ވަތަނިއްޔާއިން ރާއްޖޭގައި ބްލެކްބެރީ ފޯނުގެ ހިދުމަތް ދޭން ފެށިތާ ފުރަތަމަ 24 ގަޑި އިރު ތެރޭގައި 1000 އަށް ވުރެ ގިނަ ކަސްޓަމަރުން އެ ހިދުމަތް ބޭނުން ކުރަން ފަށައިފައިވާ ކަމަށް އެކުންފުނިން މިރޭ ބުނެފި އެވެ.

ވަތަނިއްޔާ މޯލްޑިވްސްގެ ކޮމާޝަލް ޑައިރެކްޓަރު މުހައްމަދު ރިފާއު މިރޭ ވިދާޅުވީ ވަތަނިއްޔާގެ ފަރާތުން ރާއްޖެ އަށް އެކްސްކްލޫސިވް ކޮށް މި ތައާރަފު ކުރި ބްލެކްބެރީ ފޯނުގެ ހިދުމަތަށް އެހާ ބޮޑު ތަރުހީބެއް ލިބިގެން މި ދިޔައީ އޭގެ މަގުބޫލު ކަމާއި އިތުބާރުގެ ސަބަބުން ކަމަށެވެ.

"ބްލެކްބެރީ ފޯނުގެ ޚިދުމަތަކީ ސެކިއުރިޓީ ގެ ގޮތުން ބަލާ އިރު ދުނިޔޭގެ އެއްވަނަ. އަނެއްކާ ބްލެކްބެރީ ފޯނުގެ ޒަމާނީ ހުރިހާ ފަސޭހަ ތަކާއި ޚިދުމަތްތައް ވަތަނިއްޔާ ނެޓުވޭކުން އަޅުގަނޑުމެން އެބަ ދެން،" ރިފާއު ވިދާޅުވި އެވެ.

ރިފާއު އިތުރަށް ވިދާޅުވީ މި ޚިދުމަތް ފެށުމަށް ވަތަނިއްޔާ އިން ރާއްޖެއަށް ގެނައި ބްލެކްބެރީ ފޯނު ތަކުގެ ފަހުގެ މޮޑެލްތައް އެއްކޮށް ވިކި ހުސްވެފައިވާ ކަމަށެވެ. އަދި އާ ސްޓޮކް ލިބޭނެ ދުވަހެއް ވިދާޅުވާން ނޭނގޭ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.