ބްރޫޝީއާ ޑޯޓްމަންޑަށް ކުޅެމުންދިޔަ ޖަރުމަނުގެ ފޯވަޑް އަންދްރޭ ޝޫލާ، ލޯން އެއްބަސްވުމެއްގެ ދަށުން އިނގިރޭސިވިލާތުގެ ފުލްހަމްއާ ގުޅިއްޖެއެވެ.

މިދިޔަ ހަތަރު ސީޒަންވެސް ދެވަނަ ޑިވިޝަންގައި ހޭދަކޮށްފައިވާ ފުލްހަމް އަންނަ ސީޒަންގައި ޕްރިމިއާ ލީގު ކުޅޭނެއެވެ. އެޓީމުން އިނގިރޭސި ދެވަނަ ޑިވިޝަންގެ (ޗެމްޕިއަންޝިޕް)ގައި މިދިޔަ ސީޒަން ނިންމާލީ ތިންވަނައިގައެވެ. ޕްރިމިއާ ލީގަށް ކޮލިފައިވީ ޕްލޭ އޮފް ކާމިޔާބުކޮށްގެންނެވެ.

އުމުރުން 27 އަހަރުގެ ޝޫލާ ވަނީ ކުރިން ޗެލްސީއަށްވެސް ކުޅެފައެވެ. އޭނާ ފުލްހަމްއަށް ސޮއިކޮށްފައި ވަނީ ދެ އަހަރު ދުވަހުގެ ލޯން އެއްބަސްވުމެއްގައެވެ.

ބްރޫޝިއާ ޑޯޓުމަންޑަށް މިދިޔަ ދެ ސީޒަންގައިވެސް ކުޅުނު ޝޫލާ ވަނީ 38 މެޗެއް ކުޅެފައެވެ. އެހެން ނަމަވެސް އޭނާއަށް އެންމެ އެދެވޭ ކުޅުމެއް އެ ކްލަބުގައި ދެއްކިފައި ނުވާ އިރު، މިފަހަރު ޖަރުމަނުން ވޯލްޑް ކަޕަށް ދިޔަ ސްކޮޑުގައިވެސް އޭނާ ނުހިމެނެއެވެ.

ޖަރުމަނާއެކު 2014 ވަނަ އަހަރުގެ ވޯލްޑް ކަޕް ކާމިޔާބުކުރި ޝޫލާ ބުނެފައި ވަނީ ފުލްހަމްއާއެކު އާ ތަޖުރިބާއަކަށް ކެތްމަދުވެފައިވާ ކަމަށެވެ. އަދި ފުލްހަމްގެ ޓީމުން ޖާގަ ހޯދުމަށް ކުރެވެން އޮތް ހުރިހާ މަސައްކަތަކެއް ކުރާނެ ކަމަށާއި، އެ ޓީމަށް މުހިންމު ކުޅުންތެރިއަކަށްވުމަށް މަސައްކަތް ކުރާނެ ކަމަށްވެސް ޝޫލާ ބުންޏެވެ.

ޝޫލާ ވަނީ 2013 ވަނަ އަހަރުން 2015 ވަނަ އަހަރާ ހަމައަށް ޗެލްސީއަށް ކުޅެ، އިނގިރޭސި ޕްރިމިއާ ލީގުވެސް ކާމިޔާބުކޮށްފައެވެ. ޗެލްސީ ދޫކޮށް އޭނާ ވުލްވްސްބާގަށް ބަދަލުވި ނަމަވެސް އޭނާ ފަހުން ހޭދަކޮށްފައި ވަނީ ޑޯޓުމަންޑުގައެވެ.