26 Jul 2018, 11:34
އެއީ އިނގިރޭސިންގެ ނުފޫޒު މުޅި ދުނިޔޭގައިވެސް އެންމެ ގަދަ ދުވަސްވަރެވެ. އިންޑިއާ ކަނޑުގައިވެސް އެމީހުންގެ ނުފޫޒު ގަދައެވެ. އަށާރަަސަތޭކައިގެ މެދުތެރެއާއި ފަހުކޮޅު އިނގިރޭސީންގެ "އީސްޓް އިންޑިއަން ކޮމްޕެނީ"ގެ ސެންޓަރެއް އިންޑިއާގައި ގާއިމުކޮށް އެމީހުންގެ ނުފޫޒު ސަރަހައްދުގައި ގަދަ ކުރިއެވެ. އެދުވަސްވަރަކީ ރާއްޖޭގެ ދާޚިލީ މައިދާނުގައިވެސް ކަންތައްތަކެއް ހިނގަމުން ދިޔަ ދުވަސްވަރެކެވެ. ރާއްޖޭގެ ނުފޫޒުގަދަ ދެ އާއިލާ ކަމަށްވާ ކަކާގޭ އާއިލާއާއި އަތިރީގޭ އާއިލާއާ ދެމެދު ކޯޅުންގަނޑެއް ހިނގަމުން ދިޔަ އެ ދުވަސްވަރު ދިވެހީންގެ ވިޔަފާރީގައި ވޯރާއިންގެ ނުފޫޒު ގަދަވިއެވެ. އެ ދުވަސްވަރަކީ މަޝްހޫރު "ބޮޑުހުޅު"ގެ ހާދިސާވެސް ހިނގައި ދިޔަ ދުވަސްވަރެވެ. މި ހުރިހާކަމެއް ހިނގައިދިޔައީ އެއްކަމެއް އަނެއްކަމަކާ ގުޅިގެންނެވެ.
މިއާއެކު އޭރު މި ސަރަހައްދުގައި ބާރު ގަދަކުރަމުން ދިޔަ އިނގިރޭސީން އެމީހުންގެ ނުފޫޒު ރާއްޖޭގައިވެސް ބާއްވަން ބޭނުންވިއެވެ. ރާއްޖެއިންވެސް އެކަމަށް އެއްބަސްވެ "ސިޓީ" އެއްގައި ދެފަރާތުން ސޮއިކުރިއެވެ. އެއީ މީލާދީ ސަނަތުން 1887 ވަނަ އަހަރުގެ ޑިސެމްބަރުމަހުގެ 16 ވަނަ ދުވަހެވެ. ރާއްޖޭގެ ފަރާތުން އެ "ސިޓީ"ގައި ސޮއިކުރެއްވީ އައްސުލްޠާން މުޙައްމަދު މުއީނުއްދީން (ދެވަނަ)އެވެ. އިނގިރޭސިންގެ ފަރާތުން ސޮއިކުރެއްވީ ސިލޯނުގައި އޭރު ހުންނެވި ގަވަރުނަރު އާތާ ހެމިލްޓަން ގޯޑަންއެވެ.
އެ "ސިޓީގައި" ބުނެފައިވަނީ ރާއްޖެ ދިފާއުކުރުމަށް އިނގިރޭސީންގެ ލަޝްކަރެއް، ބޭނުންވެއްޖެ ކޮންމެ ތައްޔާރީއެއް ކުރުމާއި އެފަދަ ތައްޔާރެއް ދެމެހެއްޓުމުގެ ހައްގު އިނގިރޭސި ދައުލަތަށް ލިބިގެންވާ ކަމަށެވެ. އެ ހިމާޔަތުގެ އެ އެއްބަސްވުމުގެ އެންމެ އަސާސީ ނުކުތާއަކީ، ދިވެހީންގެ ދާޚިލީ ކަންކަމާ އިނގިރޭސި ދައުލަތުން ނުބެހުމެވެ.
