26 Jul 2018, 00:41
ބާރު ސްޕީޑްގައި ދުއްވާފައި ދިޔަ ސައިކަލަކުން ޖެހި ގއ. ވިލިނގިލީ ކައުންސިލް މެމްބަރު ހަބީބު ހަސަނަށް ބޮޑެތި އަނިޔާތަކެއް ލިބިއްޖެއެވެ.
ހަބީބް "ސަން" އަށް ވިދާޅުވީ އެ ހާދިސާގައި އޭނާއަށް ބޮޑެތި އަނިޔާތަކެއް ލިބުނު ކަމަށާއި އަދި މިހާރުވެސް ހާލު ވަރަށް ދެރަ ކަަމަށެވެ. ހަބީބު މިހާރުވެސް އޮންނެވީ ގއ. އަތޮޅު ހޮސްޕިޓަލްގައެވެ.
"ދެން މިހާރުވެސް ކޮޅަކަށް ނުތެދުވެވޭ. މީހެއްގެ އެހީގައި ފާޚާނާއަށް މި ދެވެނީ. އިށީނދެ ނީނދެވޭ ބޮލަށް އެނބުރުން އަރާވަރުން. އޮންނަ ފުށުން އަނެއް ފުށަށް ވެސް ނުޖެހޭ ގާތްގަނޑަކަށް،" ހަބީބު ވިދާޅުވިއެވެ.
ހަބީބު ވިދާޅުވީ އެ ހާދިސާގައި އޭނާގެ ބޮލުގެ ފުއްކިބަ ފަޅައިގެން ގޮސް ވަރަށް ބޮޑަށް ދުޅަވެފަިއވާ ކަަމަށެވެ. އަދި ބޮލަށް އެނބުރުން އަރަނީ އެކަމުގެސަބުބުން ސިކުނޑިއަށް ލިބުނު ގެއްލުން ލިބިފައިވާތީ ކަމަށް ޑޮކްޓަރުން ގަބޫލުކުރާ ކަމަށްވެސް ހަބީބު ވިދާޅުވިއެވެ.
އެ ހާދިސާގައި ހަބީބުގެ ވާތު ފައިގެ ފަލަމަސްގަނޑަށް އިންޗިއެއްހާ ފުޅާމިނުގެ ދަގަނޑެއް ހެރި ވާތު ފައިގެ ބޮޑުވާ އިނގިލީގެ ނިޔަފަތިގަނޑު ހަލާކުވެފައިވާ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.
ހަދަން ޖެހޭ ބޮލުގެ އިތުރު ޓެސްޓުތައް ހެދުމަށް މިއަދު ފަތިހު މާލެއަށް ފުުރުމަށް ހަމަޖެހިފައިވާ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.
ހަބީބު ވިދާޅުވީ އެ ހާދިސާ ހިނގީ އެ ރަށު ސްކޫލްގައި އުޅެފައި މަގަށް ނުކުންނަން މަޑުކޮށްގެން ސައިކަލްގައި އިންދައި އެހެން ސައިކަލަކުން ޖެހިގެން ކަމަށެވެ.
ސްކޫލުގައި ހުރެފައި މަގަށް ނުކުންނަން އައިއިރު ސައިކަލް އެ އަންނަ ސްޕީޑް ފެނިފައި އޭގެ އަޑު ކަނފަތުގައި ޖެހުނީމާ ނުރައްކަލެއް ވެދާނެ ކަަމަށް ހީކޮށް އަޅުގަނޑު މަޑުކޮށްގެން ހުއްޓާ މެދަށް އައިސް އެރުވީ،" ހަބީބު ވިދާޅުވިއެވެ.
މިކަމާ ގުޅިގެން ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ މިއަދު 12:00 ގައި ވިލިނގިލީގައި ހިނގި އެކްސިޑެންޓެއްގެ މައްސަލަ ހުށަހެޅިފައިވާ ކަމަށާއި އެ މައްސަލަ ތަހުގީގު ކުރަމުން އަންނަ ކަމަށެވެ.