އިންޑިއާގެ ކުރީގެ މަޝްހޫރު އެކްޓްރެސް އަދި މިހާރުގެ ފިލްމް ޕްރޮޑިއުސާ ޕޫޖާ ބަޓް ދެން އެންމެ އަވަހަށް ނެރޭ ފިލްމަށް ލަވައެއް ކިޔުމުގެ ފުރުސަތު ރާއްޖޭގެ ހުނަރުވެރި ލަވަކިޔުންތެރިޔާ މަރިޔަމް އުނޫޝާއަށް ދޭނެ ކަމަށް ޕޫޖާ މިރޭ އިއުލާންކޮށްފި އެވެ.

އިންޑިއާގެ ގޮއާގައި މިހާރު ކުރިއަށްދާ ސައުތު އޭޝިޔަން ފިލްމް ފެސްޓިވަލް )ސާފް(ގައި ބައިވެރިވުމަށް ގޮސް ހުރި އުނޫޝާއަށް އެ ފުރުސަތު ދޭނެ ކަން ޕޫޖާ ބަޓް އިއުލާންކުރީ އޫނޫޝާގެ ހުށަހެޅުންތައް ބެލުމަށްފަހު، ސްޓޭޖަށް އަރައި އަމިއްލަ އަށް ކަމަށް މައުލޫމާތު ލިބިފައިވެ އެވެ.

އުނޫޝާގެ ހުށަހެޅުން ވަރަށް ކަމުދިޔަ ކަމަށާއި އޭނާ ދެން އެންމެ އަވަހަށް ނެރޭ ފިލްމުގެ ލަވައެއް ކިޔުމުގެ ފުރުސަތު އުނޫޝާއަށް ދޭނެ ކަމަށް ޕޫޖާ ބަޓް ބުންޏެވެ. ނަމަވެސް، ލަވައާ ގުޅޭ މާބޮޑު ތަފްސީލެއް ނުލިބެ އެވެ. ހަބަރު ލިބޭ ގޮތުގައި ޕޫޖާ ބަޓްގެ އާ ފިލްމު ނެރޭނީ އަންނަ އަހަރެވެ.

ގޮއާގައި ހުރި އުނޫޝާގެ ބަހެއް މިރޭ ލިބޭ ގޮތެއް ނުވި އެވެ. ނަމަވެސް، އުނޫޝާއާ މިރޭ ވާހަކަދެއްކި އޭނާގެ ގާތް އެކުވެރިޔަކު ބުނީ، ލަވަކިޔުމުގެ ފުރުސަތު ދޭނެ ވާހަކަ ޕޫޖާ ބަޓް އިއުލާންކުރުމުގެ ކުރިން އުނޫޝާއަށް އެކަން ނޭގޭ ކަމަށެވެ. އަދި އެގޮތަށް ސްޓޭޖްގައި ޕޫޖާ އިއުލާންކުރުމުން އުނޫޝާ ވަރަށް ބޮޑަށް ސަޕްރައިސްވި ކަމަށް ވެސް އޭނާ ބުންޏެވެ. އަދި އުނޫޝާ ހުރީ އެކަމާ ވަރަށް ބޮޑަށް އުފާވެފައި ކަމަށް ވެސް ބުންޏެވެ.

މި މަހުގެ 15 އިން 18ގެ ނިޔަލަށް ގޯއާގައި ކުރިއަށްދާ ސާފް ފެސްޓިވަލްގައި އުނޫޝާއާ އެކު އޭނާގެ މިއުޒިކް ޕްރޮޑިއުސަރު ބާސިތު )ބާޗީ( ވެސް ބައިވެރިވެ އެވެ. މި ފެސްޓިވަލްގައި ހަތަރު ލަވަ އުނޫޝާ ހުށަހަޅައިދޭން ހަމަޖެހިފައިވެ އެވެ.

ސްކޫލް މުބާރާތްތަކުން މަޝްހޫރުވި އުނޫޝާއަކީ މިއަދު ރާއްޖޭގައި ހުރި އެންމެ މޮޅު އެއް ފަންނާނެ އެވެ. މިއަހަރު ބޭއްވި މޯލްޑިވްސް ފިލްމްސް ފެއާ އޯވޯޑްގެ އެންމެ މޮޅު އަންހެން ލަވަކިޔުންތެރިޔާގެ މަގާމާއި 2010 ވަނަ އަހަރު ސަންއެފްއެމް އިން ހޮވި އަހަރުގެ އެންމެ މޮޅު ލަވަކިޔުންތެރިޔާގެ އެވޯޑްވެސް އުނޫޝާ ވަނީ ކާމިޔާބުކޮށްފަ އެވެ.

އޭނާގެ އެތައް ލަވަތަކެއް ވަނީ އާއްމުންގެ މެދުގައި މަގުބޫލުކަން ހޯދައިފަ އެވެ.

ޕޫޖާ ބަޓްއަކީ ބޮލީވުޑްގެ މަޝްހޫރު ފިލްމް ޑިރެކްޓަރު މަހޭޝް ބަޓްގެ ދަރިފުޅެވެ. ޕޫޖާ ބަޓް ވަނީ ކުރީގެ ހިންދީ ފިލްމްތަކުގައި އެކްޓްކޮށް ވަނަތައްވެސް ހޯދައިފަ އެވެ. އޭނާ ޕްރޮޑިއުސް/ޑިރެކްޓްކުރި ފިލްތަކުގެ ތެރޭގައި ޖޯން އަބްރަހަމް އާއި ބިޕާޝާ ބާސޫ ފެނިގެންދިޔަ "ޖިސްމް" އަދި ހަމަ ޖޯން ފެނިގެންދިޔަ "ޕާޕް" ހިމެނެ އެވެ. އަދި "ހޮލިޑޭ" އާއި "ކަޖްރާރޭ"އަކީ ވެސް އޭނާ ޕްރޮޑިއުސްކުރި ފިލްތަމަކެވެ.