ގައްޒާ (ޖުލައި 26) : އިސްރާއީލުން ގައްޒާގެ އިރުމަތީ ސަރަހައްދަކަށް ދިން ވައިގެ ހަމަލާއެއްގައި ފަލަސްތީނުގެ ތިން މީހަކު މަރުވެއްޖެއެވެ.

ގައްޒާގެ ހެލްތު މިނިސްޓްރީއިން ބުނީ ބުދަ ދުވަހު ދިން ހަމަލާގައި ތިން މީހުން މަރުވުމުގެ އިތުރުން، އެހެން މީހަކުވެސް ޒަހަމްވެ ހާލު ސީރިއަސްވެފައިވާ ކަމަށެވެ.

ރިޕޯޓުތައް ބުނާ ގޮތުގައި އިސްރާއީލުގެ ވައިގެ ހަމަލާގައި މަރުވެފައި ވަނީ އުމުރުން 28 އަހަރުގެ އަހްމަދު އަލް ބުސޫސް، 29 އަހަރުގެ އުބާދާ ފަރައުނާ، އަދި 27 އަހަރުގެ މުހައްމަދު އަލް އާރީރު އެވެ. މި ތިން މީހުންވެސް މަރުވެފައި ވަނީ ޣައްޒާގައި ހުންނަ އަލް ޝިފާ ހޮސްޕިޓަލަށް ގެންދިޔަ ފަހުންނެވެ.

އިސްރާއީލް ޑިފެންސް ފޯސް (އައިޑީއެފް)އިން ބުނީ ވައިގެ ހަމަލާތައް އަމާޒުކުރީ ހަމާސްގެ ހަނގުރާމަވެރިން ހަރަކާތްތެރިވަމުން ދިޔަ ހަތް ސަރަހައްދަކަށް ކަމަށެވެ. އަދި ހަމަލާ ދިނީ ގައްޒާގެ ދެކުނުގެ ސަރަހައްދެއްގައި އިސްރާއިލުގެ ސިފައިންނަށް އަމާޒުކޮށް ހަމާސްއިން ބަޑީގެ ހަމަލާ ދިނުމުން ކަމަށެވެ.

އިސްރާއީލުގެ ހަމަލާއާ ގުޅިގެން އަދި ހަމާސްއިން ވަކި އެއްޗެއް ބުނެފައި ނުވެއެވެ.

އިސްރާއީލުން މި ހަމަލާ ދީފައި މިވަނީ މީގެ ހަފްތާއެއްހާ ދުވަސް ކުރިން ދެ ފަރާތުން ހަމަލާ ބަދަލުކުރުން ހުއްޓާލަން އެއްބަސްވެފައި ވަނިކޮށެވެ. މީގެ ހަފްތާއެއްހާ ދުވަސް ކުރިން ބަދަލު ކުރި ހަމަލާތަކުގައި ފަލަސްތީނުގެ ހަތަރު މީހަކާއި އިސްރާއީލުގެ ސިފައިންގެ މީހަކު ވަނީ މަރުވެފައެވެ.