19:00


މަރުވެފައި އޮތް މީހަކާ އެކު ހާލުގާ ޖެހިފައި ތިބި ސޯމާލިއާގެ ހަ މީހަކު ތިބި ޑިންގީ އެއް ހދ. މަކުނުދު ކައިރީ އޮންނަ ފަޅު ރަށެއްގެ ބޭރުން ފެނިއްޖެ އެވެ.


މަކުނުދޫ ކައުންސިލަރު އަބުދުﷲ ހަމީދު މިއަދު ވިދާޅުވީ މަސްވެރިކަމަށް ނިކުމެގެން އުޅުނު އެރަށު ބަޔަކަށް ސޯމާލިއާގެ މީހުން ތިބި އެ ޑިންގީ ފެނިފައިވަނީ މިއަދު ހަވީރު 4:15 ހާއިރު ކަމަށެވެ. އަދި އެމީހުންނަށް އެ ޑިންގީ ފެނިގެން ކައިރި ކުރިއިރު ޑިންގީ ގައި ދިރިތިބި ފަސްމީހުންގެ ހާލުވެސް ވަރަށް ދެރަ ކަމަށެވެ. އަދި އެއީ ސޯމާލިއާ ބައެއް ކަމަށް ބުނީ ވެސް އޭގެ ތެރެއިން  މީހަކު ކަމަށް ވެސް ކައުންސިލަރު ވިދާޅުވި އެވެ. ކައުންސިލަރު ވިދާޅުވީ އެ މީހުން ފެނުމާއެކު އެކަން ފުލުހުންނަށް އެންގުމަށް ފަހު އެމީހުން އެ ރަށަށް ގެންގޮސް މިހާރު ހޮސްޕިޓަލުގައި ފަރުވާ ދެމުންދާ ކަމަށެވެ. އަދި އެ މީހުން ތިއްބާ ފެނުނު ޑިންގީގެ ތެރޭ ހުސްވެފައި އޮތް ދެ ހަން ފިޔަވާ އިތުރު އެއްވެސް އެއްޗެއް ނެތް ކަމަށް ވެސް ކައުންސިލަރު ވިދާޅުވި އެވެ.


މަކުނުދޫ ކައުންސިލަރު އިތުރަށް ވިދާޅުވީ މަރުވެފައި އޮތް މީހާ ވަރަށް ބޮޑަށް ކުނިވެފައި އޮތުމުން އެމީހާ ރަށާ ތަންކޮޅެއް ދުރުގައި ޑިންގީގައި ފުލުހުން އަންނަން ދެން ބާއްވާފައި އޮތް ކަމަށެވެ. އަދި އެމީހުން ހާލުގައި ޖެހިފައި ތިބޭތާ ގާތްގަނޑަކަށް ތިން މަސް ވެދާނެ ކަމަށް ވެސް ކައުންސިލަރު ވިދާޅުވި އެވެ.


އުޅަނދުގައި ތިބި މީހުންނާ ހަވާލާދީ މަޢުލޫމާތު ލިބޭ ގޮތުގައި އެމީހުން ސޯމާލިއާއިން ފުރައިގެން އައިއިރު  އުޅަނދުގައި ޖުމްލަ 17 މީހުން ތިއްބެވެ. އޭގެ ތެރެއިން 11 މީހަކު ވަނީ ހާލުގައި ޖެހުނު ފަހުން މަރުވެގެން ކަނޑަށް އުކާލައިފަ އެވެ. އަދި އެމީހުން މަކުނުދޫ މީހުންނަށް ފެނުނު އިރު ޑިންގީ ތެރޭ މަރުވެފައި އޮއްވާ ފެނުނު މީހަކީ މީގެ ތިން ދުވަސް ކުރިން މަރުވެފައި އޮތް މީހެއް ކަމަށް ވެސް މަޢުލޫމާތު ލިބެ އެވެ.


އެމްއެންޑީއެފުން ބުނީ ސަދަންއޭރިއާއިން މިހާރު އެމީހުންނާ ބެހޭ މަޢުލޫމާތު ހޯދަމުންދާ ކަމަށެވެ. އަދި އެ މީހުންނަކީ ހާލުގައި ޖެހިފައި ތިބި ބައެއް ކަމަށާއި އެމީހުންގެ އަތުގައި އެއްވެސް ހަތިޔާރެއް ނެތް ކަމަށް ވެސް އެމްއެންޑީއެފުން ބުނެ އެވެ.


މިމަހުގެ 16 ވަނަ ދުވަހުވެސް ވަނީ މީގެ ހަ މަސް ކުރިން ކަނޑުފޭރޭ ބަޔަކު ހައިޖެކް ކޮށްފައިވާ ކަމަށް ބުނާ ހާލުގައި ޖެހިފައި އޮތް އިރާނުގެ މަސްބޯޓެއް ހުވަދު އަތޮޅާ ދިމާ ހުޅަނގުން ގާތްގަނޑަކަށް 70 މޭލު ބޭރުން ފެނިފަ އެވެ. އެ ބޯޓު ފެނުނުއިރު ވެސް އޭގައި ކާބޯތަކެއްޗާ ފެން ހުސްވުމުގެ ސަބަބުން އެ ބޯޓުގައި ތިބި މީހުންގެ ހާލު ވަނީ ވަރަށް ދެރަވެފަ އެވެ.