އިސްރާއީލުން ފަލަސްތީނުގެ ރައްޔިތުންނާ ދެކޮޅަށް ހިންގާ ލާއިންސާނީ ޖަރީމާތަކާ ބެހޭގޮތުން ލިޔާ، ފަލަސްތީނުގެ ނޫސްވެރިޔެއް ކަމަށްވާ ލަމާ ޙާތަރު އިއްޔެ އިސްރާއީލުގެ ސިފައިން ހައްޔަރުކޮށްފިއެވެ.

ފަސް ކުދިންގެ މަންމައެއް ކަމަށްވާ އުމުރުން 42 އަހަރުގެ ލަމާ އަކީ މިނިވަން ނޫހެއް ކަމަށްވާ "ނޫން ޕޯސްޓް"ގައި އޭނާ އިސްރާއީލާ ދެކޮޅަށް ލިޔާ ލިޔުންތަކުގެ ސަބަބުން ގިނަ ބައެއްގެ ސަމާލުކަން ލިބިފައިވާ ނޫސްވެރިޔެކެވެ.

އަލްޖަޒީރާއަށް މައުލޫމާތު ދެމުން ލަމާގެ ދަރިފުޅު، އުމުރުން 18 އަހަރުގެ ބީސަން ބުނީ އޭނާގެ މަންމަ ހައްޔަރު ކުރީ އަންގާރަ ދުވަހުގެ ދަންވަރުގެ ވަގުތެއްގައި ކަމަށެވެ.

ލަމާގެ ފިރިމީހާ ހާޒިމް އަލް ފަހޫރީ އަލްޖަޒީރާއަށް ބުނީ މީގެ ފަސް ދުވަސް ކުރިން އިސްރާއީލު ސިފައިން އޭނާ ވެެސް ސުވާލުކުރަން ހާޒިރު ކުރި ކަމަށެވެ. އަދި އެ ދުވަހު އޭނާގެ އަންހެނުން އިސްރާއީލާ ދެކޮޅަށް ލިޔުން ހުއްޓުވުމަށް އޭނާ ގާތުގައި ސިފައިން ބުނި ކަމަށާއި އެކަން ނުކޮށްފި ނަމަ ލަމާ ހައްޔަރު ކުރާނެ ކަމަށް ވެސް ބުނި ކަމަށް އޭނާ ކިޔައިދިނެވެ.

ލަމާ ދަނީ އެނީމިއާއަށް ފަރުވާ ހޯދަމުން ކަމަށް ބުނެ، ހައްޔަރުގައި ހުންނަ އިރު އިސްރާއީލު ސިފައިން ބޭސްފަރުވާ ފޯރުކޮށް ނުދީފާނެތީ ހާޒިމް ވަނީ ކަންބޮޑުވުން ފާޅުކޮށްފައެވެ.

މީގެ ދެ އަހަރު ކުރިން ވެސް އިސްރާއީލު ސިފައިން ވަނީ ލަމާ ލިޔުނު ލިޔުމެއްގެ ސަބަބުން އޭނާ ހައްޔަރުކޮށް ސުވާލު ކޮށްފައެވެ. އެފަހަރު އޭނާ ހައްޔަރު ކުރި ދުވަހު ވަނީ ދޫކޮށްލާފައެވެ.

އިސްރާއީލު ސިފައިން ވަނީ ފާއިތުވި މަހު ފަލަސްތީނުގެ އެހެން އަންހެން ނޫސްވެރިޔެއް ކަމަށްވާ ސުޒާން އުވެއިވީ ވެސް ހައްޔަރު ކޮށްފައެވެ. ސުޒާން އުވެއިވީ ހައްޔަރު ކުރީ ހަބްރޫންގައި ހިންގި ރެއިޑެއްގައެވެ.

ލަމާ ހައްޔަރު ކުރުމާއެކު އިސްރާއީލުން ބަންދުކޮށްފައިވާ ފަލަސްތީނުގެ އަންހެނުންގެ އަދަދު މިހާރު ވަނީ 63 އަކަށް އަރާފައެވެ.