"ތެޔޮ" ބަރުކޮށްގެން މާލެ އިން ފުރައިގެން ތ. ތިމަރަފުއްޓަށް ދަތުރުކުރަމުން ދަނިކޮށް ވ. އަލިމަތާ ރިސޯޓާ ދިމާލު އޮތް ފިނޮޅަށް އެރި "ރިޝްވާ 4” ނަންބަރު ދޯނީގައި ހިނގި އަލިފާނުގެ ހާދިސާގައި ފިހުނު ތިން މީހުންގެ ހަށިގަނޑުގެ 30- 40 ޕަސެންޓް ފިހިފައިވާ ކަމަށް އައިޖީއެމްއެޗުން ބުނެފި އެވެ.

އެމްއެންޑީއެފުން ބުނީ އަލިމަތާ ރިސޯޓާ ދިމާލު އޮތް ފިނޮޅަށް އެ ދޯނި އެރީ ރޭ ފަތިހު 4:50ގައި ކަމަށާއި އެ ދޯންޏަށް އެމްއެންޑީއެފުން އެހީތެރިކަން ފޯރުކޮށްދީފައި ވަނީ މިއަދު މެންދުރު 11:20ގައި ކަމަށެވެ. އައި އެމްއެންޑީއެފްގެ ބޭފުޅުން އެ ދޯންޏަށް އެހީތެރިކަން ފޯރުކޮށްދެމުން ދަނިކޮށް އެ ދޯނީގައި އަލިފާނުގެ ހާދިސާއެއް ހިނގައި ތިން މީހަކު ފިހިފައިވާ ކަމަށެވެ. އަދފިހުނު މީހުންގެ ތެރޭގައި އެ ދޯންޏަށް އެހީތެރިކަން ރޯރުކޮށްދިނުމަށް މަސައްކަތް ކުރަމުންދިޔަ ސިފައިންގެ މީހަކު ވެސް ފިހިފައިވާ ކަމަށް އެމްއެންޑީއެފުން ބުންޏެވެ.

އޭނާ އަކީ ލާންސްކޯޕްރަލް ހުސައިން މޫސާ އެވެ.

އައިޖީއެމްއެޗްގެ މީޑިއާ އޮފިޝަލް ޒީނަތު އަލީ ހަބީބު މިއަދު ވިދާޅުވީ އެ ހާދިސާއާ ގުޅިގެން ހޮސްޕިޓަލަށް ގެނައި މީހުންގެ 30 ޕަސެންޓާއި 45 ޕަސެންޓް ހަށިގަނޑު ފިހިފައިވާ ކަމަށެވެ. އަދި އެ މީހުންނަށް މިހާރު އެމެޖެންސީގައި ފަރުވާދެމުންދާ ކަމަށާއި ނަމަވެސް ކުޑަ އިރުކޮޅެއްގެ ތެރޭ އެ މީހުން ވޯޑަށް ބަދަލު ކުރާނެ ކަމަށް ޒީނަތު ވިދާޅުވި އެވެ.
އެމްއެންޑީއެފްގެ މީޑިއާ އޮފިސަރު އަބްދުﷲ އަލީ މިއަދު ވިދާޅުވީ އެ ދޯނި ރޭ ފަތިހުން ފެށިގެން ފިނޮޅަށް އަރާފައިވާކަން އެނގުނީ އަލިމަތާ ރިސޯޓާ ތިންމޭލު ބޭރުގައި އޮތް ތިލައަކަށް ތ. ވޭމަންޑޫ "އަލިމަގު" ކިޔާ ދޯންޏެއް ފަރަށް އަރައިގެން އެ ސަރަހައްދަށް ކޯސްގާޓް ހާބާ ކްރާފްޓް ދިޔަ މަގުމަތީގައި ކަމަށެވެ.

