ކުޑަކުދިންނަށް އަމާޒުކޮށްގެން ބީބީސީން ހިންގާ މަޝްހޫރު ސީބީބީސް ޗެނަލް ދިރާގު ޓީވީން ރާއްޖެއަށް ތައާރަފްކޮށްފިއެވެ.

ރާއްޖޭގެ އެންމެ ދުވަސްވީ ޓެލެކޮމް ކުންފުނިން ބުނީ ސީބީބީސް ފެންނަނީ ދިރާގު ޓީވީގެ 165 ވަނަ ޗެނަލުން ކަމަށެވެ. އަދި އިންޓްރޯ ޕެކޭޖު ނަގާ ފަރާތްތަކަށް ވެސް ބޯނަސް ޕެކޭޖެއްގެ ގޮތުގައި އެ ޗެނަލް ފެންނާނެ ކަމަށް ދިރާގުން ބުނެއެވެ.

ރާއްޖޭގެ އެންމެ ފުޅާ ދާއިރާއެއްގައި ފޯރުވައިދޭ އައިޕީޓީވީގެ ޚިދުމަތް 26 ރަށަކަށް މިހާރު ލިބެއެވެ. އަދި ދިރާގުޓީވީ މެދުވެރިކޮށް 300 ރުފިޔާގެ މަހު ފީއަކަށް 90 އަށް ވުރެ ގިނަ ޗެނަލް ބަލާލެވޭނެ ކަމަށް ދިރާގުން ބުނެއެވެ.

ސީބީބީސްއަކީ ހަ އަހަރުން ދަށުގެ ކުދިންނަށް އަމާޒުކޮށްގެން، މަޝްހޫރު އެޑިއުކޭޝަނަލް ޕްރޮގްރާމްތައް ދައްކާ ޗެނަލެކެވެ. އެގޮތުން އެ ޗެނަލުގެ އެންމެ މަޝްހޫރު ޝޯތަކުގެ ތެރޭގައި ހިމެނޭ ގޯ ޖެޓާސް، ސާރާ އެންޑް ޑަކް ފަދަ ޕްރޮގްރާމްތައް މިހާރު ދިރާގުޓީވީން ފެންނާނެއެވެ.

ދިރާގު ޓީވީން މީގެ ކުރިންވެސް ވަނީ ރާއްޖެއަށް މުޅިން އާ އެތައް ޗެނަލެއް ތައާރަފް ކޮށްފައެވެ. އޭގެ ތެރޭގައި ޑިޒްނީގެ ޗެނަލްތަކާއި، ގުދުރަތީ ރީތި މަންޒަރުތައް "4ކޭ ކޮލިޓީ"ގައި ގެނެސްދޭ މަޝްހޫރު ޑޮކިއުމަންޓަރީ ޗެނަލެއް "ލަވް ނޭޗާ" ފަދަ އެތައް ޗެނަލެއް ހިމެނެއެވެ.