15 Sep 2011, 18:50
މަތީ ކޯޓުތަކަށް ފަނޑިޔާރުން އައްޔަންކުރުމަށް ޖުޑީޝަލް ސާވިސް ކޮމިޝަން )ޖޭއެސްސީ( އިން ކުރަމުންދާ މަސައްކަތް ހުއްޓާލުމަށް ސިވިލް ކޯޓަށް ވަކީލުންތަކެއް ހުށަހަޅާފައިވާ މައްސަލާގައި ހައި ކޯޓުން ވަކި ގޮތެއް ކަނޑައަޅަންދެން އެއްވެސް ފިޔަވަޅެއް ނޭޅުމަށް ސިވިލް ކޯޓުގެ މައްޗަށް ހައިކޯޓުން މިއަދު އަމުރުކޮށްފި އެވެ.
ހައުކޯޓުން މި އަމުރު ނެރެފައި މިވަނީ ސުޕީރިއާ ކޯޓުތަކަށް ޖޭއެސްސީން ފަނޑިޔާރުން އައްޔަންކުރަމުންދަނީ އެންމެ އަދުލުވެރި ގޮތަށް ނޫން ކަމަށް ކަނޑައަޅައި، އެ މަސައްކަތް ހުއްޓާލުމަށް ގާޒީ އައިޝަތު ސުޖޫން ނެރުއްވި ވަގުތީ އަމުރު ޖޭއެސްސީން އިސްތިއުނާފްކުރުމާ ގުޅިގެންނެވެ.
ހައި ކޯޓުގެ އަމުރުގައި ބުނެފައި ވަނީ، ފަނޑިޔާރުން އައްޔަންކުރުމުގެ މައްސަލަ ބެލުމަކީ ސިވިލް ކޯޓުގެ އިހުތިސާސްގެ ތެރޭގައި ހިމެނޭ ކަމެއް ކަމަށް ނިންމުމާ ގުޅިގެން އެ މައްސަލަ ޖޭއެސްސީން އިސްތިއުނާފްކޮށްފައިވާތީ، އެ މައްސަލައާ މެދު ހައިކޯޓުން "ވަކިގޮތެއް ކަނޑައަޅުއްވައި ހުކުމެއް ކުރެއްވުމުގެ ކުރިން" އިތުރު އެއްވެސް ފިޔަވަޅެއް ނޭޅުމަށް ސިވިލް ކޯޓުގެ މައްޗަށް އަމުކުރާ ކަމަށެވެ.
ހައިކޯޓުގެ އަމުރުގައި ސޮއިކުރައްވާފައިވަނީ އިސް ފަނޑިޔާރު އަހްމަދު ޝަރީފެވެ. އެ އަމުރުގެ ކޮޕީ ވަނީ ޖޭއެސްސީއާއި އަދި މައްސަލަ ހުށަހެޅުއްވި 10 ވަކީލުންނަށް ވެސް ފޮނުއްވައިފަ އެވެ.
ގާނޫނީ ވަކީލުންގެ ޓީމުން ކޯޓްގައި ކުރި ދައުވާގައި ބުނެފައި ވަނީ ޖޭއެސްސީގެ މެންބަރުންގެ މަސްލަހަތު ހިމެނޭ އާއިލީ ބޭފުޅުންނާއި )ޖޭއެސްސީގެ މެންބަރެއްގެ އަނބިކަބަލަކާ( ބިޒްނަސް ޕާޓްނަރުން ޖޭއެސްސީން އިންޓަވިއުކޮށްފައިވާ ކަމަށެވެ. އަދި އިންޓަވިއު ކުރުމުގައި އަމިއްލަ މަސްލަތު ހިމެނޭ ޖޭއެސްސީގެ މެންބަރުން އެކަމުން ބަރީއަތް ވެފައި ނުވާ ކަމަށް ދައުވާ ކުރި ފަރާތުން ބުންޏެވެ.
ސްޕީރިއާ ކޯޓްތަކަށް ފަނޑިޔާރުން އައްޔަން ކުރުމުގައި ޖޭއެސްސީން ގާނޫނު އަސާސީގެ 17 ވަނަ މާއްދާއާއި 20 މާއްދާގެ އިތުރުން ފަނޑިޔާރުންގެ ގާނޫނުގެ 15 ވަނަ މާއްދާއާ ހިލާފަށް އަމަލް ކުރަމުންދާ ކަމަށް ތުހުމަތުކޮށް ސިވިލް ކޯޓަށް މައްސަލަ ހުށަހެޅުއްވީ ކުރީގެ ބަންޑާރަނައިބު ހުސްނުއްސުއޫދު އާއި ޅ. ހިންނަވަރު، ލަކީ، ހަމީދު އަބްދުލް ކަރީމް އާއި މ. ފްލޮރެންސް ހަސަން ފިޔާޒް އާއި ފ. ފީއަލި ރާވާވިލާ މުހައްމަދު ފަރީދު އާއި މ. ބަޑިކުޅީމާގެ އަނަސް އަބްދުސައްތާރެވެ. އަދި ބ. ދަރަވަންދޫ ފުނަވާގެ މުހައްމަދު ނިޒާމް އާއި ސ. މީދޫ ވިޖުރީއާ، މުހައްމަދު އިޔާސް އާއި ގދ. ތިނަދޫ އަލިދޯދި އަހުމަދު އަބްދުﷲ އަފީފެވެ.