ރިޔާޒް (ޖުލައި 26) : ރަތްކަނޑާއި އަރަބި ކަނޑު ގުޅޭ ކަނޑުއޮޅި ކަމަށްވާ ބާބުލްމަންދަބް ކަނޑު އޮޅިން ދަތުރުކުރަމުން ދިޔަ ސައޫދީ ތެޔޮޓޭންކަރުގެ ދެ ޓޭންކަރަށް ޔަމަންގެ ޙޫޘީން ދިން މިސައިލް ޙަމަލާތަކެއް އެރުމާ ގުޅިގެން އެކަނޑު އޮޅި ހުރަސްކޮށް ތެޔޮ ބޭރުކުރުން ސައޫދީން ހުއްޓާލައިފި އެވެ.

ސައޫދީ ތެލާބެހޭ ވަޒީރު ޚާލިދް އަލްފާލިޙް ވިދާޅުވީ ބާބުލްމަންދަބް ކަނޑު އޮޅިން ސައޫދީ ތެޔޮ ޓޭންކަރުތައް ދަތުރުކުރުން ވަކި މުއްދަތެއްނެތި ހުއްޓާލާފައިވާ ކަމުގަ އެވެ. އެސަރަހައްދުން ދެން ސައޫދީ ތެޔޮ ޓޭންކަރުތައް ދަތުރުކުރާނީ އެސަރަހައްދު އަމާން ވުމުންކަމަށް ވެސް ސައޫދީ ވަޒީރު ވިދާޅުވި އެވެ.

ޔަމަންގެ ވެރިކަމަށް އަތްގަދަ ކޮށްގެން އުޅޭ އެގައުމުގެ ހޫޘީ ޖަމާއަތުން ސައޫދީ ތެޔޮ ޓޭންކަރުތަކަށް ޙަމަލާދިނީ ސައޫދީން ޔަމަނަށްދޭ ވައިގެ ހަމަލާތަކާއި އެނޫން ވެސް ޙަމަލާތަކަށް ބަދަލުހިފުމުގެ ގޮތުންކަމަށް އެޖަމާއަތުން ބުނެ އެވެ. ހަނގުރާމައިގާ މަދަނީ ތަންތަނަށް ހަމަލާތައް ދިނުމަކީ މަނާކަމެއް ކަމަށް ވިޔަސް ސައޫދީ ވެސް އަދި ހޫޘީން ވެސް މަދަނީ ތަންތަނަށް ހަމަލާތައް ދެމުންގެންދެ އެވެ.

ސައޫދީ ން ހަމަލާތައްދޭ ތަންތަނުގެ ތެރޭގައި ޔަމަންގެ ހޮސްޕިޓަލްތަކާއި ގެދޮރާއި ސްކޫލްތަކާއި ޖަނާޒާތަކާއި ކައިވެނި ޕާޓީތައް ފަދަ ތަންތަން ހިމެނެ އެވެ. ހޫޘީން ޙަމަލާތައްދޭ ތަންތަނުގެ ތެރޭގައި ސައޫދީގެ އާންމުންގެ ގެދޮރު ފަދަ ތަންތަނާއި ސައޫދީ އާގު ބޯޓުތަކާއި ތެޔޮ ޓޭންކަރުތަކާއި ތެލުގެ ސިނާއަތާ ގުޅިފައިވާ ތަންތަން ހިމެނެ އެވެ. އެމެރިކާގެ ޒަމާނީ ހަތިޔާރު ބޭނުންކޮށްގެން އަދި އެމެރިކާ ފަންނީ މާހިރުންގެ އެހީތެރިކަމާ އެކު ސައޫދީ ދޭ ހަމަލާތަކުގައި ޔަމަންގެ އާންމުންގެ އެތައް ހާސްބަޔަކު މަރުވެ ޔަމަންގެ ބޮޑުބައެއް ސުންނާފަތިވެފައިވާއިރު ހޫޘީންގެ އަތުގައި ޒަމާނީ ހަތިޔާރު ނެތުމުން ހޫޘީންގެ ހަމަލާތައް އެހާ ގެއްލުން ބޮޑެއްނޫނެވެ.

ހޫޘީންނަށް މިސައިލް ފޯރުކޮށްދޭ ކަމުގެ ތުހުމަތު ކުރެވިފައި ވަނީ އީރާނުގެ މައްޗަށެވެ. ނަމަވެސް ޔަމަން ސިފައިންގެ ލަޝްކަރުތައް ވަނީ ހޫޘީންގެ ކޮންޓްރޯލްގެ ދަށުގައި ކަމުންނާއި ޔަމަން ސިފައިންގެ ހަތިޔާރު ގުދަންތައް ވެސް ވަނީ ހުޘީންގެ އަތްދަށުގައި ކަމުން ހޫޘީން ސައޫދީ އަށް ދޭ މިސައިލް ޙަމަލާތަކަކީ ޔަމަން ސިފައިންގެ ހަތިޔާރުތައް ކަމަށް އެޖަމާއަތުން ބުނެ އެވެ.

ޙޫޘީން ދިން މިސައިލް ޙަމަލާތައް އެރި ސައޫދީ ދެ ތެޔޮ ޓޭންކަރަށް މާބޮޑު ގެއްލުންތަކެއް ނުލިބޭ ކަމަށާއި އަދި އެއިން ތެޔޮވެސް ލީކުނުވާ ކަމަށާ މީހަކު ވެސް މަރުނުވާ ކަމަށް ސައޫދީ މަސްއޫލުވެރިން ވިދާޅުވި އެވެ. ހޫޘީން ވަނީ އެޖަމާއަތުގެ މިސައިލްތައް ސީދާ ގޮތެއްގައި ސައޫދީ ތެޔޮ ޓޭންކަރުތަކަށް އެރިކަމަށް ބުނެފަ އެވެ. މިހަމަލާތަކާ ގުޅިގެން ސައޫދީ ގައުމީ ތެޔޮ ކުންފުނިކަމަށްވާ އަރަމްކޯ އިންވެސް ވަނީ ހޫޘީންގެ ހަމަލާއާ ގުޅިގެން ބާބުލްމަންދަބް ކަނޑު އޮޅިން ސައޫދީ ތެޔޮ ޓޭންކަރުތައް ދަތުރުކުރުން ވަކި މުއްދަތެއްނެތި ހުއްޓާލާފައިވާކަން ކަށަވަރުކޮށްދީފަ އެވެ.

ހޫޘީން ރައްދުގައިދޭ މިސައިލް ޙަމަލާތައް ސައޫދީގެ އެކިތަންތަނަށް އަމާޒުކުރެ އެވެ. ނަމަވެސް މަދު މިސައިލެއް ނޫނީ ސައޫދީ ތަންތަނަށް އަރާފައެއް ނުވެ އެވެ. ހޫޘީން ފޮނުވާ ގިނަ މިސައިލްތައް ސައޫދީ ގެންދަނީ އެމެރިކާގައި އުފައްދާ އެންޓި މިސައިލް ދިފާއީ ނިޒާމުތައް ބޭނުންކޮށްގެން ވައްޓާލަމުންނެވެ. (އަލްޖަޒީރާ)