ގއ. ހަގެވިއްލާ ނަމަކަށް ކިޔާ ފަޅުރަށެއް ކައިރީގައި އޮންނަ ފަރަކަށް ބޯޓެއް އެރުމުން އެމްއެންޑީއެފް އިން ހަރަކާތްތެރިވާން ފަށައިފިއެވެ.

އެމްއެންޑީއެފްގެ އިންފޮމޭޝަން އޮފިސަރު ކެޕްޓަން އިބްރާހިމް އާޒިމް ވިދާޅުވީ ބޯޓު ފަަރަށް އަރައިގެން އުޅޭ ކަމުގެ މައުލޫމާތު އެމްއެންޑީއެފް އަށް ލިބުނީ ރޭ 23:30 އެހާއިރު ކަމަށެވެ.

ކެޕްޓަން އާޒިމް ވިދާޅުވީ ބޯޓު ކައިރީގައި އެމްއެންޑީއެފް ސަދަން އޭރިއާ ކޯސްޓް ގާޑުގެ ލޯންޗެއް މިހާރު ހަރަކާތްތެރިވަމުންދާ ކަމަށެވެ.

ގއ. ހަގެވިއްލާ ކައިރިން ފަރަށް އެރި ބޯޓު-- ފޮޓޯ: އެމްއެންޑީއެފް

އަދި ދުރުން ބަލާއިރު ބޯޓުން އެއްވެސް މީހެއްގެ ހިލަމެއް ނުވާ ކަމަށާއި، ބޯޓު ތެރޭގައި ބަޔަކު ތިބިތޯ ބަލަން ސިފައިން ބޯޓަށް އެރުމަށް މަސައްކަތް ކުރަމުންދާ ކަމަށް ކެޕްޓަން އާޒިމް ވިދާޅުވިއެވެ.

މީގެ އިތުރުން ބޯޓަކީ ރާއްޖޭގެ ކުންފުންޏެއްގެ ބޯޓެއްތޯ ނުވަތަ ބޭރުގެ ބޯޓެއްތޯ ކަށަވަރުވެފައި ނުވާ ކަމަށާއި އެކަން ކަށަވަރު ކުރަން މަސައްކަތް ކުރަމުންދާ ކަމަށް ވިދާޅުވިއެވެ.