ރާއްޖޭގެ އުތުރާއި ދެކުނުގައި ސިޓީއެއް ތަރައްގީ ކުރުމަކީ ސަރުކާރުގެ އަމާޒެއް ކަމަށް ރައީސުލްޖުމްހޫރިއްޔާ މުހައްމަދު ނަޝީދު މިއަދު ވިދާޅުވެއްޖެ އެވެ.

ރައީސް ނަޝީދު މިއަދު ދެއްވި ރޭޑިއޯ ހިތާބުގައި ވާހަކަފުޅު ދައްކަވަމުން ވިދާޅުވީ ރާއްޖޭގައި، އުތުރުގައި އަދި ދެކުނުގައި ސިޓީއެއް ތަރައްޤީ ކުރުމަކީ، މި ސަރުކާރުގެ މެނިފެސްޓޯގައި ކަނޑައެޅިފައިވާ ލަނޑުދަނޑިއެއް ކަމަށެވެ. އަދި އެ މަސައްކަތްތައް، މެނިފެސްޓޯގައި ކަނޑައަޅާފައިވާ މުއްދަތުތަކުގެ ތެރޭގައި ހިނގަމުންދާކަމީ ސަރުކާރަށް ލިބޭ ވަރަށް ބޮޑު އުފަލެއް ކަމަށެވެ.

"ރާއްޖޭގައި، އުތުރުގައި އަދި ދެކުނުގައި މާލޭގެ އިތުރުން ސިޓީއެއް ތަރައްޤީ ކުރުމަކީ، ސަރުކާރުގެ އަމާޒެއް. އަދި މި ސަރުކާރުގެ މެނިފެސްޓޯގައި ކަނޑައެޅިފައިވާ ލަނޑުދަނޑިއެއް. ސަރުކާރުގެ މިމަސައްކަތްތައް، އެ މެނިފެސްޓޯގައި ކަނޑައަޅާފައިވާ މުއްދަތުތަކުގެ ތެރޭގައި ހިނގަމުންދާކަމީ، އަޅުގަނޑުމެންނަށް ލިބޭ ވަރަށްބޮޑު އުފަލެއް. އަޅުގަނޑުމެންނަށް ލިބޭ ވަރަށްބޮޑު ހިތްހަމަޖެހުމެއް. އިރާދަކުރެއްވިއްޔާ، މިއެންމެހާ މަސައްކަތްތައް ވެސް ރާއްޖޭގެ އެންމެ ރައްޔިތުން އެދޭގޮތަށް ހިންގުމުގައި، އަޅުގަނޑުމެންނަށް ކުރެވެންހުރި ހުރިހާ މަސައްކަތެއް އަޅުގަނޑުމެން ގެންދާނީ ކުރަމުން،" ރައީސް ނަޝީދުު ދެއްވި 115 ވަނަ ރޭޑިއޯ ހިތާބުގައި މިއަދު ވިދާޅުވި އެވެ.

އެމަނިކުފާނު ވިދާޅުވީ މި ދުވަސްކޮޅު ރާއްޖޭގައި އެންމެ ބާރަށް ހިނގަމުން އަންނަ މަސައްކަތަކީ، ސާކް ސަމިޓަށް ތައްޔާރުވުމުގެ ގޮތުން، އައްޑޫ، ސިޓީއަކަށް ހެދުމުގެ މަސައްކަތްތައް ބާރަށް ކުރިއަށް ގެންދިޔުން ކަމަށެވެ. އެގޮތުން އައްޑޫގެ މަގުތަކާއި، ފެނާއި ނަރުދަމާގެ ނިޒާމާއި އަދި ކޮންވެންޝަން ސެންޓަރުގެ މަސައްކަތް، ހިމެނޭ ކަމަށާއި އައްޑޫ ސިޓީގެ މަސައްކަތްތަކަށް ބޭނުންވާ އެންމެހާ ސާމާނު ވެސް އައްޑުއަށް ޖަމާކުރެވިފައިވާ ކަމަށް ވިދާޅުވި އެވެ.

ރައީސް ވިދާޅުވީ ސާކް ސަމިޓްގެ ސުންގަޑިއަށް، ސާކް ސަމިޓާ ގުޅޭ ހުރިހާ މަސައްކަތްތަކެއް ފުރިހަމަވާއިރު، އެންމެންވެސް ފަހުރުވެރިވާނެ ފަދަ އައްޑޫ ސިޓީއެއް މުޅި ދުނިޔެއަށް ފެނިގެންދާނެ ކަމަށެވެ. އަދި އައްޑޫ ސިޓީގެ ތަރައްގީއަކީ މުޅި ރާއްޖޭގެ ތަރައްގީއާ ގުޅިފައި އޮތް ކަމެއް ކަމަށް ވިދާޅުވި އެވެ. އެމަނިކުފާނު ވިދާޅުވީ ސާކް ސަމިޓަށް ތައްޔާރުވަމުންދާ މަސައްކަތުގެ ތެރޭގައި ފުވައްމުލަކުގައި ހިނގަމުންދާ މަސައްކަތްތައް ވެސް މިހާރު ދަނީ ކުރިއަށްވުރެ މާބޮޑުތަނުން ބާރަށް ކަމަށެވެ. އިރާދަކުރެއްވިއްޔާ، އެމަސައްކަތްތައް ވެސް ސާކް ސަމިޓްގެ ސުންގަޑިއަށް ސަރުކާރަށް ނިންމާލެވޭނެ ކަމަށް ރައީސް ނަޝީދު ވިދާޅުވި އެވެ.