ސިޓީއެއްގެ މައްޗަށް އޮތް މި އެއްބަސްވުން "އެގްރީމެންޓަކަށް" ބަދަލުކޮށްފައިވަނީ 1948 ވަނަ އަހަރުއެވެ. އެއީ ރާއްޖެއިން އިނގިރޭސިންނަށް ދެމުން ދިޔަ ޖިޒީ ކަނޑާލައި ދިވެހިންގެ ދާޚިލީ މިނިވަންކަން ކަށަވަރު ކުރުމަށްފަހުއެވެ. "ރާއްޖޭގެ ދާޚިލީ މިނިވަންކަމުގެ އެއްބަސްވުމުގެ" އެގްރިމެންޓުގައި ރާއްޖޭގެ ފަރާތުން ސޮއިކުރެއްވީ މުހައްމަދު އަމީން ދީދީއާއި އިބްރާހިމް ފާމުލަދޭރި ކިލެގެފާނެވެ. އިނގިރޭސިންގެ ފަރާތުން ސޮއިކުރެއްވީ އިނގިރޭސިންގެ ފަރާތުން ސިލޯނަށް ފޮނުވި ފުރަތަމަ ހައި ކޮމިޝަނަރު ވޯލްޓާ ހެންކިންސަންއެވެ. މި އެގްރިމެންޓްގައި ސޮއިކުރީ ރާއްޖޭގައެވެ.
ނަވާރަސަތޭކަ ފަންސާސް ހަވަނަ އަހަރު އެ އެގްރީމެންޓަށް އަނެއްކާވެސް ބަދަލެއް ގެނެވުނެވެ. ރާއްޖޭގައި އޭރު ކުރަމުންދިޔަ ރަސްކަން ޖުމްހޫރިއްޔަތަކަށް ބަދަލުކުރުމާއެކު ގެނައި މި ބަދަލުގެ އެއްބަސްވުމުގައި ސޮއިކުރެއްވީ މުހައްމަދު އަމީންއާއި އިނގިރޭސި ސަފީރު ސާރ ސީސިލް ސަޔާސްއެވެ. އިބްރާހިމް ޝިހާބު ލިޔުއްވާފައިވާގޮތުގައި ރާއްޖޭގެ ފުރަތަމަ ރަސްކަން އުވިދިޔުމުންވެސް އެ އެގްރީމެންޓަށް ވަނީ ބަދަލު ގެނެސްފައެވެ.
އައްޑު އަތޮޅަށް އިނގިރޭސިން ދިޔަ ގޮތާމެދު ދިވެހި ތާރީޚު ލިޔުއްވާ ބޭފުޅުން ބަޔާންކުރައްވާފައި ވާގޮތުން ގަން ސާވޭކުރުމުގެ ނަމުގައި އިނގިރޭސިންގެ ރޯޔަލް އެއާ ފޯސްގެ 13 މީހަކު އައްޑޫ ގަމަށް ފޭބިއެވެ. ގަން އިނގިރޭސިންނަށް ކުއްޔަށް ދިނުމުގެ އެއްބަސްވުމުގައި ރަމްޒީ" ސޮއިކޮށްފައިވަނީ 1956 ވަނަ އަހަރުގެ ޑިސެމްބަރު މަހުއެވެ. އެއްބަސްވުމުގައި ވަނީ ގަން 100 އަހަރަށް އިނގިރޭސިންނަށް ދިނުމަށެވެ. އޭރު ރާއްޖޭގެ ބޮޑުވަޒީރުކަމުގެ މަގާމުގައި ހުންނެވީ އިބްރާހިމް ފާމުލަދޭރި ކިލެގެފާނެެވެ.
މި އެއްބަސްވުމަށް ރަސްމީ ސިފައެއް އައިސްފައިނުވާ ކަމަށާއި ސަބަބަކީ ކެބިނެޓުން އެ އެއްބަސްވުން ފާސް ނުކުރުން ކަމަށް ބަޔާންވެފައި ވެއެވެ. އެއްބަސްވުމާ ގުޅޭގޮތުން ހިޔާލު ތަފާތުވުންތަކެއް ހުރުމުން އިބްރާހިމް ފާމުކަދޭރި ކިލެގެފާނު މަގާމުން އިސްތިއުފާ ދެއްވައި، އެ މަގާމަށް އިބްރާހިމް ނާސިރު އައްޔަނުކުރެވުނު ކަމަށް ތާރީޚު ދިރާސާކުރައްވާ ފަރާތްތަކުން ވިދާޅުވެފައިވެއެވެ.

