މަޝްހޫރު ލޯބީގެ ވާހަކަ ލައިލާ މަޖްނޫގެ އާ ފިލްމު ނެރުން ފަސްކޮށްފިއެވެ.

އެ ފިލްމު ނެރެން ކުރިން ހަމަޖެހިފައި އޮތީ އަންނަ އޮގަސްޓް މަހުގެ 24 ވަނަ ދުވަހު އެވެ. ނަމަވެސް ފިލްމު ދެން އަޅުވާނެ ތާރީޚަކީ އަންނަ ސެޕްޓެމްބަރު މަހުގެ ހަތް ވަނަ ދުވަސްކަމަށް މިހާރު ވަނީ ހަމަޖައްސައިފައެވެ.

"ލައިލާ މަޖުނޫ"ގެ ސްކްރީންޕްލޭ ލިޔުނު އިމްތިއާޒް އަލީ ބުނީ ފިލްމުގެ ޓްރެއިލާ ފިލްމު ރިލީޒްކުރުމުގެ ފަސް ހަފްތާ ކުރިން ނެރޭނެ ކަމަށެވެ.

ފިލްމާ ގުޅޭ ގޮތުން އިމްތިޔާޒް ބުނީ ކުރީގެ ދެ ފިލްމާ ޚިލާފަށް މިފަހަރުގެ ލައިލާ މަޖުނޫ ވަރަށް ބޮޑުތަންވެސް ތަފާތު ވާނެ ކަމަށެވެ.

ލައިލާ މަޖުނޫގެ ފުރަތަމަ ފިލްމެއް ނުކުތީ 1953ގައެވެ. އެ ފިލްމުގެ ލީޑުން ޝައްމީ ކަޕޫރާއި ނޫޓާން ފެނިގެން ގޮސްފައިވެއެވެ. "ލައިލާ މަޖުނޫން"ގެ ދެވަނަ ފިލްމެއް ނުކުތީ 1976ގައެވެ. އެ ފިލްމުގެ ލީޑުން ފެނިގެންދިޔައީ ރިޝީ ކަޕޫރާއި ރަންޖީތާ ކޯރް އެވެ.