26 Jul 2018, 12:30
ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލް ހިންގުމާ ސަރުކާރުން ހަވާލުވެ އެ ހޮސްޕިޓަލް ޓާޝާރީ ހޮސްޕިޓަލެއްގެ ފެންވަރަށް ތަރައްގީކުރުމުގެ މަސައްކަތް ސަރުކާރުން ފަށައިފިއެވެ.
ކުޅުދުއްފުށި ރީޖަނަލް ހޮސްޕިޓަލް ތަރައްގީކޮށް ހިންގަން ސަރުކާރުން މިދިޔަ އަހަރު ވަނީ އިންޑިއާގެ ނިމްސް ހޮސްޕިޓަލް ހިންގަމުން އަންނަ ނޫރުލް އިސްލާމް އިންޓަރނޭޝަނަލް ޕްރައިވެޓް ލިމިޓެޑް(އެންއައިއައި)އާ ޙަވާލުކޮށްފައެވެ. ނަމަވެސް އެކުންފުންޏަށް އެކަންނުވުމުން ސަރުކާރުން ވަނީ އަލުން ވަނީ ހޮސްޕިޓަލް ހިންގުމާ ހަވާލުވެފައެވެ.
ހެލްތް މިނިސްޓްރީން ބުނީ ކުޅުދުއްފުށީ ހޮސްޕިޓަލުގެ މަސައްކަތްތައް ހަލުވިކަމާއިއެކު ކުރިއަށް ގެންދިއުމަށްޓަކައި ހޮސްޕިޓަލްގެ މެޑިކަލް ޑައިރެކްޓަރު އަދި އެކްޓިންގް ސީއީއޯއަކަށް އައިޖީއެމްއެޗްގެ ޑޮކްޓަރެއް ހަމަޖައްސާފައިވާ ކަމަށާއި އަދި ނާސިންގ ޑައިރެކްޓަރަކަށްވެސް އައިޖީއެމްއެޗްގެ ސީނިއާ ނަރުހެއް ހަމަޖައްސާފައިވާ ކަމަށެވެ.
ޒަމާނީ ވަސީލަތްތަކުން އެ ހޮސްޕިޓަލުން ޚިދުމަތް ދިނުމަށް އައިޖީއެމްއެޗުގައި ހުންނަ ފެންވަރުގެ ސީޓީ ސްކޭން މެޝިނެއް ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލަށް ވަނީ ފޮނުވައިފައެވެ.
މީގެ އިތުރުން ސީޓީ އަދި އެމްއާރްއައި ރޫމް ތަރައްގީކުރުމަށް ކުރާ މަސައްކަތުގެ ދަށުން އެތަނަށް ކަރަންޓު ދިނުމުގެ މަސައްކަތް ފެނަކަ ކޯޕަރޭޝަނާ ހަވާލުކޮށްގެން ކުރަމުންދާކަމަށް ހެލްތު މިނިސްޓްރީން ބުނެއެވެ.
އެ މިނިސްޓްރީން ބުނީ ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލަށް ބޭނުންވާ ސްޕަރ ސްޕެޝަލިސްޓުން (ކާޑިއޮލޮޖިސްޓް، ނިއުރޮލޮޖިސްޓް ނެފްރޮލޮޖިސްޓް އަދި ޕެތޮލޮޖިސްޓް) ހޯދުމަށް ވެސް މިހާރު އިއުލާނު ކޮށްފައިވާނެ ކަމަށެވެ.
ހޮސްޕިޓަލްގެ މިހާރުގެ އިމާރާތުގެ ތެރެއިން ބަދަލު ގެންނަންޖެހޭ ތަންތަނަށް ބަދަލު ގެނައުމުގެ މަސައްކަތް ކުރުމަށް ހައުސިން މިނިސްޓްރީއާ ގުޅިގެން މަސައްކަތް ކުރަމުންދާއިރު ހޮސްޕިޓަލްގެ މުވައްޒަފުންގެ އޮނިގަނޑު ތައްޔާރުކޮށް ފައިނަލްކުރުމުގެ މަސައްކަތް ސިވިލް ސާވިސްއާ ގުޅިގެން ކުރިއަށް ދާކަމަށް ހެލްތު މިނިސްޓްރީއިން ބުނެއެވެ.
ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލަކީ މީގެ ކުރިންވެސް ދެވަނަ ދަރަޖައިގެ ޞިއްޚީ ޙިދުމަތް ދޭ ހޮސްޕިޓަލެއްކަމުން އެ ހޮސްޕިޓަލުން ސްޕެޝަލިސްޓް ޑޮކްޓަރުންގެ ޚިދުމަތާއި ޑައިގްނޯސްޓިކް ޚިދުމަތްތަކާއި އަލްޓްރަރ ސައުންޑާއި ރޭޑިއޮލޮޖިސްޓުންގެ ޚިދުމަތް ދެމުންގެންދާ ކަމަށް ހެލްތު މިނިސްޓްރީ އިން ބުންޏެވެ.
ތިން ވަނަ ދަރަޖައިގެ ޞިއްޙީ ޚިދުމަތްދޭ ހޮސްޕިޓަލަކަށް ނުވަތަ ޓާޝަރީ ފެންވަރުގެ ހޮސްޕިޓަލަކަށް ކުޅުދުއްފުށީ ހޮސްޕިޓަލް ބަދަލުކުރުމަށް ގެނަވުނު ބަދަލާއި އެކު، އެހޮސްޕިޓަލުން ދެމުންގެންދާ ޚިދުމަތްތައް ފުޅާކޮށް މި މަހުގެ 21 ން 23 އަށް ކިޑުނީގެ ބަލިތަކާއި،ކުޑަކަމުދާ ނިޒާމްގެ ބަލިތަކާއި ދަރިމައިވުމާގުޅޭ ބަލިތަކަށް ޚާއްސަކޮށް އައިޖީއެމްއެޗްގެ ޑޮކްޓަރުންގެ ޓީމެއް އެ ހޮސްޕިޓަލުގައި ބަލިމީހުން ބައްލަވާފައި ވެއެވެ. އަދި ނަފްސާނީ ބަލީގެ ޚާއްސަ ޑރ.އަލީ އާރިފްވެސް އަންނަ ހަފްތާގެ ތެރޭގައި ކުޅުދުއްފުށީ ހޮސްޕިޓަލްގައި ބަލިމީހުން ބެލުމަށް ހަމަޖެހިފައިވާކަމަށް ހެލްތު މިނިސްޓްރީން ބުނެއެވެ.
ދާއިމީ ސްޕަޝަލިސްޓުން ހަމަޖައްސަންދެން އައިޖީއެމްއެޗްއިން ކޮންމެ ދެ ހަފްތާއަކުން ސްޕަޝަލިސްޓުން ކުޅުދުއްފުށީގައި ޚިދުމަތް ދެމުންގެންދާނެ ކަމަށްވެސް ހެލްތު މިނިސްޓްރީން ބުނެއެވެ.