25 Jul 2018, 09:39
"ސިނަމާލެ ބްރިޖު" ހުޅުވައި އެ ބްރިޖު މަތިން ދަތުރުތައް ފަށަންވާއިރަށް ހުޅުލޭގައި ގާއިމް ކުރާ ޕާކިންއޭރިއާ ހެދުމަށް ބޭނުންވާ ބިން ހިއްކުމުގެ މަސައްކަތް ފަށައިފިއެވެ.
އެމްއޭސީއެލް އިން ކުރި ޓްވީޓެއްގައި ބުނެފައިވަނީ ޕާކިން އޭރިއާ ތަރައްގީކުރުމަށް ބޭމނުންވާ 25،000 އަކަފޫޓުގެ ބިން ހިއްކުމުގެ މަސައްކަތް ފަށާފައިވާ ކަމަށެވެ.
ހުޅުލޭ ފަޅުން ހިއްކާ މި ބިން ހިއްކުމުގެ މަސައްކަތް ހަވާލުކޮށްފައި ވަނީ ދުބާއީގެ ގަލްފް ކޮބްލާ އާއެވެ. އެ ކުންފުންޏަކީ އެއާޕޯޓް ތަރައްގީ ކުރުމުގެ މަޝްރޫއަށް ބޭނުންވާ ބިން ހިއްކުމުގެ މަސައްކަތް ވެސް ކުރި ކުންފުންޏެވެ.
ޕާކިން އޭރިއާ ތަރައްގީ ކުރަނީ ހުޅުލޭގެ ދެކުނު ނެރު ބަންދުކުރުމަށް ފަހުއެވެ. އެ ނެރު ބަންދުކޮށް މިހާރު ވަނީ ހުޅުލެއަށް ވަންނަން އާ ނެރެއް ކަނޑައިފައެވެ.
އެމްއޭސީއެލްއިން މީގެ ކުރިން ބުނީ ބްރިޖުގެ ފިނިޝިން ނިމި، ދަތުރުތައް ފަށަންވާއިރަށް ޕާކިން ސަރަހައްދު ތައްޔާރު ކުރަން މަސައްކަތް ކުރަމުންދާ ކަމަށެވެ.
އެ ސަރަޙައްދުގައި ގާތްގަނޑަކަށް 100 އަށްވުރެ ގިނަ ކާރާއި، 300 އަށްވުރެ ގިނަ ސައިކަލް ޕާކު ކުރެވޭނެއެވެ.
އެމްއޭސީއެލް އިން މީގެ ކުރިން ބުނީ ބްރިޖުމަތިން ދަތުރުކުރާ އުޅަނދުތަކަށް އެއާޕޯޓު ޓާމިނަލް އާ ހަމައަށް ދެވޭނެ ކަމަށާއި ނަމަވެސް އެއްވެސް އުޅަނދަކަށް އެ ސަރަހައްދުގައި މަޑުކޮށްގެން ނޯވެވޭނެ ކަމަށެވެ.