މުހައްމަދު ފަރީދުލްއައްވަލް
އެއްބަސްވުމެއް ނެތްނަމަވެސް އޭރު އިނގިރޭސިން ދިޔައީ އައްޑޫ ގަމުގައި އެމީހުންގެ ބޭހެއް ގާއިމުކުރުމަށް މަސައްކަތް ކުރަމުންނެވެ. ރާއްޖޭގެ ރައްޔިތުންގެ މަޖިލީހުން މި މަސައްކަތާ ގުޅޭގޮތުން ވޯޓެއް ނެގި އިރު މަސައްކަތް ކުރިއަށް ގެންދަން ނުފެންނަކަމަށް މަޖިލީހުން ފާސްކުރިއެވެ. މީގެ އިތުރުން އިނގިރޭސިންގެ އަސްކަރީ މަރުކަޒެއް އައްޑު އަތޮޅުގައި ގާއިމްކުރުމާ ދެކޮޅަށް ދުނިޔޭގެ ތާއީދު ހޯދަން ދިވެހި ސަރުކާރުން ވަނީ އެ ދުވަސްވަރު މަސައްކަތް ފަށައިފައެވެ.
އިބްރާހިމް ޝިހާބު ލިޔުއްވާފައިވާގޮތުން ރާއްޖޭގެ ސަރުކާރާއި އިނގިރޭސި ސަރުކާރާ ދެމެދު އުފެދިފައިވާ މައްސަލަތައް ހައްލުކުރުމަށް ނުވަތަ އެ މައްސަލަތަކަށް ނިމުމެއް ގެނައުމަށް ދެކުނުގެ ހަތަރު އަތޮޅު ހިމެނޭގޮތަށް "ސުވަދީބު"ގެ ނަމުގައި އާ ދައުލަތެއް އުފެއްދިއެވެ. އޭގެ ފަހުން ދީނީގޮތުންނާއި އިިޖުތިމާއީ ގޮތުންވެސް ދިވެހިންނާއި އިނގިރޭސިންގެ ދެމެދުގައި ނުތަނަވަސްކަން އުފެދި އިނގިރޭސިން އައްޑޫއިން ފޮނުވާލުމަށް ގޮތްތަކެއް ރާވަމުން ދިޔައެެވެ.
ނަމަވެސް 1960 ވަނަ އަހަރު ދިވެހި ދައުލަތާއި އިނގިރޭސިންނާއި ދެމެދު އެއްބަސްވުމެއްގައި އަަނެއްކާވެސް ސޮއިކުރެވުނެވެ. މި އެއްބަސްވުމުގެ ދަށުން އައްޑޫ ސިޓީގެ ގަމާއި ހިތަދޫގެ 110 އޭކަރުގެ ބިން 30 އަހަރަށް އިނގިރޭސިންނަށް ދޭން އެއްބަސްވެވުނެވެ. އެއްބަސްވުމަށް ދިން ނަމަކީ " އޯލްޕޯޓް އެގްރިމެންޓް"އެވެ.