"މިދޯނި ފަރަށް އެރި ކަމެއް އެއްވެސް ފަރާތަކުން ނެތް ރިޕޯޓްކޮށްފައެއް. އަޅުގަނޑުމެން ދިޔައީ އަލިމަތާ ކައިރީ ތިން މޭލު ބޭރުން ދޯންޏެއް ފަރަށް އަރައިގެން އެހެން ބަޔަކު ސަލާމަތް ކުރަން. އެއް އަންހެނަކާއި 11 ފިރިހެނުން ތިބި ކަމަށް ބުނެގެން އެމީހުންގެ ރިޕޯޓަކަށް ދަނިކޮށް އެތާކާރީ އޮތް ފިނޮޅަކަށް މި ދޯނި އަރާފަ އޮއްވާ ފެނުނީ،" އަބްދުﷲ އަލީ ވިދާޅުވި އެވެ.

އެމްއެންޑީއެފުން ބުނީ ތެޔޮ ބަރުކޮށްފައިވާ ދޯންޏެއްގައި އެފަދަ ހާދިސާއެއް ހިނގުމުން އެ ސަރަހައްދުގެ މޫދަށް ތެލުގެ އަސަރުކޮށްފާނެތީ، ލޭންޑިން ކްރާފްޓެއް އެތަނަށް ފޮނުވުމަށް ތައްޔާރު ކުރަމުން އަންނަ ކަމަށެވެ.


------------
14:43 އެ ދޯންޏަކީ 50 ފީފާ ތެޔޮ ހިފައިގެން ތިމަރަފުއްޓަށް ދަތުރުކުރި ދޯންޏެއް. ޕެޓްރޯލް ކަމެއް ޑީސަލް ކަމެއް އަދި ނޭނގޭ.

14:33 އައިޖީއެމްއެޗުގައި ތިބި ސަންގެ ރިޕޯޓަރުން ބުނަނީ ހޮސްޕިޓަލް ވަނީ ފުލުހުންގެ އެލާޓްގައި ކަމަށް.

14:29 ތިން މީހަކު ފިހިގެން ހޮސްޕިޓަލަށް ވައްދައިފި. ފުރަތަމަ ވެއްދީ ސިފައިންގެ މީހަކު. ސިފައިންގެ މީހާ އަކީ ކޯސްޓްގާޑްގެ ހާބާ ކްރާފްޓް 102ގައި އެ ދޯންޏަށް އެހީތެރިވުމަށް ދިޔަ މީހެއް.

14:27 ވަރަށް ބޮޑަށް ފިހިފައި އޮތް މީހަކު އައިޖީއެމްއެޗަށް ވައްދައިފި އެވެ.

ފަރަށް އެރި ދޯންޏެއްގައި އަލިފާން ރޯވެ ބައެއް މީހުން ފިހިއްޖެ އެވެ.

އެމްއެންޑީއެފުން ބުނީ އަލިފާން ރޯވެފައި ވަނީ މާލެ އިން ފުރައިގެން ތ. ތިމަރަފުއްޓަށް ދަތުރުކުރަނިިކޮށް، ވ. އަލިމަތާ ކައިރީގައި އޮތް ފަރަކަށް އެރި ރ. މީދޫ އަހުމަދު ރަޝާދުގެ "ރިޝްވާ4" ކަމަށެވެ.

ސަން އަށް އެނގިފައިވާ ގޮތުގައި އެ ދޯނީގައި އަލިފާން ރޯވެ، ބައެއް މީހުން ފިހިފައި ވަނީ އެމްއެންޑީއެފުގެ އުޅަނދެއްް އެ ސަރަހައްދަށް ގޮސް އެހީތެރި ވަމުން ދަނިކޮށެވެ. އެމްއެންޑީއެފުގެ ބަޔާނުން އެނގިފައިވާ ގޮތުގައި ލަފާކުރެވެނީ އެއީ ދިވެއްްސެއް ކަމަށް.
- ރަޝްވާ 4 އަށް އެހީވުމަށް އެމްއެންޑީއެފުން އެ ދޯނިކައިރިއަށް ފުރަތަމަ ދިޔައީ މިއަދު 11:20ގައި. ދޯނި ފަރަށް ްއަރާފައި ވަނީ ރޭ ފަތިހު 04:50ގައި.