ޕަބްލިކް ސާވިސް މީޑިއާ (ޕީއެސްއެމް) ބޯޑު އުވާލައި، އެ ބޯޑުގެ މެމްބަރުންގެ އަދަދު ފަހަކަށް މަދުކޮށް، ބޯޑަށް އާ މެމްބަރުން އައްޔަންކުރުމުގެ ބާރު ރައީސްއަށް ލިބޭ ގޮތަށް ޕީއެސްއެމްގެ ގާނޫނަށް ހުށަހެޅި އިސްލާހު ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފި އެވެ.

އެ އިސްލާހު މަޖިލީހަށް ހުށަހެޅުއްވީ މަޖިލީހުގެ ހޯރަފުށީ ދާއިރާގެ މެމްބަރު މުހައްމަދު އިސްމާއިލް އެވެ. އަދި އެ އެސްލީހު މިދިޔަ ބުދަ ދުވަހު ވަނީ މަޖިލީހުގެ މިނިވަން މުއައްސަސާތަކާ ބެހޭ ކޮމެޓީގައި ބައިވެރިވި މެމްބަރުންގެ އަޣުލަބިއްޔަތުން ފާސްކޮށްފި އެވެ.

ކޮމިޓީން ބިލު ފާސްކޮށްފައި ވަނީ މަޖިލީހަށް ބިލު ހުށަހެޅި އިރު ބިލު ފަރުމާ ކޮށްފައިވާ ގޮތަށް އެއްވެސް ބަދަލެއް ނުގެނެހެވެ.

ޕީއެސްއެމްގެ ގާނޫނަށް ހުށަހެޅި އިސްލާހުގައި ބުނާ ގޮތުން، އެ އިސްލާހު މަޖިލީހުން ފާސްކޮށް ތަސްދީގު ކުރުމާ އެކު، ޕީއެސްއެމްގެ ބޯޑުގައި ތިއްބެވި ހަތް މެމްބަރުންގެ މަގާމު ހުސްވާނެ އެވެ. އަދި އެ ގާނޫނަށް އަމަލުކުރަން ފަށާތާ 10 ދުވަހުގެ ތެރޭގައި ޕީއެސްއެމް ބޯޑަށް ދައުލަތުގެ ވިޔަފާރީ ތަންތަން ޕްރައިވަޓައިޒް ކުރުމާއި ކޯޕަރަޓައިޒް ކުރުމާއި އަދި މޮނިޓާކޮށް އިވެލުއޭޓްކުރުމުގެ ގާނޫނުގައިވާ ގޮތުގެ މަތިން މެމްބަރުން އައްޔަން ކުރަންވާނެ ކަމަށް ބުނެފައިވެ އެވެ.

ޕީއެސްއެމް ބޯޑުގައި މިހާރު ހިމެނޭ ހަތް މެމްބަރުންނަކީ އެ ބޯޑުގެ ޗެއާމަން އިބްރާހިމް އުމަރު މަނިކާއި އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު އިބްރާހިމް ހަލީލާއި ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރު މުހައްމަދު އިކްރާމް އަބްދުއް ލަތީފާއި ހއ. އިހަވަންދޫ ނޫފަރު މަހްމޫދު އަލީ އާއި މ. ޕެޓީވިލާ އައިމިނަތު ޝާޔަން ޝާހިދާއި ތ. ވިލުފުށި ހުސްނުހީނާގެ އިބްރާހިމް ހިލްމީގެ އިތުރުން މއ. ޕެންޒީ މުހައްމަދު ޝާގިލް އެވެ.

ޕަބްލިކް ސާވިސް މީޑިއާގެ ގާނޫނުގައި މިހާރު އޮންނަ ގޮތުން ބޯޑަށް މެމްބަރުން އައްޔަން ކުރާނީ ރައްޔިތުންގެ މަޖިލީހުންނެވެ. އަދި ރައްޔިތުންގެ މަޖިލީހަށް ނަންތައް ފޮނުވާނީ ރައީސް އެވެ.

ނަމަވެސް ޕީއެސްއެމްގެ ގާނޫނަށް ގެނައި އިސްލާހުގައި ބުނާ ގޮތުން، ޕީއެސްއެމްގެ ބޯޑަށް މެމްބަރުން އައްޔަން ކުރާނީ ޕްރައިވަޓައިޒޭޝަން ބޯޑުންނެވެ. އަދި ކުރިން އޮތް ހަތް މެމްބަރުންގެ މައްޗަށް އެކުލެވޭ ބޯޑް ފަސް މެމްބަރުންނަށް މަދު ކުރަން އިސްލާހުގައިވެ އެވެ. އެއީ ޗެއާމަނަކާއި މެނޭޖިން ޑިރެކްޓަރަކާއި ދެން ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރުންނެވެ.

އޭގެ އިތުރުން ޑިރެކްޓަރުންގެ ބޯޑަށް އައްޔަންކުރާ މެމްބަރުންގެ މުއްދަތު ހަތް އަހަރުން ހަތަރު އަހަރަށް ވަނީ ދަށްކޮށްފަ އެވެ. އެގޮތުން ކުރިއެކޭ އެއްގޮތަށް ބޯޑް މެމްބަރަކަށް އެންމެ ގިނަ ވެގެން ހުރެވޭނީ ދެ ދައުރެވެ.

އެ ބިލް ފާސްކުރުމަށް މީގެ ކުރިން ދެ ފަހަރަކު އެޖެންޑާ ކުރި ނަމަވެސް ބިލް ފާސްކުރުމަށް ބޭނުންވާ އަދަދަށް މެންބަރުން ހާޒިރުވެނެތުމުން ވަނީ ފަސްކޮށްފަ އެވެ. އަދި އެ ބިލް ފާސްކުރުމުގެ ޒަރޫރަތްތެރިކަން ބޮޑުވެފައި ވާތީ މިއަދުގެ ޖަލްސާގައި ވޯޓަށް އެހެމަށް ރިޔާސަތުން ވަނީ ހުށަހެޅުމެއް ހުށަހަޅައިފަ އެވެ. ޖުމްލަ 35 މެމްބަރުން ބައިވެރި އެ ޖަލްސާގައި މަސީހުގެ ހުށަހެޅުއްވުމަށް ތާއީދުކުރައްވައި ވޯޓު ދެއްވީ 31 މެމްބަރުންނެވެ. ނުފެންނަ ކަމަށް އެއްވެސް މެމްބަރަކު ވޯޓެއް ނުދެއްވަ އެވެ. ވޯޓުގައި ހަތަރު މެމްބަރުން ބައިވެރިއެއް ނުވެ އެވެ.