ދެކުނުގައި އުފެއްދި ވަކި ސަރުކާރު އުފެއްދުމުގައި އިސްކޮށް ހުންނެވި އަބްދުﷲ އަފީފު، އިނގިރޭސިންގެ ހިމާޔަތުގައި ސީޝެލްސަށް އާއިލާއާއެކު ވަޑައިގެންނެވިއެވެ. މިއީ އައްޑޫ ބަޣާވާތް ނިމި، ދިވެހި ސަރުކާރުގެ ދަށަށް އައްޑު އަތޮޅު ދިއުމެވެ. އަފީފަށް ރައީސް ނާޞިރު ވަނީ ޑިސެމްބަރު 3، 1974 ގައި މައާފު ދެއްވައިފައެވެ. (އަބްދުﷲ ސައީދު)
ކޮންމެއަކަސް ރާއްޖެ އިނގިރޭސިންގެ ހިމާޔަތުގައި އޮތް ދުވަސްވަރަކީ ދެގައުމުގެ ދެމެދުގައި އެކުލަވާލުމުގެ އެއްބަސްވުމުގައި ބުނެފައިވާގޮތަށް އިނގިރޭސިން ދިވެހިންގެ އަމިއްލަ ކަންތައްތަކާ ނުބެހި ތިބި ދުވަސްވަރެއް ނޫނެވެ. ރާއްޖެއަށް ފުރިހަމަ މިނިވަންކަން ހޯދުމަށް އިނގިރޭސިންނާއެކު ކުރެވުނު މަޝްވަރާތައް ފަށާފައިވަނީ 1964 ވަނަ އަހަރުއެވެ. އެ މަޝްވަރާތައް ކުރިއަށް ގެންގޮސްފައިވަނީ ސިލޯނުގައެވެ.
ރާއްޖެއަށް ފުރިހަމަ މިނިވަންކަން ހޯއްދަވައިދެއްވުމަށް އޭރުގެ ބޮޑުވަޒީރު އިބްރާހިމް ނާސިރު ބޮޑު މަސައްކަތްޕުޅެއް ކުރެއްވިއެވެ.
އިނގިރޭސިންގެ ހިމާޔަތުގެ ދަށުން ރާއްޖެ މިނިވަންވި އެގްރިމެންޓްގައި ސޮއިކުރެއްވީ ބޮޑުވަޒީރު އިބްރާހިމް ނާޞިރާއި އިނގިރޭސި ސަފީރު ސަރ މައިކަލް ވޯކާއެވެ. މި އެގްރިމެންޓްގައި ސޮއިކުރީ 1965 ވަނަ އަހަރުގެ ޖުލައި މަހުގެ 26 ވަނަ ދުވަހު ސިލޯނުގައި ހުރި އިނގިރޭސި ހައި ކޮމިޝަންގައެވެ.
ރާއްޖޭގައި މިނިވަންދުވަހުގެ ގޮތުގައި ފާހަގަކުރަނީ 77 އަހަރު ފަހުން އިނގިރޭސިންގެ ހިމާޔަތުގެ ދަށުން ރާއްޖެއަށް މިނިވަންކަން ލިބުނު ދުވަހެވެ. މިނިވަންކަމުގެ އެގްރިމެންޓުގައި ސޮއިކުރެވުނުތާ 53 އަހަރުވީއެވެ. ފާއިތުވި 53 އަހަރުގެ ތެރޭގައި މިނިވަންކަމަށް ލޮޅުން ނޭރިނަމެސް، މިނިވަންކަން ގެއްލިދާނެ އެތައް ކަމެއް ވަނީ ކުރިމަތިވެފައެވެ. ފިކުރީ ހަނގުރާމައިގެ ގޮތުގައި ދިވެހިންގެ ވިސްނުމާއި ކުޅުމަށް ބޭރުގެ ފަރާތްތަކުން ދަނީ މަސައްކަތް ކުރަމުންނެވެ.
"މި ގޮންޖެހުންތަކަކީ ގައުމިއްޔަތާއި، އަޅުގަނޑުމެންގެ ދީން އަދި އެކުވެރިކަމަށް ބުރޫއަރާފާނެ ކަންތައް. މި ގޮންޖެހުންތަކަކީ ބޮޑެތިވަމުން އަންނަ ކުދިން އެކަންކަމާމެދު ހޭލުންތެރި ކުރުވަން ޖެހޭ ކަންތައް. އެކުދިންގެ ވިސްނުމާއި ފިކުރަށް އޭގެ ސަބަބުން އަސަރުކުރާނެ ކަންތައް،" ތާރީޚު ދިރާސާ ކުރައްވާ ބޭފުޅެއް ކަމަށްވާ (ކަށިމާ) އަހުމަދު ޝާކިރު ވިދާޅުވިއެވެ.