25 Jul 2018, 23:21
މާލެއަތޮޅު ތިލަފުށީގައި ކުނިއެންދުމުގެ ސަބަބުން ތިމާވެއްޓަށާއި ސިއްހަތަށް ލިބޭ ގެއްލުންތައް ހުއްޓުވުމުގެ ގޮތުން އަންނަ މަހު އެތަނުގައި ކުނިއެއްދުން ހުއްޓާލަން ހަމަޖައްސަލައިފައިވާ ކަމަށް އެންވަޔަރަމަންޓް މިނިސްޓްރީން ބުނެފިއެވެ.
އެންވަޔަރަމަންޓް މިނިސްޓްރީގައި މިއަދު ހަވީރު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމަނުން އެންވަޔަރަންމަންޓް މިނިސްޓަރު ޠާރިޤު އިބްރާހިމް ވިދާޅުވީ، ތިލަފުށީގައި އެ މިނިސްޓްރީން ހިންގާ ޕްރޮޖެކްޓް ނިމިގެންދާއިރު އެރަށަކީ ރާއްޖޭގެ އެހެނިހެން ރަށެކޭ އެއްފަދައިން ސާފުތާހިރު އަދި ސާފު ވައި ޖެހޭ އަދި މީހުން ދިރިއުޅެން ރައްކާތެރި ރަށަކަށް ވެގެން ދާނެ ކަމަށެވެ.
މިިނިސްޓަރު ވިދާޅުވީ، ތިލަފުށީގައި ކުނި މެނޭޖް ކުރުމަށް ކުރިން ބޭނުން ކުރަމުން އައި ސިސްޓަމްތައް އާ ސިސްޓަމްތަކަށް ބަދަލުކުރުމުގެ ގޮތުން 105 މިލިއަން ރުފިޔާ ހަރަދުކޮށްގެން 15 ހެކްޓަރުގެ ސަރަހައްދެއް ހިއްކާފައިވާ ކަމަށެވެ.
" ތިލަފުށީގައި ފަސް އިންސިއުނޭޓަރު މިބެހެއްޓީ. ޓޯޓަލް 20 ޓަނުގެ. މި އިންސިއުނޭޓަރުގެ ބޭނުމަކީ މާލެ ސަރަހައްދަށް ޖަމާވާ މެޑިކަލް ވޭސްޓް ޓްރީޓް ކުރާނެ ގޮތެއް ނެތް. އެހެންވީމާ އެއް އިންސިއުނޭޓަރު މި އަމާޒުކުރީ މެޑިކަލް ވޭސްޓް މެނޭޖްކުރުން. ދެން ބާކީ ހުރި އިންސިއުނޭޓަރުތައް ބޭނުންކުރާނީ އެހެން ނުރައްކާތެރި ކުނިތައް އެންދުމަށް، ނައްތާލުމަށް ބޭނުންކުރެވިގެން ދާނެ،" މިނިސްޓަރު ވިދާޅުވިއެވެ.
މިނިސްޓު ވިދާޅުވީ، ތިލަފުއްޓަށް ގެންދާ ކުނި ރައްކާތެރި ކަމާއެކު މެނޭޖްކުރުމުގެ ގޮތުން ކުނި ބަންދުކުރާނެ ދެ ބެއިލިން މެޝިނެއްވެސް ރާއްޖެ ގެނެސްފައިވާ ކަމަށެވެ. އަދި އެ މެޝިންތައްވެސް އަންނަ މަހު ބެހެއްޓިގެން ދާނެ ކަމަށާއި އަދި އޭގެ ސަބަބުން ކުނިވާ ޒާތުގެ ހުރިހާ ކުންޏެއް ރަައްކާތެރި ކަމާއެކު ބެހެއްޓިގެން ދާނެ ކަމަށްވެސް މިނިސްޓަރު ވިދާޅުވިއެވެ.
މިނިސްޓަރު ވިދާޅުވީ، ތިލަފުށީގެ ގޮނޑުގައި އަދަމުންދާ އަލިފާން ނިއްވާލުމަށް އެމްއެންޑީއެފާ ގުޅިގެން އަންނަ މަހު މަސައްކަތް ފެށުމަށް ތައްުޔާރުވަމުންދާ ކަމަށެވެ.