ސްޓާ ޕްލަސްއިން ދައްކަމުން އަންނަ ހިންދީ ޑްރާމާ ސިލްސިލާ "އިޝްގްބާޒް"ގެ ބަތަލާ ޕިންކީ (އަސްލު ނަން: ނިކިތާ އާނަންދު މުކަރްޖީ) އަށް އަންހެން ދަރިއަކު ލިބިއްޖެއެވެ.

މިދިޔަ ހަފުތާގެ ތެރޭގައި އޭނާއަށް އަންހެން ކުއްޖަކު ލިބިފައިވާ ކަމަށާއި އަދި ދަރިފުޅު ނެގީ ސިޒޭރިއަން ހަދައިގެން ކަމަށް ވެސް ނިކިތާ ވަނީ ބުނެފައެވެ.

ނިކިތާ އާއި އޭނާގެ ފިރިމީހާ އިންދަރުޖީތުގެ އާއިލާއިން ވެސް އެކަން ވަނީ ކަށަވަރުކޮށްދީފައެވެ.

އިންދަރުޖީތާއި ނިކިތާ ކައިވެނިކޮށްފައިވަނީ މީގެ 12 އަހަރު ކުރިންނެވެ. މިއީ އެދެމީހުންގެ ކައިވެންޏަށް ލިބުނު ފުރަތަމަ ދަރިފުޅެވެ.

"ވަރަށް އުފާވެއްޖެ. ބުނެދޭންވެސް ނޭނގޭ. މިހާރު ބޭނުންވަނީ މަންމަ އަކު ކުރާ ތަޖުރިބާކޮށްލަން،" ނިކިތާ ބުންޏެވެ.

ނިކިތާ މިހާރު ވަނީ ޑްރާމާ ސިލްސިލާ "އިޝްގްބާޒް" އިން ބްރޭކް އެއް ވެސް ނަގާފައެވެ.