ޤާހިރާ (ސެޕްޓެމްބަރ 16) : އިސްރާއީލާއެކު މިސްރުން ސޮއިކޮށްފައިވާ ކޭންޕް ޑޭވިޑް ސުލްޙައިގެ މުޢާހަދާއަކީ މަތިން ބާއްވާލެއްވި އެއްޗެއް ނޫން ކަމަށާއި އަދި އެއީ ބަދަލު ނުގެނެވޭނެ މުޤައްދަސް އެއްޗެއްވެސް ނޫންކަމަށް މިސްރުގެ ބޮޑުވަޒީރު ޑޮކްޓަރ ޢިސާމް ޝަރަފް ވިދާޅުވެއްޖެއެވެ.

ޤާހިރާގައި ތުރުކީގެ ޓީވީ ނެޓްވާރކަކަށް ދެއްވި ބަސްދީގަތުމެއްގައި ޝަރަފް ވިދާޅުވީ ކޭމްޕް ޑޭވިޑް ސުލްޙައިގެ މުޢާހަދާއަށް ބަދަލުގެންނަން ޖެހިއްޖެ ޙާލަތެއްގައި ބަދަލު ގެންނަވާނެ ކަމަށާ މިސްރަށާއި މެދުއިރުމައްޗަށް މިހާރު އައިސްފައިވާ ބަދަލުތަކާއެއްގޮތަށް އެމުޢާހަދާ އިސްލާހް ކުރަންޖެހުމަކީ އެކަށީގެންވާ ކަމެއް ކަމުގައެވެ.

މިސްރުގެ މަސްއޫލުވެރިއަކު މިދިޔަ ހަފްތާގައިވެސްވަނީ އިސްރާއީލާއެކު މިސްރުން ސޮއިކޮށްފައިވާ ކޭމްޕް ޑޭވިޑް ސުލްޙައިގެ މުޢާހަދާއަށް މިސްރުން ގެންނަން އެދޭ ބަދަލުތަކެއް އެބަހުރި ކަމަށް ވިދާޅުވެ ވާހަކަ ދައްކަވާފާ. އަދި މިސްރުގެ ޢާންމު ރައްޔިތުންނާއި ސިޔާސީ ބައެއް ފަރާތްތަކުން ގެންދަނީ އިސްރާއީލާއެކު މިސްރުން ސޮއިކޮށްފައިވާ މި މުޢާހަދާ އުވާލުމަށް ގޮވާލަމުންނެވެ.

މިސްރުގެ މަސްއޫލުވެރިންނާއި ސިޔާސީ ބައެއް ފަރާތްތަކާއި އަދި ދާދިފަހުން މިސްރަށް އައި ރައްޔިތުންގެ އިންޤިލާބަށްފަހު ބާރުވެރިވެފައިވާ މިސްރުގެ ރައްޔިތުން، ކޭމްޕް ޑޭވިޑް ސުލްޙައިގެ މުޢާހަދާއާމެދު ދެކޭގޮތް ބަދަލުވަމުން ދިޔުމުން އިސްރާއީލު ވަނީ ކަންބޮޑުވާކަން ހާމަކޮށްފައެވެ.

ކޭމްޕް ޑޭވިޑް މުޢާހަދާއަށް ބަދަލުގެނަސްފިނަމަ އިސްރާއީލުގެ ސަލާމަތަށް ނުރައްކާވެ މިހާރަށްވުރެ ބޮޑަށް އިސްރާއީލު އިތުރަށް އެކަހެރިވެގެންދާނެ ކަމަށް މުރާސިލުން ބުނެއެވެ. ކުރިޔާ ޚިލާފަށް މިފަދަ މައްސަލަތަކާގުޅިގެން މިސްރަށް ފިއްތުންތައް ކުރިމަތިކުރުމުގެ ފުރްސަތު އިސްރާއީލުގެ ބައިވެރިޔާ ކަމަށްވާ އެމެރިކާއަށް ކުޑަވެފައިވާ ކަމަށް މީޑިޔާ ރިޕޯޓްތައް ބުނެއެވެ. (އަލްޖަޒީރާ)