާނެ" ނޫސްވެރިނާއި ވާހަކަ ދައްކަވަމުން އިލެކްޝަން ކޮމިޝަންގެ ރައީސް ޝަރީފް ވިދާޅުވިއެވެ.
އިދިކޮޅު ރިޔާސީ ކެންޑިޑޭޓު އިބްރާހިމް މުހައްމަދު ސޯލިހު މީޑިއާއާ ވާހަކަދައްކަވަނީ --- ސަން ފޮޓޯ/ މުހައްމަދު އަފްރާހް
ކެންޑިޑެސީ ފޯމް ހުށަހެޅުމަށް ފަހު ނޫސްވެރިންނާ ވާހަކަފުޅު ދައްކަވަމުން އިދިކޮޅު ކޯލިޝަންގެ ރިޔާސީ ކެންޑިޑޭޓް އިބްރާހީމް މުހައްމަދު ސޯލިހު (އިބޫ) ވިދާޅުވީ އިދިކޮޅު ފަރާތްތަކުން މިނިވަންކަމާއި ހައްގުތައް ހޯދައި ކަށަވަރުކުރުމަށް ކުރަމުންދާ މަސައްކަތަށް މިއަދު ކުރިއަށް ފިޔަވަޅެއް އެޅިއްޖެ ކަމަށެވެ.
"ކުރަން ހުރި މަސައްކަތްތައް ބޮޑު. އުނދަގޫ. ގޮންޖެހުންތަކާ އެކު ވެސް ކުރިއަށް ގޮސް އަޅުގަނޑުމެން 23 ސެޕްޓެމްބަރުގައި އިންތިޚާބު ކާމިޔާބުކުރާނަން،" އިބޫ ވިދާޅުވިއެވެ.
އިބޫ ވިދާޅުވީ ކެންޑިޑަސީ ފޯމު ހުށަހެޅުވުމަށްޓަކައި އިލެކްޝަންސް ކޮމިޝަނުގެ ރައީސްއާ ބައްދަލުކުރައްވައި، އިންތިޚާބާ ބެހޭގޮތުން ހުރި ކަންބޮޑުވުންތައް ހިއްސާ ކުރެއްވި ކަމަށެވެ.