އަލީ އައްބާސް ޒަފަރު ޑައިރެކްޓުކޮށް، ސަލްމާން ޚާން އަދި ޕްރިޔަންކާ ޗޯޕްރާ ލީޑު ރޯލުން ފެނިގެންދާ ފިލްމު "ބާރަތު"ގެ ޝޫޓިން އިއްޔެ ފަށައިފިއެވެ.

ފިލްމުގެ ޝޫޓިން ފެށީ ސަލްމާން އަދި ދިޝާ ޕަޓާނީ އާއެކު އެވެ. ޕްރިޔަންކާ ފިލްމުގެ ޝޫޓިން އާއި ގުޅޭނީ އޯގަސްޓު މަހު އެވެ.

ފިލްމުގެ ކާސްޓުގެ ތެރޭގައި ސަލްމާން، ޕްރިޔަންކާ އަދި ދިޝާގެ އިތުރުން ދެން ހިމެނެނީ ތާބޫ، ސުނިލް ގްރޯވަރު، ޓީވީ އެކްޓަރު އާސިފް ޝައިޚް ފަދަ އެކްޓަރުންނެވެ.

ގިނަ ބަޔަކު އިންތިޒާރު ކުރަމުން އަންނަ އެ ފިލްމުގެ ޝޫޓިން ކުރިއަށް ދާނީ އިންޑިއާގެ މުމްބާއީ، މާލްޓާ އަދި ދުބާއީގައެވެ. "ބާރަތު" ރިލީޒް ކުރުމަށް ހަމަޖެހިފައި ވަނީ އަންނަ އަހަރުގެ ފިތުރު އީދާ ދިމާކޮށެވެ.

މިއީ 10 އަހަރަށް ފަހު ޕްރިޔަންކާ އަދި ސަލްމާން އެކުގައި ފިލްމަކުން ފެނިގެންދާނެ ފުރަތަމަ ފަހަރެވެ. ދެމީހުން އެކުގައި އެންމެ ފަހުން ފެނިގެން ދިޔައީ "ގޯޑް ތުއްސީ ގްރޭޓް ހޯ" އިންނެވެ.

ދެމީހުން ވަނީ މީގެ ކުރިން ތިން ފިލްމެއްގައި އެކުގައި މަސައްކަތް ކޮށްފައެވެ.

"ބާރަތު" އަކީ 2014 ވަނަ އަހަރު ރިލީޒް ކުރި ދެކުނު ކޮރެއާ ފިލްމު "އޯޑް ޓު މައި ފާދާ"ގެ އެޑެޕްޓޭޝަނެކެވެ.