އެމަނިފާނު ވިދާޅުވީ ހުނަރު ތަމްރީނު ކުރުމުގެ ޕްރޮގްރާމް، 8500 މީހުން ހުނަރަކާ އެކުގައި ވަޒީފާ އަަށް ނެރުމަށް އަމާޒު ކުރެވިގެން ހިންގުމަށް ނިންމާފައިވާ ކަމަށެވެ. އަދި މިއަންނަ ހަފްތާގެ ތެރޭގައި 750 ފަރާތަކަށް ތަމްރީނުތައް ފަށައިގަނެވޭނެ ކަމަށާއި ސަރުކާރުން ވެސް އަދި ކައުންސިލްތަކުން ވެސް މި ޕްރޮގްރާމްގައި ވީހާވެސް ގިނަ ބަޔަކު ބައިވެރިކޮށްދެއްވުމަށް އެ މަޢްލޫމާތު އެންމެހާ ފަރާތްތަކަށް ފޯރުކޮށްދިނުމަށް ރައީސް ނަޝީދު އެދިވަޑައިގެންނެވި އެވެ.

ވެށިފަހި މާލޭގެ ޕްރޮގްރާމާ ބެހޭ ގޮތުން ރައީސް ވިދާޅުވީ މިދިޔަ ހަފްތާގެ ތެރޭގައި އެ ޕްރޮގްރާމްގެ އޭ ކެޓަގަރީގައި ހިމެނޭ މާލެއިން ބިންކޮޅެއް ދޫކޮށްލައި، ހުޅުމާލެއިން ބިންކޮޅެއް ނުވަތަ މާލެއިން ފްލެޓެއް ނުވަތަ ހުޅުމާލެއިން ފްލެޓެއް ބޭނުންވާ ފަރާތްތަކަށް، އެކަން ހިންގުމުގެ މަސައްކަތްވެސް ކުރިއަށް ގެންގޮސްފައިވާ ކަމަށެވެ. އޭގެތެރެއިން 100 ފަރާތަކާ އެކުގައި ބިން ޙަވާލުކުރުމުގެ އެގްރީމަންޓްގައި ސޮއިކުރެވޭ ހިސާބަށް މިހާރު ވަނީ މަސައްކަތްތައް ފުރިހަމަކުރެވިފައި ކަމަށް ވިދާޅުވި އެވެ. އަދި އިރާދަކުރެއްވިއްޔާ، ކުރިއަށް އޮތް ހަފްތާގެ ތެރޭގައި އެ މަސައްކަތް އަދި މިހާރަށްވުރެ ބާރަށް ކުރިއަށް ގެންދެވޭނެ ކަމަށް ވިދާޅުވި އެވެ.

މިދިޔަ ހަފްތާގެ ތެރޭގައި ދެވަނަ ފުރްޞަތުގެ ޕްރޮގްރާމް ވެސް އެކަށީގެންވާ ބާރުމިނެއްގައި ކުރިއަށް ގެންދެވިފައިވާ ކަމަށް ވިދާޅުވެ ރައީސް ނަޝީދު ވިދާޅުވީ މިއަންނަ ހަފްތާގެ ތެރޭގައި، އިތުރު ފަރާތްތަކަށް ފުރްޞަތު ހުޅުވާލައި އެފަރާތްތަކަށް މާލެ އައިސް ތަމްރީނު ޕްރޮގްރާމްތަކުގައި ބައިވެރިވެވޭނޭ ކަމަށް ވިދާޅުވި އެވެ.

"މިދެންނެވި ތިން ޕްރޮގްރާމްގެ އިތުރުން އަދި ޕަބްލިކް ސެކްޓަރ އިންވެސްޓްމަންޓް ޕްރޮގްރާމް ނުވަތަ ޢުމްރާނީ ތަރައްޤީއަށް ކުރެވޭ މަސައްކަތްތަކުގެ ކަންކަންވެސް، މިދިޔަ ހަފްތާގައި ކުރިއަށް ގެންދެވިފައި އޮތް މިން ކުޑައެއް ނޫން. ދެރަށެއްގެ ބަނދަރު ހެދުމާއި އަދި މަޑަވެއްޔާއި ހޯނޑެއްދޫ ކޯޒްވޭއަކުން ގުޅާލުމުގެ މަސައްކަތުގެ ކޮންޓްރެކްޓްގައި މިވަނީ ސޮއިކުރެވިފައި. އިރާދަކުރެއްވިއްޔާ، ލަސްތަކެއްނުވެ އެކަންކަމުގެ ޢަމަލީ މަސައްކަތްވެސް ދާނީ ކުރިއަށް،" ރައީސް ވިދާޅުވި އެވެ.